Advertisement

އެކަހެރިކަމުގައި ހޭދަކުރި ތިން ގަރުނު؛ ޖަޕާނުގެ ތާރީހުން މި ޒަމާނަށް އިބުރަތެއް

27 އޮގަސްޓު 2022 - 09:01 2

އާމިނަތު އިބްރާހިމް

އާމިނަތު އިބްރާހިމް


އެކަހެރިކަމުގައި ހޭދަކުރި ތިން ގަރުނު؛ ޖަޕާނުގެ ތާރީހުން މި ޒަމާނަށް އިބުރަތެއް

27 އޮގަސްޓު 2022 - 09:01 2

މީލާދީން 1600 ވަނަ ގަރުނު ފެށުނު އިރު، ހުޅަނގުގެ ފާދިރީން ގެނައި އީސާއީ ދީނުގެ ކުލަވަރު އޭޝިއާ ބައްރަށް ފެތުރެން ފަށައިފި އެވެ. މިއާ އެކު، މި އަގީދާއެއް، ޖަޕާނަށް ވެސް ފެތުރިގެން ހިނގައިދާނެ ކަމުގެ ބިރާއި ހާސްކަން އެ ގައުމުގެ ސަރުކާރަށް ބޮޑުވެއްޖެ އެވެ. ނަތީޖާއެއްގެ ގޮތުން، 1603 ވަނަ އަހަރު ފެށުނުއިރު، ރަށް އެކީ އެކަށް ބަންދުކޮށް، ދުނިޔެއާ މުޅިން ވަކިކޮށްލި އެވެ. އެތެރޭގެ މީހަކަށް ބޭރުނުވެވޭ ގޮތް ހަދައި، ބޭރު މީހުންގެ ތެރެއިން ހާއްސަ، މަދު ބަޔަކަށް މެނުވީ ގައުމަށް ނުވަދެވޭ ގޮތް ހެދި އެވެ. މިއީ ޖަޕާނުގެ 'އީޑޯ' ޕީރިއަޑްގެ ގޮތުގައި ތާރީހީ ފޮތްތަކުގައި ބުނެދީފައިވާ ޒަމާނެވެ. ގައުމުގެ ބޯޑަރުތައް އެ ބަންދުކުރި ގޮތަށް، ތިން ގަރުނު ވަންދެން އެގޮތުގައި ދެމިއޮތެވެ. ބޯޑަރު ހުޅުވައިލީ މީލާދީން 1868ގަ އެވެ.

ދުނިޔޭގެ އެހެން އެއްވެސް ގައުމަކުން ނުފެންނަ ފަދަ އިޖުތިމާއީ އަހުލާގާއި، ދެމެހެއްޓެނިވި ދިރިއުޅުމުގެ އުސޫލުތަކާއި އާދަކާދައާއި ބޭރުގެ ނުފޫޒު ވަދެފައި ނެތް ސަގާފަތެއް، މި އެކަހެރިކަމުގައި ދިރެމުން ފޮޅެމުން އައި ގޮތް، ޅެންވެރިކަމުގެ ތެރެއިންނާއި، ކަބުކި ތިއޭޓާ ފަންނު ފަދަ ފަންނުތަކުގައި މިއަދާ ހަމައަށް ގެނެސްދީފައިވެ އެވެ.

"އީޑޯ" ޒަމާނުގައި ޖަޕާނުގެ ރައްޔިތުން، ދިރިއުޅެމުން އައީ މިހާރުގެ ބަހުން ނަމަ "ލަސް ދިރިއުޅުމެއް"ގަ އެވެ. ދެމެހެއްޓެނިވި ދިރިއުޅުމެއްގެ ސިފަތައް އެކުލެވޭ، ވީހާވެސް އިސްރާފު މަދު ދިރިއުޅުމެކެވެ. އިގްތިސޯދީ ނިޒާމު ވެސް އެތައް ގޮތަކުން ދުނިޔެއާއި ތަފާތެވެ. ހަރަދުކުރުމުގައި ހިފެހެއްޓުންތަކެއް ގެންގުޅުމާއި، ގައުމުގައި ލިބެން ހުރި ވަސީލަތްތައް ބޭނުންކުރުމާއި އަމިއްލަ އުފެއްދުންތެރިކަމުން ނަފާ ލިބޭނެ މަގު ހޯދުމާއި، އަލުން ބޭނުންކުރުމުގެ ސީރިއަސް އަހުލާގުތަކަކަށް އަމަލުކުރި އެވެ. ނަތީޖާ އަކީ، ވިހަ ގޭސްތަކާއި، ކެމިކަލް ބޭނުންކުރުން މަދު، އަމިއްލަ އުފެއްދުންތެރިކަމެއްގެ މައްޗަށް ބަރޯސާވެގެން އުޅެން ދަންނަ ދުޅަހެޔޮ 30 މިލިއަން މީހުންގެ އާބާދީއެއް މި ތިން ގަރުނު ތެރޭގައި ބިނާކުރެވުމެވެ - މިއީ މިހާރު ޖަޕާނުގެ އާބާދީއެއް ނޫނެވެ. 'އީޑޯ' ޕީރިއަޑްގެ ފަހުކޮޅު، 1720 ވަނަ އަހަރު ކުރިއަށްގެންދިޔަ އެންމެ ފުރަތަމަ ބޯހިމެނުމުން ނަގާފައިވާ އާބާދީ އެވެ.

ލާން ބޭނުންކުރާ އަންނައުނު ގިނަ ދުވަހަށް ބޭނުންކުރުމާއި، އެއަށްފަހު އަނެއްކާވެސް އެ ހެދުން އަލުން ބޭނުންކުރުމަކީ ލަދުވެތިކަމެއް ކަމުގައި އޭރުގެ ޖަޕާނުގެ ރައްޔިތުންނަށް ނުވެ އެވެ. ގޭގައި އުފައްދާ އަޅި ގަސްކާނާގެ ގޮތުގައި ބޭނުންކުރި އެވެ. އަލުން ބޭނުންކުރެވޭނެ ގާބިލުކަން ހުންނަ ތަކެތި އެއްކުރުމާއި އެތަކެތިން ވިޔަފާރިކޮށް ހެދި އެވެ.

ވަގުތު ބެލުމަށް ގަޑި ބޭނުމެއް ނުކުރެ އެވެ. ގުދުރަތީގޮތުން އިރުގެ ދައުރުވުމަށް އަންނަ ބަދަލުތަކަކީ ވަގުތު ބުނެދޭން ބޭނުންކުރި ހަމަ އެވެ. އެއީ ކަންކަން ސިކުންތު ތަކާއި މިނިޓުތަކާއި ގަޑިއިރުތަކަށް ބަހާލެވިފައިވާ ދިރިއުޅުމެއް ނޫނެވެ. ދުވާލުގެ އެކި ވަގުތުތައް އެންމެ ފަސޭހައިން ދެނެގަންނަނީ ގަނޑުވަރުތަކާއި، ފައްޅިތަކުގައި ވަގުތު އަންގައިދިނުމަށް ޖަހާ ރަނގަބީލުގެ އަޑުންނެވެ.

"އީޑޯ" ޕީީރިއަޑްގެ މެދަކާ ހަމައިން ގައުމުގެ އުފެއްދުންތެރިކަން އިތުރުކުރުމަށް ކާރުހާނާތައް ވުޖޫދަށް އައެވެ. މި ކާރުހާނާތަކުގައި، ކަފަ ނުވަތަ ކޮޓަން ފޭރާން އުފެއްދުމާއި، ފަށުވި އުފައްދާ ފަނި އާލާކުރުމާއި، ކަރުދާސް އުފެއްދުމާއި ތެޔޮ އުފެއްދުމާއި ރާ އުފެއްދުން ފަދަ މަސައްކަތަށް ފެށި އެވެ. އަދި މި މަސައްކަތްތަކުން އިގްތިސޯދުގައި އާރުލާން ފެށި އެވެ. އެކި ވައްތަރު ވައްތަރުގެ މޮޅު ކާތަކެތީގެ ސުފުރާތަކާއެކު ޗެރީ ބްލޮސޮމް އާއި އޯޓަމް ހާވެސްޓް ސީޒަން ފަދަ މުނާސަބާތައް ކުލަގަދަކޮށް ފާހަގަކޮށް އުފާ ފާޅުކުރި އެވެ. އެމީހުން ހާސިލުކުރަމުން ދިޔައީ ގުދުރަތީ މާހައުލާ މެހިފައިވާ އުފާވެރި، އުފެއްދުންތެރި ދިރިއުޅުމެކެވެ.

ދެމެހެއްޓެނިވި ދިރިއުޅުމުގެ ވައްޓަފާޅިތަކަށް ބޭނުންޖެހިފަވާ މިޒަމާނުގައި ޖަޕާނުގެ 'އީޑޯ' ޒަމާނުން އެތައް ފިލާވަޅެއް ނެގިދާނެ އެވެ. މީހުންގެ ދުރުވިސްނުމާއި ތޫނުފިލި އުޅުމާއި އަހުލާގުން އިބުރަތްތަކެއް ހާސިލުކުރެވިދާނެ އެވެ. މުސްތަގުބަލަށް ދެމެހެއްޓެނިވި ހައްލުތަކެއް ހޯދާނެ އިރުޝާދުތަކެއް ނެގިދާނެ އެވެ.