Advertisement

ޓުޗެލް ބުނީ ކޮންޓޭ ވެސް ސަސްޕެންޑް ކުރަންޖެހޭ ކަމަށް

27 އޮގަސްޓު 2022 - 08:04 0


ޓުޗެލް ބުނީ ކޮންޓޭ ވެސް ސަސްޕެންޑް ކުރަންޖެހޭ ކަމަށް

27 އޮގަސްޓު 2022 - 08:04 0

ލަންޑަން (އޮގަސްޓް 27) - އިނގިރޭސި ޕްރިމިއާ ލީގުގައި މި ފަހަރު ޗެލްސީ އާއި ޓޮޓެންހަމް ހޮޓްސްޕާސް އެއްވަރުވި މެޗުގައި ހިނގާދިޔަ ކަންތައްތަކަށް ފަހު ބެންޗަށް ނާދެވޭ ގޮތަށް ޗެލްސީގެ ކޯޗު ތޯމަސް ޓުޗެލް އަށް އެއް މެޗުގެ ސަސްޕެންޝަނެއް އައިއިރު، ޓޮޓެންހަމްގެ ކޯޗު ކޮންޓޭ އަށް ވެސް އެ ފަދަ ސަސްޕެންޝަނެއް އަންނަން ޖެހޭ ކަމަށް ޓުޗެލް ބުނެފި އެވެ.

ޗެލްސީގެ ދަނޑު، ސްޓެމްފޯޑް ބްރިޖުގައި މި މަހު 14 ވަނަ ދުވަހު ޓޮޓެންހަމާ 2-2 އިން ޗެލްސީ އެއްވަރުވި މެޗުގައި ދެ ފަހަރެއްގެ މަތިން ޓުޗެލް އާއި ކޮންޓޭގެ އަރާރުމެއް ފެނިގެންދިޔަ އެވެ.

އެ ގޮތުން އެންމެ ފުރަތަމަ ޓޮޓެންހަމުން 1-1 އިން ޗެލްސީއާ އެއްވަރުކުރި ވަގުތުގައި ޓެކްނިކަލް އޭރިއާ ކައިރީގައި ކަންތައްތަކެއް ހިނގިއިރު، ދެން މެޗު ނިމިގެން ކޮންޓޭ އާއި ޓުޗެލް ސަލާމްކުރަން ކައިރި ވަގުތުގައި ހިނގި ކަންތައްތަކެއްގެ ސަބަބުން ދެ ކޯޗުން ދުރުކުރީ ދެ ޓީމުގެ ކުޅުންތެރިންނާ ސްޓާފުން އެއް ވެގެންނެވެ.ދެ ކޯޗުންނަށް ވެސް ވަނީ މެޗުގައި ދެ ވަނަ ރީނދޫ ކާޑާ އެކު ރަތް ކާޑު ދައްކައިފަ އެވެ.

އިނގިރޭސި އެފްއޭ އިން މައްސަލަ ބެލުމަށް ފަހު ނިންމީ ޓުޗެލް 35،000 ޕައުންޑް (41،403 ޑޮލަރު) އިން ޖޫރިމަނާކޮށް ބެންޗަށް ނާދެވޭ ގޮތަށް ސަސްޕެންޑް ކުރުމަށެވެ. ކޮންޓޭ އަށް ދިނީ 15،000 ޕައުންޑް (17،744 ޑޮލަރު)ގެ ޖޫރިމަނާ އެކެވެ. ޓުޗެލްގެ މައްސަލައިގައި ފުރިހަމަ ރިޕޯޓް ހުށަހަޅަންދެން އޭނާގެ ސަސްޕެންޝަަނަށް އަމަލެއް ނުކުރެ އެވެ. އެހެންވެ، ލީގުގައި ޗެލްސީން 3-0 އިން ލީޑްސް ޔުނައިޓެޑް އަތުން ބަލިވި މެޗަށް ޓުޗެލް އަށް ބެންޗަށް ދެވުނެވެ. އެކަމަކު، ލީގުގައި މިރޭ ލެސްޓާ ސިޓީއާ ދެކޮޅަށް ޗެލްސީ ކުޅޭ މެޗުގައި ޓުޗެލް އަށް ބެންޗުގައި ނީދެވޭނެ އެވެ.

"އަހަރެން ދެކޭގޮތުގައި މީގެ ދެ ފަރާތުން ވެސް ގޯސް ހަދާފައި އެބައޮތް. އެހެންވީމަ، އިންސާފުވެރި ގޮތަކީ ދެ ފަރާތަށް ވެސް އެ އަދަބެއް އޮންނަން ޖެހޭނެ،" ޓުޗެލް ބުންޏެވެ.

ޓޮޓެންހަމް މެޗަށް ފަހު ޓުޗެލް ވަނީ އެ މެޗުގެ ރެފްރީ އެންތަނީ ޓޭލާ އަށް ވެސް ފާޑުކިޔައިފަ އެވެ. އެ މައްސަލަ ވެސް އިނގިރޭސި އެފްއޭ އިން އަންނަނީ ބަލަމުންނެވެ. ޓުޗެލް ބުނީ ކުރިއަށް އޮތްތަނުގައި އޭނާ ރެފްރީންނާ ބެހޭގޮތުން މީޑިއާ އިން ކުރާ ސުވާލުތަކަށް ޖަވާބު ދޭ ނިސްބަތް މަދުވާނެ ކަމަށެވެ.

ލެސްޓާއާ ދެކޮޅަށް މިރޭގެ މެޗަށް ނުކުންނައިރު، އެ ޓީމަށް އޮތް އެންމެ ބޮޑު ކަންބޮޑުވުމަކީ ފްރާންސްގެ މިޑްފީލްޑަރު އެންގޯލޯ ކާންޓޭ ފަލަމަސްގަނޑަށް ލިބިފައިވާ އަނިޔާއިން ރަނގަޅުވެ، އެނބުރި ކުޅުމަށް އަންނަން އަދި ހަތަރު ހަފްތާއެއްހާ ދުވަސް ނަގާނެކަން ޔަގީންވުމެވެ. އެކަމަކު، ޗެލްސީ އަށް އޮތް ހިތްހަމަ ޖެހުމަކީ ލެސްޓާ އިން އެންމެ ފަހުން ފްރާންސްގެ ޑިފެންޑަރު، ވެސްލީ ފޮފާނާ ޗެލްސީ އަށް ވިއްކާލަން އެއްބަސްވުމެވެ.