ދަނޑެއްގައި މީހަކު މަސައްކަތް ކުރަނީ: މޫސުމީ ވިއްސާރައިން ދަނޑުވެރިންނަށް ނިވަލެއް ނެތް - ފޮޓޯ: އާއިމް ޒަމީރު / އަދަދު
ގުދުރަތީ ކާރިސާތަކުން ދިވެހި ދަނޑުވެރިންނަށް ލިބޭ ގެއްލުން ދަނީ ދުވަހަކުން ދުވަހެއް އިތުރުވަމުންނެވެ. މިފަދަ ހާދިސާތައް ގިނަވަނީ ދުނިޔެ ހޫނުވުމުގެ ސަބަބުން މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެންނެވެ. ވެއެތުވި އަހަރުތަކަށް ބަލާއިރު، ވިއްސާރަވުމާއި އުދައެރުމާއި ހަނަފަސްކަމާ ގުޅިގެން ރާއްޖޭގެ އެކި ރަށްރަށުގައި ދަނޑުވެރިންނަށް އެކިވަރުގެ ގެއްލުން ލިބިފައި އެބަހުއްޓެވެ.
އއ. ތޮއްޑޫއިން ވާހަކަދެއްކި ދަނޑުވެރިޔާ ވިޝާލް ބުނީ އެއް އަހަރެއްގައި 70،000ރ. ގެއްލުން ލިބުނު ކަމަށެވެ. ފުވައްމުލަކުން ވާހަކަދެއްކި ދަނޑުވެރިއަކު ބުނީ ގުދުރަތީ ކާރިސާތަކުގެ ތެރެއިން ވެސް ދަނޑުވެރިންނަށް އެންމެ ބޮޑު ގެއްލުމެއް ލިބެމުންދަނީ ބޯކޮށް ވާރޭވެހުމުގެ ސަބަބުންނެވެ. ހާއްސަކޮށް މެއި ޖޫން ވިއްސާރައިގައި މިހެން ހިނގާފައި ހުރި ހާދިސާތައް ގިނަކަން އޭނާ ފާހަގަކުރެވެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ތިމާވެއްޓާ ބެހޭ ކޮމިޓީން މިދިޔަ އަހަރު އެކުލަވާލި ރިޕޯޓެއްގައިވާ ގޮތުގައި އެ އަހަރުގެ މޭ މަހު ކުރި ވިއްސާރައިގައި 74 ރަށަކަށް އެކިވަރުގެ ގެއްލުން ލިބުނުއިރު، މުޅި ރާއްޖެއިން ގާތްގަނޑަކަށް 4000 ކެޔޮގަހާއި 135 ބަނބުކެޔޮ ގަހާއި 70 ވަރަކަށް ރުކުގެ އިތުރުން ގިނަ އަދަދެއްގެ އެހެނިހެން ބާވަތްތަކުގެ ގަސް ވެއްޓުނެވެ.
މިއީ އެންމެ އަހަރެއްގެ އެންމެ މަހެއްގެ ތެރޭގައި ލިބުނު ގެއްލުމެވެ. ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) ގެ ރިޕޯޓުތަކުން ދައްކާ ގޮތުގައި 2012-2019 އަށް، ޖުމްލަ 24 ރަށަކުން ދަނޑުތަކަށް އެކި މިންވަރަށް ގެއްލުން ލިބިފައިވެ އެވެ. ނަމަވެސް މިއީ އެގްރިކަލްޗާ މިނިސްޓްރީ އާއި ކައުންސިލްތަކާއި އެ ނޫން ވެސް ތަނަކުން ރަނގަޅަށް ބަލަހައްޓާ ރެކޯޑުތަކަކަށް ނުވާތީ ލިބުނު ގެއްލުމުގެ ހަގީގީ އަންދާޒާއެއް ވަޒަންކުރަން ދައްޗެވެ.
އެ ރެކޯޑުތައް ނުބަލަހައްޓާ ސަބަބު ފާހަގަކުރަމުން އެގްރިކަލްޗާ މިނިސްޓްރީން ރައްޔިތުންގެ މަޖިލީހުގެ އިގުތިސޯދީ ކޮމިޓީގައި ބުނީ، ދަނޑުވެރިންނަށް ލިބޭ ގެއްލުންތަކުގައި އެހީތެރިކަން ފޯރުކޮށްދޭނެ ގޮތެއް ނެތުމުގެ ސަބަބުން ވިއްސާރައިގެ ސަބަބުން ދަނޑުތަކަށް ލިބިފައިވާ ގެއްލުންތައް ބަލަމުން ނުދާ ކަމަށެވެ. އެންޑީއެމްއޭއިން ވެސް ބުނީ ދަނޑުވެރިންނަށް ލިބޭ ގެއްލުންތައް ރިޕޯޓުކުރުން ކުޑައީ، ގެއްލުމަށް ބަދަލުދޭނެ ނިޒާމެއް ގާއިމުވެފައި ނެތުމުން ކަމަށެވެ. މިހެންވީއިރު، ސުވާލަކީ މިފަދަ ނިޒާމެއް މިހާތަނަށް އެކުލަވާލެވިފައި ނުވަނީ ކީއްވެތޯ އެވެ.
މި ސުވާލަށް ޖަވާބުދާރީވަމުން އެގްރިކަލްޗާ މިނިސްޓްރީން ބުނީ ކުރީ ސަރުކާރުން އެލައިޑް އިންޝުއަރެންސާ ގުޅިގެން މިފަދަ އިންޝުއަރެންސް ސްކީމެއް 2015 ގައި ތައާރަފުކުރި ކަމަށެވެ. މިއީ ދަނޑުވެރިޔާގެ ޖީބުން 10 ޕަސެންޓު ޕްރީމިއަމް އަދި ބާކީ ސަރުކާރުން ދައްކާ ގޮތަށް ތައާރަފުކުރެވުނު ސްކީމެކެވެ. އެކަމަކު ސްކީމް ފެށިތާ އަހަރެއް ފަހުން ހުއްޓާލަން ޖެހުނީ ދަނޑުވެރިން ދައްކަންޖެހޭ ފައިސާ ދައްކަން އެކަށީގެންވާ އިޖާބައެއް ނުލިބުމުން ކަމަށް މިނިސްޓްރީން ބުންޏެވެ.
އޭރު އެހެން ދިމާވި ނަމަވެސް، އަލުން މިފަދަ ސްކީމެއް ތައާރަފުކުރަން ޖެހޭ ކަމަށް މިނިސްޓްރީން ވެސް އެއްބަހެވެ. މިނިސްޓްރީން އިތުރަށް ބުނީ އިންޝުއަރެންސް ކުންފުނިތަކާ ގުޅިގެން އެފަދަ ސްކީމެއްގެ ކޮންސެޕްޓް ވެސް އެކުލަވާލެވިފައިވާ ކަމަށެވެ. އެ ކޮންސެޕްޓް ކަރުދާހުގައިވާ ގޮތުގައި، ކުރިން ހިންގި އިންޝުއަރެންސް ސްކީމެކޭ އެއްގޮތަށް ދެން ހިންގާ ސްކީމެއް ވެސް ހިންގާޏީ ދަނޑުވެރިޔާ ބަޔެއް އަދި ސަރުކާރުން ބަޔެއް ދައްކާ ގޮތަށެވެ. ދަނޑުބިންތައް އިންޝުއާ ކުރެވޭ މުއްދަތަކީ 12 މަސް ދުވަހެވެ.
ހަމަ ކުރީގެ ސްކީމެކޭ އެއްފަދައިން މިފަހަރުގެ ސްކީމުގައި ވެސް ސަރުކާރުން ދައްކާ ޕްރީމިއަމްގެ ނިސްބަތް ވަނީ ދަނޑުގެ ކުޑަ ބޮޑުމިނަށް ބިނާކޮށް، ގިންތިތަކަށް ބަހާލެވިފަ އެވެ. އެއީ ކުޑަ ބިންތަކުގައި ދަނޑުވެރިންކަން ކުރާ ދަނޑުވެރިންނަށް ސަރުކާރުން ބޮޑު އެއްޗެއް ދައްކާ ގޮތަށް، އަދި ދަނޑުގެ ސައިޒު ބޮޑުވާ ވަރަކަށް ދަނޑުވެރިޔާ ދައްކަން ޖެހޭ ޕްރީމިއަމް އިތުރުވާ ގޮތަށެވެ.
މިސާލަކަށް 5000 އަކަފޫޓުގެ ދަނޑުބިމެއް އިންޝުއާ ކުރަން ޕްރީމިއަމްގެ އަގަކީ 45،000ރ. އެވެ. އޭގެ ތެރެއިން ސަރުކާރުން ދައްކައިދޭ ޕްރީމިއަމްގެ ޖުމްލަ އަގަކީ 30،375ރ. ނުވަތަ ކޮންމެ މަހަކު 2868.75ރ. އެވެ. ދަނޑުވެރިޔާ ދައްކަން ޖެހެނީ މަހަކު 506.25ރ. އެވެ. ދަނޑުވެރިޔާގެ ބިމުގެ ސައިޒަކީ 5001-10000 އަކަފޫޓާ ދެމެދުގެ އަދަދެއް ނަމަ ޕްރީމިއަމްގެ ގޮތުގައި މަހަކަށް ޖެހޭ 11،250ރ. ގެ ތެރެއިން ސަރުކާރުން ދައްކައިދެނީ 4500ރ. އަދި ދަނޑުވެރިޔާ 6،750ރ. ދައްކަން ޖެހެ އެވެ.
މި އިންޝުއަރެންސް ސްކީމުން ބޯކޮށް ވާރޭވެހުމުން ލިބޭ ގެއްލުމުގެ އިތުރުން ހަތް ހާލަތެއްގައި ބަދަލުދޭން ހިމަނާފައިވެ އެވެ. އެއީ އުދައެރުމުގެ ސަބަބުން ލޮނުގެ އަސަރުކުރުމާއި، ސުނާމީއެއް އެރުމާއި، ބިންގަނޑު ކަނޑައިގެން ދިޔުމުގެ އިތުރުން ވައިގެ ތޫފާނާއި، ހަނަފަސްކަމާއި، ބަލިޖެހުމުން ގަސްތަކަށް ލިބޭ ގެއްލުމާއި ދަނޑުގޮވާމުގެ އިންޝުއަރެންސް ސެޓްފިކެޓްގައި ބަޔާންކޮށްފައި ހުރި އިތުރު ކަންކަމެވެ.
ކުރިން ހިންގި ސްކީމުގެ ތަޖުރިބާއަށް ބަލާފައި ސަރުކާރުން ހުށަހަޅާފައިވަނީ ރަށްރަށުގެ ރަށު ކައުންސިލްތަކުން އިންޝުއަރެންސް ސްކީމްގައި ބައިވެރިވާން ބޭނުންވާ ހުރިހާ ދަނޑުވެރިންނަށް ޕޮލިސީ ނަގައިދޭށެވެ. ސަރުކާރުން މިގޮތަށް ހުށަހެޅީ ދަނޑުވެރިންނާ އެންމެ ގާތުން މަސައްކަތްކުރާ އަދި ދަނޑުބިންތައް ދޫކުރުމާއި ދަނޑުވެރިންގެ ދަފްތަރު ބެލެހެއްޓުމުގެ ކަންކަން ކުރާ މުވައްސަސާއަކީ ރަށު ކައުންސިލްތަކަށް ވާތީ އެވެ.
ދަނޑުވެރިން އިންޝުއަރެންސް ޕޮލިސީގައި ބައިވެރިކުރަން ރަށު ކައުންސިލުތަކާ މަތިކުރުމުގެ އަނެއް ބޭނުމަކީ ޕޮލިސީއަށް ބޭނުންވާ ލިޔެކިޔުމާއި އެހެނިހެން ކަންކަން ފަސޭހަކޮށްދީ ދަނޑުވެރިން ބޭނުންވެގެން އިންޝުއަރެންސް ޕޮލިސީ ނަގަން ފަހިކޮށްދިނުމެވެ. އަދި ބިންތައް ދޫކުރާއިރު އިންޝުއަރެންސް ސްކީމުގައި ބައިވެރިވާން ބާރުއެޅުން ފަދަ ކަންކަން އެންމެ ފަސޭހައިން ކުރެވޭނީ ވެސް ރަށު ކައުންސިލްތަކަށް ވާތީ އެވެ.
މި ސްކީމުގެ މަސައްކަތް މި ހިސާބަށް ގޮސްފައި ހުރި ނަމަވެސް، މިފަދަ ސްކީމެއް ތައާރަފުކުރުމާ ގުޅިގެން އިންޝުއަރެންސް ކުންފުނިތަކުގެ ކަންބޮޑުވުންތަކެއް ވެސް އެބަހުއްޓެވެ. މައިގަނޑު ކަންބޮޑުވުމަކީ މިފަދަ ޕޮލިސީއަކަށް ދަނޑުވެރިންގެ މެދުގައި އޮތް ޑިމާންޑު ނުވަތަ މާކެޓު އޮތް ވަރު ނޭނގުމެވެ.
ކުރިން ހިނގި ސްކީމާ ގުޅުވާ އިގުތިސޯދީ ކޮމިޓީއަށް މައުލޫމާތު ދެމުން ރާއްޖޭގެ އެންމެ ދުވަސްވީ އިންޝުއަރެންސް ކުންފުނި، އެލައިޑް އިންޝުއަރެންސްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަފާޒު ވިދާޅުވީ 2015 ގައި ވިކުނު 36 ޕޮލިސީގެ ތެރެއިން ފައިސާ ނުދައްކައިގެން އެ އަހަރުގެ ތެރޭގައި 24 ޕޮލިސީއެއް ކެންސަލްކުރި ކަމަށެވެ. ބާކީ ހުރި ޕޮލިސީތައް ވެސް ފައިސާ ނުދެއްކުމުގެ ސަބަބުން 2016 ގައި ކެންސަލްކޮށްލީ އެވެ. އޭނާ ވިދާޅުވީ އެލައިޑުން އަދިވެސް އެ އިންޝުއަރެންސް ޕޮލިސީ އުވާނުލި ނަމަވެސް، 2015ގެ ފަހުން އެންމެ ޕޮލިސީއެއް ފިޔަވާ އިތުރު ޕޮލިސީއެއް ވިކިފައި ނުވާކަމަށެވެ.
ޝަފާޒުގެ ކަންބޮޑުވުންތައް ހިއްސާކުރަމުން އެ ކޮމިޓީގައި ބައިވެރިވި ސެލިންކޯ އިންޝުއަރެންސާއި، ދިވެހި އިންޝުއަރެންސުގެ އިތުރުން ސޮލަރެލް އަދި އަމާނާ ޓަކަފުލްއިން ވެސް ބުނީ މިފަދަ ޕޮލިސީއެއް ވިއްކަން ރާއްޖެ ކަހަލަ ގައުމެއްގައި ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ ދަނޑުވެރިން މަދުވުމެވެ. މިއާ ގުޅިގެން ދެމެހެއްޓެނިވި ގޮތެއްގައި މިފަދަ ޕޮލިސީތައް ވިއްކުމަކީ ވިޔަފާރިއެއްގެ ނަޒަރުން ބަލާއިރު ކުރެވޭނެ ކަމެއް ނޫން ކަމަށް އެ ކުންފުނިތަކުން ބައިވެރިވި މަންދޫބުން ބުންޏެވެ. އެހެން ނަމަވެސް، މިއީ ރާއްޖެއަށް މުހިންމު ޕްރޮޑަކްޓެއް ކަމަށް އިންޝުއަރެންސް ހިދުމަތްދޭ ކުންފުނިތަކުން އެއްބަސްވެ އެވެ.
މި ރިޕޯޓުގެ ބޭނުމަށް މި ނޫހާ ވާހަކަދެއްކި ހުރިހާ ދަނޑުވެރިން ވެސް ބުނީ ފަސޭހަ އިންތިޒާމުތަކެއްގެ ތެރެއިން އިންޝުއަރެންސް ޕޮލިސީ ނެގޭ ނަމަ، އަމިއްލަ ޖީބުން ހަރަދުކޮށްގެން ނަމަވެސް އެކަން ކުރަން ތައްޔާރު ކަމަށެވެ. އަދި ޑިމާންޑު ނެތޭ ބުނި ނަމަވެސް، މިފަދަ ޕޮލިސީއަކުން ލިބޭ ފަސޭހަތައް ކިޔައިދެވިއްޖެ ނަމަ އިންޝުއާ ކުރަން ހިޔާރުކުރާ ދަނޑުވެރިންގެ އަދަދު އިތުރުކުރެވޭނެ ކަމަށް އެމީހުން ދެކެ އެވެ.
މައްސަލައަކީ، އެ ޕޮލިސީ ނެގޭ ކަން ނުވަތަ އިންޝުއާ ކުރެވޭ ކަން ދަނޑުވެރިކަން ނޭނގުމެވެ. އިންޝުއަރެންސަކީ ހައްލެއް ނަމަވެސް އެ ލިބޭކަން ނޭނގޭ ނަމަ ނެރޭނެ ނަތީޖާއެއް ނޯންނާނެ އެވެ. ހިތާމަޔަކީ ހައްލެއް އޮވެމެ، އެ ހައްލު ބޭނުންވާ މީހާއަށް ފޯރުކޮށްދޭން ނުކުޅެދިފައި ވުމެވެ.
އެގޮތުން ދަނޑުވެރިންނަށް ލިބޭ ގެއްލުންތަކަށް ބަދަލުދޭނެ ރަނގަޅު ހަރުދަނާ ނިޒާމެއް ތިން މަސް ތެރޭގައި އެކުލަވާލުމަށް މިދިޔަ އަހަރުގެ ޖޫން މަހު އެގްރިކަލްޗާ މިނިސްޓްރީއަށް އެންގި ނަމަވެސް މިއަދާ ހަމައަށް އެ މަސައްކަތްކޮށްފައި ނުވެ އެވެ. މިނިސްޓްރީއަށް އެ މަސައްކަތް ނުވެ އޮއްވާ މި އަހަރުގެ ބޯ ވިއްސާރައިގައި ވެސް ދަނޑު ބިންތަކަށް ގެއްލުން ލިބިއްޖެ އެވެ.
ދަނޑުވެރިކަމަކީ ގުދުރަތީ ވެއްޓާ ގުޅިލާމެހިފައިވާ މަސައްކަތަކަށްވީއިރު، ގުދުރަތީ ކާރިސާތަކުގެ ސަބަބުން ދަނޑު ބިންތަކަށް ގެއްލުންވާނެ އެވެ. އެއީ އަތްމަތިން ދޫވެފައި އޮތް ކަމެކެވެ. އެކަމަކު އެ ލިބޭ ގެއްލުމުގެ ބަދަލު ލިބެނީ ނަމަ، ދަނޑުވެރިންނަށް މިހާރަށް ވުރެ ބޮޑު ރައްކާތެރިކަމެއް ލިބި ދަނޑުވެރިންނާއި ދަނޑުވެރި އުފެއްދުންތެރިކަން އިތުރުވުމުގެ ފުރުސަތު ވެސް ބޮޑެވެ. މިހެންކަމުން މިކަމަށް އަވަސް ހައްލެއް ހޯދައިދޭން ޖެހެ އެވެ.
Comment