Advertisement

ޕެޑްރޯގެ މޮޅު ކުޅުމާ އެކު ލާޒިއޯ އިން އިންޓަ ބަލިކޮށްފި

27 އޮގަސްޓު 2022 - 09:29 0

ލަނޑު ޖެހުމަށް ފަހު ޕެޑްރޯ އުފާފާޅުކުރަނީ.--- ފޮޓޯ: އޭއެފްޕީ


ޕެޑްރޯގެ މޮޅު ކުޅުމާ އެކު ލާޒިއޯ އިން އިންޓަ ބަލިކޮށްފި

27 އޮގަސްޓު 2022 - 09:29 0

ރޯމް (އޮގަސްޓް 27) - ޕެޑްރޯ ރޮޑްރިގޭޒްގެ މޮޅު ކުޅުމާ އެކު އިޓާލިއަން ލީގުގައި ރޭ ލާޒިއޯ އިން 3-1 އިން އިންޓަ މިލާން ބަލިކޮށްފި އެވެ.

މި މޮޅާ އެކު މައުރީޒިއޯ ސާރީގެ ކޯޗުކަމުގައި ކުޅޭ ލާޒިއޯ އިން ވަނީ އެހެން ޓީމުތަކަށް ވުރެ އެއް މެޗު އިތުރަށް ކުޅެގެން ހަތް ޕޮއިންޓް ހަަމަކޮށް ލީގުގެ ކުރިއަށް ޖެހިލައިފަ އެވެ. މިއީ އިންޓަ އާ ސީޒަނުގައި ބަލިވި ފުރަތަމަ މެޗެވެ.

އޮލިމްޕިކް ސްޓޭޑިއަމްގައި ރޭގެ މެޗު ފަށައިގެން ފުރަތަމަ ހަމަލާ ފޮނުވާލީ ވެސް ލާޒިއޯ އިންނެވެ. އެ ގޮތުން އިންޓަ އޭރިއާތެރެއިން ލާޒިއޯގެ ކެޕްޓަން ޗީރޯ އިމޯބިލޭ ޖެހި ޝޮޓް ދިޔައީ ދަނޑިކައިރިން ބޭރުންނެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ލާޒިއޯ އަށް ލީޑުނަގައިދިނީ ފިލީޕޭ އެންޑަސަން އެވެ. މިއީ މެޗުގެ 40 ވަނަ މިނިޓްގައި ލާޒިއޯގެ ސާގޭއި މިލިންކޮވިޗް-ސަވިޗް ނަގައިިދިން ބޯޅައަކަށް އޭރިއާތެރެއަށް ހުސްކޮށް ވަދެ، އެންޑަސަން ބޮލުން ޖެހި ގޯލެކެވެ.

ދެ ވަނަ ހާފްގެ ކުޅުން ފަށައިގެން ލާޒިއޯގެ ލީޑުފުޅާކޮށްދޭން އޭރިއާތެރެއިން އިމޯބިލޭ ޖެހި ބޯޅަ އިންޓަ ކީޕަރު ސާމިރު ހަންޑަނޯވިޗް ވަނީ މަތަކޮށްފަ އެވެ.

އިންޓަ އިން އެއްވަރުކުރީ މެޗުގެ 51 ވަނަ މިނިޓްގައި ލައުޓާރޯ މާޓީނޭޒް ޖެހި ގޯލުންނެވެ. މިއީ ފެޑެރީކޯ ޑިމާކޯ ހިލޭ ޖެހުމަކުން ނެގި ބޯޅައެއް ލާޒިއޯ ޑިފެންޑަރުންނަށް ސަލާމަތް ނުކުރެވިދިޔަ ވަގުތެއްގައި އިންޓަގެ ޑެންޒެލް ޑަމްފްރީސް ބޮލުން ޖައްސާލި ބޯޅައަކަށް އަރައި, މާޓީނޭޒް ޖެހި ގޯލެކެވެ. އޭގެ އިރުކޮޅެއް ފަހުން، އިންޓަ އަށް ލީޑުނަގަަައިދޭން ޑަމްފްރީސް ބޮލުން ޖެހި ބޯޅަ ލާޒިއޯ ކީޕަރު އިވާން ޕްރޮވެޑޭލް ވަނީ މަތަކޮށްފަ އެވެ.

ލާޒިއޯ ރޭގެ މެޗުން މޮޅުކޮށްދިނުމުގެ ކްރެޑިޓް ހައްގުވާ ޕެޑްރޯ ކުޅެން އެރީ 57 ވަނަ މިނިޓްގައި މަޓިއާ ޒަގާނީގެ ބަދަލުގަ އެވެ. އެ ގޮތުން މެޗުގެ 75 ވަނަ މިނިޓްގައި ޕެޑްރޯ އަރިމަތީގައި ހުރެފައި އޭރިއާބޭރުން ލުއިޒް އަލްބާޓޯ އަށް ދިން ބޯޅަ އޭނާ އެއް ފަހަރުން ފޮނުވާލުމުން ބޯޅަ އަމާޒުވީ ގޯލުގެ މަތީ ކަނަށެވެ. އެ ބޯޅަ ގޯލަށް ވަންއިރު، އިންޓަގެ ކީޕަރު ހަންޑަނޯވިޗަށް ބޯޅަ ހުއްޓުވަން ހަރަކާތް ވެސް ނުކުރެވުނެވެ.

މެޗުގެ 86 ވަނަ މިނިޓްގައި އިންޓަ އޭރިއާތެރެއިން އިމޯބިލޭ ޖައްސާލި ބޯޅައެއް ހޯދައި، ޕެޑްރޯ ވަނީ ގޯލުގެ ދުރު ކަނަށް ފޮނުވާލައި ލާޒިއޯ އަށް ތިން ޕޮއިންޓް ޔަގީންކޮށްދީފަ އެވެ. ބޯޅަ ޖައްސާލުމަށް ފަހު އިމޯބިލޭ އިންޓަގެ ކުޅުންތެރިއަކު ފައިގައި ޖެހިފައި ވެއްޓުނުއިރު، ލާޒިއޯ ކުޅުންތެރިން ޕެނަލްޓީ އަކަށް ވެސް އެޕީލްކުރި އެެވެ. އެކަމަކު، ޕެޑްރޯ ވަނީ އެ ކަމަށް ނުވިސްނައި އެ ބޯޅަ ލިބުނު ވަގުތު ހަމަޖެހިލާފައި ކީޕަރު ހަންޑަނޯވިޗަށް ފުރުސަތެއް ނުދީ ގޯލުގެ ދުރު ކަނަށް ވައްދާލައިފަ އެވެ.

އިންޓަގެ ކޯޗު ސިމޯނޭ އިންޒާގީ ބުނީ މިއީ ވަރަށް ހަމަހަމަކޮށް ދިޔަ މެޗެއް ކަމަށާއި އިންސާފުވެރި ނަތީޖާ އަކަށްވާނީ އެއްވަރުވުން ކަމަށެވެ. އެކަމަކު، ލާޒިއޯގެ ލުއިޒް އަލްބާޓޯ ޖެހި ގޯލާ އެކު އިންޓަ އަަށް މެޗުގެ ސަމާލުކަން ގެއްލުނީ ކަމަށާއި އެއީ މެޗުން ބަލިވި ސަބަބު ގޮތުގައި އިންޒާގީ ފާހަގަކުރި އެވެ.

މެޗުން ލިބުނު މޮޅާ އެކު ލާޒިއޯގެ ކޯޗު ސާރީ ބުނީ މިއީ ކުޅުންތެރިން ޓީމެއްގެ ގޮތުގައި ވަކި ރޭވުންތަކެއްގެ މައްޗަށް ކުޅުނު މޮޅު މެޗެއް ކަމަށެވެ.