Advertisement

މ. އަތޮޅުގައި ބޮޑުވެފައިވާ ޑްރަގު މައްސަލަ ރައީސްގެ ސަމާލުކަމަށް

28 އޮގަސްޓު 2022 - 19:57 1

ރައީސް ސޯލިހު މުލަކަތޮޅު، އަތޮޅު ކައުންސިލް މެމްބަރުންނާ މިއަދު ބައްދަލު ކުރައްވަނީ. -ފޮޓޯ: ރައީސް އޮފީސް


މ. އަތޮޅުގައި ބޮޑުވެފައިވާ ޑްރަގު މައްސަލަ ރައީސްގެ ސަމާލުކަމަށް

28 އޮގަސްޓު 2022 - 19:57 1

މ. މުލީގައި މަސްތުވާތަކެތީގެ މައްސަލަ އިންތިހާއަށް ބޮޑުވެފައިވާތީ، އެ މައްސަލައަށް އަވަސް ހައްލެއް ހޯދައި ދިނުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަރިހުގައި އެދިއްޖެ އެވެ.

މ. އަތޮޅުގެ ފަސް ރަށަކަށް ރައީސް ކުރައްވާ ދަތުރުގެ ތެރެއިން، މިއަދު ހަވީރު މުލިއަށް ވަޑައިގެން، އެމަނިކުފާނު ވަނީ އެ ރަށު ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީއާ ބައްދަލުކުރައްވައިފަ އެވެ.

އެ ރަށުގައި ކުރިއަށްދާ މަޝްރޫއުތަކާ ގުޅޭގޮތުން މަޝްވަރާ ކުރުމުގެ ތެރެއިން، ކައުންސިލުން ވަނީ މަސްތުވާތަކެތީގެ މައްސަލަ ރައީސްގެ ސަމާލުކަމަށް ގެނެސްފަ އެވެ.

އެ ކަމާގުޅޭ ގޮތުން އެ ރަށުގައި މަސްތުވާތަކެތީގެ ހާލަތު އޮތް މިންވަރު ދެނެގަނެ އެކަމާ ގުޅޭ ރިޕޯޓެއް ހެދުމަށް ރައީސް އެދިވަޑައިގެންނެވި އެވެ.

އަދި އެމައްސަލަ ހައްލު ކުރުމަށް މަސްތުވާތަކެއްޗާ ގުޅޭ މައްސަލަތައް ހައްލުކުރުމަށް ގައުމީ ފެންވަރުގައި މަސައްކަތްކުރާ ޓާސްކްފޯހުގައި މަޝްވަރާކުރައްވައި ހައްލުތަކެއް ހޯއްދެވުމަށް މަސައްކަތްކުރައްވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.

މުލީގެ އިތުރުން މުލައް އަދި ނާލާފުށީގެ ޒުވާނުންގެ ތެރޭގައި މަސްތުވާތަކެތީގެ މައްސަލަބޮޑުވެފައިވާ ކަން، މ. އަތޮޅު ކައުންސިލާއެކު ރައީސް ސޯލިހު ބޭއްވި ބައްދަލުވުމުގައި ވެސް ވަނީ ފާހަގަކޮށްފަ އެވެ.

މ. އަތޮޅު ކައުންސިލުން ފާހަގަކުރި އެހެން ކަންކަމުގެ ތެރޭގައި، މުލަކުގެ މަސްބަނދަރުގެ މަސައްކަތް އަވަހަށް ނިންމުމާ، މުލީ ރީޖަނަލް ހޮސްޕިޓަލްގެ ހިދުމަތްތައް، ރަނގަޅުކުރުމާއި، މުއްޔާއި ނާލާފުށި ކޯޒްވޭއަކުން ގުޅާލުމަށް އޮތް ތަސައްވަރު ހިމެނެ އެވެ.

މީގެ އިތުރުން، އަތޮޅުގެ ހުރިހާރަށަކަށް ހަމަހަމަގޮތެއްގައި ހައުސިން ޕްރޮޖެކްޓް ހިންގުމާއި، މުލީ އެއާޕޯޓު ނިމިގެންދާއިރު އަތޮޅުގައި އިތުރު ރިޒޯޓްތައް ހެދި ވަޒީފާގެ ފުރުސަތުތައް އިތުރުކުރަން ވެސް ކައުންސިލުން ވަނީ އެދިފަ އެވެ.

ކައުންސިލް މެމްބަރުން ފާހަގަކުރެއްވި ކަންކަމާއި ގުޅޭ ގޮތުން ރައީސް ވިދާޅުވީ، މުލަކުގައި ހަދާ މަސްބަނދަރުގެ މަސައްކަތް އަވަހަށް ފެށުމަށް ސަރުކާރުން މިހާރުވެސް މަސައްކަތް ކުރަމުންދާ ކަމަށެވެ. ސައުދީ ފަންޑުން ހިންގާ އެމަޝްރޫއުގެ މަސައްކަތް ލަސްވެފައިވަނީ އެމަސައްކަތް ކޮށްދޭނެ ކޮންޓްރެކްޓަރެއް ލިބުން ލަސްވެގެން ކަމަށާއި، އެމަސައްކަތް އެމްޓީސީސީއާ މިހާރު ހަވާލުކުރެވި މަސައްކަތް ފެށުމަށް ތައްޔާރުވަމުންދާ ކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.

‎މީގެ އިތުރުން ރައީސް ވިދާޅުވީ، މުލީ ރީޖަނަލް ހޮސްޕިޓަލުގެ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމާއި، އޭގެ އިތުރުން ކައުންސިލުން ފާހަގަކުރެއްވި ކަންކަމާ މެދު، ސަރުކާރުގެ ކަމާ ގުޅުންހުރި މުއައްސަސާތަކާއެކު މަޝްވަރާކުރައްވައި ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތެއް ހޯއްދެވުމަށް މަސައްކަތް ކޮށްދެއްވާނެ ކަމަށެވެ.

މި ދަތުރުފުޅުގައި ރައީސް ވަނީ މ. ރަތްމަންދޫ، މަޑުއްވަރީ، ދިއްގަރުގެ އިތުރުން ވޭވަށަށް ވެސް ވަޑައިގެންފަ އެވެ.

މި ދަތުރުފުޅު ނިންމަވާލުމަށް ފަހު ރައީސް މާލެ ވަޑައިގަންނަވާނީ މާދަމާގެ ވަގުތެއްގަ އެވެ.