Advertisement

ޕީއެސްޖީގެ ކޮންޓްރެކްޓް އުވާލައި ހެރޭރާ ބިލްބާއޯ އަށް: ރިޕޯޓް

24 އޮގަސްޓު 2022 - 17:24 0


ޕީއެސްޖީގެ ކޮންޓްރެކްޓް އުވާލައި ހެރޭރާ ބިލްބާއޯ އަށް: ރިޕޯޓް

24 އޮގަސްޓު 2022 - 17:24 0

މެޑްރިޑް (އޮގަސްޓް 24) - ޕީއެސްޖީއާ އެކު ސްޕެއިންގެ މިޑްފީލްޑަރު, އެންޑަ ހެރޭރާ ހަދާފައިވާ ކޮންޓްރެކްޓް އުވާލައި، އޭނާ ކުރިން ކުޅުނު ކްލަބް އެތުލެޓިކް ބިލްބާއޯ އަށް ސޮއިކުރުމަށް ތައްޔާރުވަމުން އަންނަ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

މީގެ ތިން އަހަރު ކުރިން، 2019 ވަނަ އަހަރު މެންޗެސްޓާ ޔުނައިޓެޑް ދޫކޮށް ހިލޭ ޓްރާންސްފާއެއްގައި ހެރޭރާ ޕީއެސްޖީ އަށް ބަދަލުވީ ފަސް އަހަރުގެ ކޮންޓްރެކްޓެއްގަ އެވެ. ހެރޭރާ، 33، ޕީއެސްޖީއާ އެކު ހަދާފައިވާ އެއްބަސްވުމުގައި ބާކީ ދެ އަހަރު އޮއްވައި، އެ ޓީމުން އޭނާއާ މަޝްވަރާ ކުރުމަށް ފަހު މި ވަގުތު ނިންމާފައި އޮތީ ކޮންޓްރެކްޓް އުވާލުމަށެވެ.

ސްޕެއިނުގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން ހެރޭރާ މިހާރު ވަނީ ބިލްބާއޯއާ އެކު ދެ އަހަރުގެ ކޮންޓްރެކްޓެއްގައި ސޮއިކުރަން މަޝްވަރާތައް ނިންމާލައިފަ އެވެ. އެކަމަކު، ހެރޭރާ ރަސްމީކޮށް ޕީއެސްޖީ ކޮންޓްރެކްޓް އުވާލުމުގެ ހުރިހާ ކަމެއް ނިމިގެންދާނީ، ޕީއެސްޖީން ބާކީ ދެ އަހަރަށް މާލީ ބަދަލެއް ދިނުމުންނެވެ.

ޒަރަގޯޒާގެ ޔޫތު ޓީމުން ސީނިއާ ޓީމަށް ޕްރޮމޯޓްވި ހެރޭރާ ވަނީ 2011 ވަނަ އަހަރު 8.2 މިލިއަން ޑޮލަރަށް ބިލްބާއޯ އަށް ބަދަލުވެފަ އެވެ. ބިލްބާއޯ ޓީމަށް ތިން އަހަރު ކުޅެދިނުމަށް ފަހު، ހެރޭރާ ވަނީ 2014 ވަނަ އަހަރު 34 މިލިއަން ޑޮލަރަށް މެންޗެސްޓާ ޔުނައިޓެޑާ ގުޅިފަ އެވެ.

ޔުނައިޓެޑާ އެކު ފަސް އަހަރު ހޭދަކުރި ހެރޭރާ އެ ޓީމު ދޫކޮށްލީ ކޮންޓްރެކްޓް ފުރިހަމަ ކުރުމަށް ފަހު 2019 ވަނަ އަހަރު އެވެ. ހެެރޭރާ ވަނީ ޔުނައިޓެޑާ އެކު އެފްއޭ ކަޕާއި ލީގު ކަޕާއި ޔޫރޮޕާ ލީގު ކާމިޔާބުކޮށްފަ އެވެ. އަދި ޕީއެސްޖީއާ އެކު ފްރާންސް ލީގާއި ފްރެންޗް ކަޕް އަދި ފްރެންޗް ސުޕަ ކަޕް ދެ ފަހަރު ކާމިޔާބުކޮށް ފްރާންސްގެ ލީގު ކަޕް އެއް ފަހަރު ކާމިޔާބުކޮށްފަ އެވެ.