Advertisement

މުސާރަ ބޮޑުނުކޮށްގެން އެމްއެންޔޫ މުވައްޒަފުންގެ ސިޓީއެއް މަޖިލީހަށް

24 އޮގަސްޓު 2022 - 13:55 0

މުހައްމަދު ނަސީމް

މުހައްމަދު ނަސީމް

މުސާރަޔާއި އިނާޔަތްތައް ބޮޑުނުކުރާތީ ގައުމީ ޔުނިވާސިޓީގެ ލެކްޗަރާއިން މީގެ ކުރިން މުޒާހަރާކުރަނީ. ލެކްޗަރާއިން މިހާރު ވަނީ އެ މައްސަލަ މަޖިލީހަށް ސިޓީއެއް ފޮނުވާފައި.


މުސާރަ ބޮޑުނުކޮށްގެން އެމްއެންޔޫ މުވައްޒަފުންގެ ސިޓީއެއް މަޖިލީހަށް

24 އޮގަސްޓު 2022 - 13:55 0

މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ)ގެ މުވައްޒަފުުން، މުސާރަ ބޮޑު ނުކޮށްގެން ފާޅުކުރަމުން ގެންދާ ކަންބޮޑުވުން ރައްޔިތުންގެ މަޖިލީހަށް ވެސް ހުށަހަޅައިިފި އެވެ.

އެމްއެންޔޫގެ މުވައްޒަފުންގެ މުސާރަ ބޮޑުނުކުރާތީ އާއި އެހެން ގޮތް ގޮތުން ހުރި ކަންބޮޑުވުންތަކާ އެކު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ފޮނުވި ސިޓީ، އެ މަނިކުފާނު ހުށަހެޅުއްވީ މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީއަށެވެ. ސިޓީ އާއްމުކުރީ އެކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގަ އެވެ. އެހެން ނަމަވެސް އެ ސިޓީއާ ބެހޭ ގޮތުުން ކޮމިޓީގެ މެމްބަރުން މިއަދު ކުރެއްވި މަޝްވަރާ ކުރިއަށް ގެންދިޔައީ ސިއްރުންނެވެ.

ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީގެ މުގައްރިރު، އެ ކޮމިޓީގެ މެމްބަރުންނަށް މިއަދު އިއްވެވި ސިޓީގައި ބުނެފައި އޮތީ ޔުނިވާސިޓީގެ މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތައް އެކަށީގެންވާ ވަރަކަށް ބޮޑުނުކޮށްގެން ވާހަކަ ދައްކަ ދައްކައި ތިއްބާ، ދައުލަތުގެ އެހެން ގިނަ ދާއިރާތަކެއްގެ މުސާރަ ބޮޑުކޮށްފައިވާ ކަމަށެވެ. ބައެއް ދާއިރާތަކަށް ދެތިން ފަހަރު މުސާރަ ބޮޑުކޮށްފައިވާ ކަމަށް ވެސް އެ ސިޓީގައި ބުންޏެވެ.

"...އަޅުގަނޑުމެން މިވާހަކަ ދައްކަދައްކައި ތިއްބާ ޑޮކްޓަރުންނާއި ނަރުހުންނާއި ޓީޗަރުންނާއި ޖުޑިޝަރީއާއި ސިފައިންނާއި ފުލުހުންނާއި ސިވިލް ސާވިސް ކޮމިޝަނާއި ސިވިލް ސާވަންޓުންނަށް އަދި މިނިވަން މުއައްސަސާތަކަށް މުސާރަ ބޮޑުވެއްޖެ އެވެ،" އެމްއެންޔޫ މުވައްޒަފުން މަޖިލީހަށް ފޮނުވި ސިޓީގައި ބުންޏެވެ.

ދައުލަތުގެ ބައެއް މުއައްސާސަތުގެ މުވައްޒަފުންނަށް ލިބޭ ލިވިން އެލަވަންސާއި ހެލްތު އިންޝުއަރެންސުން ވެސް ޔުނިވާސިޓީގެ މުވައްޒަފުން ތިބީ މަހުރޫމް ވެފައި ކަމަށް އެ މުވައްޒަފުންގެ ޝަކުވާގެ ސިޓީގައި ބުންޏެވެ.

އެމްއެންޔޫ މުވައްޒަފުންނަށް ހައްގުވާ މިންވަރުގެ މުސާރަޔާއި އިނާޔަތްތައް ކަނޑައެޅުއްވީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި 2011 ވަނަ އަހަރު ކަމަށާއި މުސާރައިގެ ކުރިއެރުން ލިބޭނެ ގޮތުގެ އޮނިގަނޑެއް ތައްޔާރުކުރީ 2015 ވަނަ އަހަރު (ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި) ކަމަށް ވެސް އެ ސިޓީގައި ބުންޏެވެ.

"...މި އޮނިގަނޑު ތައްޔާރު ކުރެވުނު އިރު [ޔުނިވާސިޓީގެ] ކައުންސިލުން ގެންގުޅުއްވި ވިސްނުމަކީ ޖީޑީޕީއާއި ސީޕީއައި އަދި އިންފްލޭޝަން އަށް އަންނަ ބަދަލުތަކާ އެކު ދެ އަަހަރުން އެއް އަހަރު މުސާރަތައް ރިވައިސް ކުރެވި މުވައްޒަފުންނަށް މުސާރައިގެ ކުރިއެރުން ހޯދައިދިނުމެވެ،" އެމްއެންޔޫ މުވައްޒަފުންގެ ސިޓީގައި ބުންޏެވެ.

އެހެން ނަމަވެސް އޭގެ ފަހުން މިއަދާ ހަަމައަށް ވެސް މުސާރައިގެ އޮނިގަނޑު މުރާޖައާކޮށްފައި ނުވާ ކަމުގެ ޝަކުވާ އެ ސިޓީގައި ކޮށްފައި އޮތެވެ.

އެމްއެންޔޫ މުވައްޒަފުން މަޖިލީހަށް މިފަދަ ސިޓީއެއް ފޮނުވި އިރު އެ މުވައްޒަފުން ވަނީ މުސާރައިގެ މައްސަލައިގައި މީގެ ކުރިން އިހުތިޖާޖު ވެސް ކޮށްފަ އެވެ. ޓީޗަރުންގެ މުސާރަ ބޮޑުކުރުމާ އެކު މިދިޔަ މޭމަހު އެމްއެންޔޫއާއި އިސްލާމިކް ޔުނިވާސިޓީގެ މުވައްޒަފުން އޭރު ކުރި އިހުތިޖާޖުގައި ބުނީ "ލެކްޗަރާއިން ބާކީކޮށްލާފައިވާ" ކަމަށެވެ.