Advertisement

ޝަރީފް ހުންނެވީ ސްޓެލްކޯގެ ފްލެޓު މަޝްރޫއު ދޫކޮށްލާ ގޮތަކަށް ނޫން

28 އޮގަސްޓު 2022 - 20:35 1

އައިޝަތު ނުޒުހާ

އައިޝަތު ނުޒުހާ

ސްޓެލްކޯގެ އެމްޑީ އަހުމަދު ޝަރީފް-- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު


ޝަރީފް ހުންނެވީ ސްޓެލްކޯގެ ފްލެޓު މަޝްރޫއު ދޫކޮށްލާ ގޮތަކަށް ނޫން

28 އޮގަސްޓު 2022 - 20:35 1

ސްޓެލްކޯގެ ބޯހިޔާވަހިކަމުގެ އާ މަޝްރޫއު ސަރުކާރުން ހުއްޓުވާފައި ނުވާ ކަމަށާއި އެ މަޝްރޫއު ކުރިއަށް ގެންދާނެ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް މިއަދު ވިދާޅުވެއްޖެ އެވެ.

ސަރުކާރު ހިއްސާވާ ކުންފުނިތައް އިމާރާތް ކުރުމުގެ ދާއިރާއަށް ވަނުމަކީ ސަރުކާރުގެ ސިޔާސަތު ކަމަށް ނުވާތީ ސްޓެލްކޯއިން ފަށަން ނިންމި އާ ފްލެޓު މަޝްރޫއު ސަރުކާރުން ހުއްޓުވާފައިވާ ކަމަށް ފިިނޭންސުން މީގެ ކުރިން ވަނީ ބުނެފަ އެވެ.

ފިނޭންސް މިނިސްޓްރީގެ އޮފިޝަލަކު މީގެ ކުރިން ވިދާޅުވި ގޮތުގައި އެ މަޝްރޫއު ހުއްޓާލަން އެންގީ އެސްއޯއީތަކުން ސޯޝަލް ހައުސިން ޕްރޮޖެކްޓުތައް ހިންގުމަކީ ސަރުކާރުގެ ސިޔާސަތަށް ނުވާތީ ކަމަށެވެ.

މިކަމާ ގުޅިގެން "އަދަދު"އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޝަރީފް ވިދާޅުވީ އެ ކުންފުނިން ބޯހިޔާވަހިކަމުގެ މަޝްރޫއު ކުރިއަށް ގެންދަން ގަސްދު ކުރަނީ ކުންފުނީގެ މުވައްޒަފުންނަށް ކަމަށެވެ.

އަދި، އެ ކަމުގެ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ޕޮލިސީ ތެރެއަށް ނުވަންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން އެއްވެސް ވަރަކަށް ސަރުކާރުގެ ބޯހިޔާވަހިކަމުގެ ޕޮލިސީ ތެރެއަކަށް އަޅުގަނޑުމެން ޕެނިޓްރޭޓެއް ނުވަން، އަޅުގަނޑުމެން އަޅުގަނޑުމެންގެ ސްޓާފުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ މަސައްކަތްތަކެއް މި ކުރަނީ، އެއީ ދެން ސްޓެލްކޯއިން އަބަދުވެސް ކުރަން ރާވާފައި އޮތް ކަމެއް އެ ކަމަކީ،" ޝަރީފް ވިދާޅުވި އެވެ.

ޝަރީފް ވިދާޅުވި ގޮތުގައި ބޯހިޔާވަހިކަމުގެ އެއްވެސް މަޝްރޫއެއް ހުއްޓާލަން ފިނޭންސުން އަންގާފައި ނުވެ އެވެ. އެންގީ މަޝްވަރާކޮށްގެން ކުރިއަށް ގެންދިއުމަށެވެ.

"އަޅުގަނޑުމެންގެ އިރާދަކުރެއްވިއްޔާ ކުރިމަގުގައި އިތުރު ބޯހިޔާވަހިކަމުގެ މަޝްރޫއެއް ކުރިއަށް ގެންދަން އެބަ ގަސްދުކުރަން، އެހެންނަމަވެސް ސަރުކާރުގެ ކަމާ ބެހޭ މުއައްސަސާތަކާ މަޝްވަރާ ކުރަމުން މި ގެންދަނީ،" އޭނާ އިތުރަށް ވިދާޅުވި އެވެ.

ސްޓެލްކޯއިން އެންމެ ފަހުން އިއުލާނުކޮށްފައިވަނީ ވިލިމާލޭގައި ހައުސިން މަޝްރޫއެއް ކުރިއަށް ގެންދިއުމަށެވެ.

ސަރުކާރު ހިއްސާވާ ކުންފުނިތައް އިމާރާތް ކުރުމުގެ ދާއިރާއަށް ވަނުމާ ދެކޮޅު ކަން މީގެ ކުރިން ހައުސިން އަދި ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވެސް ވަނީ ހާމަކުރައްވާފަ އެވެ.

މަޖިލީހަށް ހާޒިރުކޮށް މެންބަރަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އަސްލަމް އޭރު ވިދާޅުވީ ވިޔަފާރި ފުޅާކުރުމުގެ ނަމުގައި ކަމާ ނުގުޅޭ އެހެން ދާއިރާތަކަށް ސަރުކާރުގެ ކުންފުނިތަކުން ވަނުމަކީ އެ ކުންފުނިތަކުގެ މައިގަނޑު މަސައްކަތާމެދު ފޯކަސް ގެއްލި، އެކަމުގެ ސަބަބުން ނުރަނގަޅު ނަތީޖާތަކެއް ނުކުމެދާނެ ކަމެއް ކަމަށެވެ.

"ކޮންޓްރެކްޓަރުންގެ ގޮތުގައި ރަޖިސްޓްރީވާން އެބަހުރޭ ލާފަ. އެއީ ގާނޫނީ ގޮތުން މަނާ ކަމެއް ނޫން އެކަން ކުރުމަކީ. އެކަމަކު އަޅުގަނޑު ދެކޭ ގޮތުގައި އެމީހުން ވަދެގެން ނުވާނެ އޭގެ ތެރެއަށް،" އަސްލަމް ވިދާޅުވެފައިވެ އެވެ.

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ޕްރޮޖެކްޓްތައް ހިންގުމަށް 2019 ވަނަ އަހަރު ވަނީ ފަހި ދިރިއުޅުން ކޯޕަރޭޝަން ނަމުގައި ކުންފުންޏެއް އުފައްދާފަ އެވެ. މި ކުންފުންޏަކީ ހެޔޮ އަގެއްގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް މަޝްރޫތައް ހިންގުމަށް އުފައްދާފައިވާ ކުންފުންޏެކެވެ.