Advertisement

ވެންޓިލޭޓަރު މައްސަލަ ފައިލްކުރުމުން ތަހުގީގުގެ ފެންވަރާމެދު ސުވާލު އުފައްދައިފި

23 އޮގަސްޓު 2022 - 14:43 0

މުހައްމަދު ވިޝާމް

މުހައްމަދު ވިޝާމް

އޭސީސީގެ މެމްބަރުން މީގެ ކުރިން ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ. -ފައިލް ފޮޓޯ


ވެންޓިލޭޓަރު މައްސަލަ ފައިލްކުރުމުން ތަހުގީގުގެ ފެންވަރާމެދު ސުވާލު އުފައްދައިފި

23 އޮގަސްޓު 2022 - 14:43 0

ކޮވިޑާ ގުޅިގެން ސަރުކާރަށް ވެންޓިލޭޓަރުތައް ހޯދުމުގައި ކޮރަޕްޝަނުގެ އަމަލުތައް ހިންގާފައިވާ ކަމަށް ބުނާ މައްސަލައިގައި ތުހުމަތުކުރާ ގިނަ ބައެއްގެ މައްޗަށް ދައުވާނުކޮށް މައްސަލަ ފައިލްކުރަން ނިންމުމުން ޓްރާންސްޕޭރަންސީ މޯލްޑިވްސް އިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ވެންޓިލޭޓަރުތަކުގެ މައްސަލައިގައި އޭސީސީން މައްސަލަ ތަހުގީގުކޮށް ދައުވާ ކުރަން އެދިފައި ވަނީ އޭރުގެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީނާއި މިނިސްޓްރީގެ 10 މުވައްޒަފެއްގެ މައްޗަށެވެ.

އެކަމަކު އެ މައްސަލައަކީ ކަންހިނގާފައިވާ ގޮތަށް ބަލާއިރު ޖިނާއީ ކުށެއްގެ އުންސުރުތައް ހަމަވާ މައްސަލައެއް ކަމަށް ނުފެންނާތީ އެ މައްސަލައިގައި ޕީޖީ އޮފީހުން ފުރަތަމަ ނިންމީ ދައުވާ ކުރެވެން ނެތް ކަމަށެވެ.

އޭގެ ފަހުން ޖުމްލަ ތިން ފަހަރެއްގެ މަތިން، އެ މައްސަލަތައް އިތުރަށް ފުރިހަމަކޮށް އޭސީސީން ޕީޖީއަށް ފޮނުވި އެވެ.

އެ މައްސަލަތައް ތިން ވަނަ ފަހަރަށް ފޮނުވުމުން ވެސް، ދައުވާ ކުރެވެން ނެތް ކަމަށް ބުނެ ޕީޖީން އެ މައްސަލަތައް ވަނީ އަނބުރާ ފޮނުވާލައިފަ އެވެ. އެއާއެކު އޭސީސީން ވަނީ އެ މައްސަލަތައް ފައިލްކޮށްފަ އެވެ.

އެކަމާ ގުޅިގެން ޓްރާންސްޕޭރަންސީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މި މައްސަލަތައް ފައިލްކުރުމަކީ މިމައްސަލަ ބަލާ ފިޔަވަޅުއެޅުމުގެ ސިޔާސީ ނިޔަތާއި ތަހުގީގުގެ ފެންވަރާމެދު ސުވާލު އުފެދޭ ކަމެއް ކަމަށެވެ.

"މިމައްސަލާގައި ހާމަކަން ކުޑަވުމުގެސަބަބުން، ވަކި ފަރާތްތަކެއްގެ މައްޗަށް އަދުލު އިންސާފުގެ ބާރު ނުފޯރުމާއި މަގާމުތަކުގައި ތިބި ބާރުގަދަ މީހުން ކުށުން ބަރީއަގަނެވެނީތޯއާމެދުވެސް ސުވާލުއުފެދި، ހިންގުމުގެ ނިޒާމަށް އޮންނަޖެހޭ އާންމުންގެ އިތު ބާރަށް ނޭދެވޭ އަސަރުކުރެ އެވެ،" އެ ބަޔާނުގައި ބުންޏެވެ.

ރާއްޖޭގައި ކޮވިޑްގެ ހާލަތު ގޯސްވެގެންދާނެ ކަމުގެ ބިރު އޮތް ވަގުތެއްގައި ދުބާއީގެ އެގްޒެކިއުޓާސް ކުންފުންޏާ ހަވާލުކުރީ 75 ވެންޓިލޭޓަރު ހޯދުމަށެވެ. އެކަމަށް އެދުނު މުއްދަތު ހަމަވިތާ އެތައް ދުވަހެއް ފަހުން އެ ކުންފުނިން ރާއްޖެއަށް ފޮނުވީ 15 ވެންޓިލޭޓަރެވެ. ބާކީ 60 ވެންޓިލޭޓަރު އަދިވެސް ނުލިބެ އެވެ.

އެ ކުންފުނިން ވެންޓިލޭޓަރުތައް ފޮނުވުމަށް 34 މިލިއަން ރުފިޔާގެ ބިޑެއް ހުށަހެޅުމުން މާލިއްޔަތު ގާވައިދާ ހިލާފަށް އެއްބަސްވުމުގައި ސޮއިނުކޮށް 30 މިލިއަން ރުފިޔާ، އެ ކުންފުންޏަށް ދޫކުރި އެވެ. އެ ކުންފުންޏާ އެ މަސައްކަތް ހަވާލުކޮށްފައިވަނީ ޑަބްލިއުއެޗްއޯގެ ލަފާގެ މަތިން ކަމަށް ހެލްތު މިނިސްޓްރީއިން ބުނެފައިވާއިރު އެފަދަ ލަފައެއް ދީފައިނުވާނެ ކަމަށް ޑަބްލިއުއެޗްއޯއިން ވަނީ ބުނެފަ އެވެ.

ޓްރާންސްޕޭރަންސީން ބުނީ މި ގޮތަށް ކަން ހިނގާފައިވުމަކީ ވަކިފަރާތަކަށް ނާޖާއިޒު ފައިދާއެއް ހޯދައިދިނުމަށް ކޮށްފައިވާ ކަންކަން ކަމަށް ބެލެވޭ ކަމަށެވެ.

"އެހެންކަމުން، މިމައްސަލަ ބަލާ ތަހުގީގުކޮށް، މިކަމުގައި ޒިންމާވާ ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެނެސް ޖަވާބުދާރީކުރުވުމަށާއި ރައްޔިތުންގެ އަތުން ގެއްލުނު ފައިސާ އަނބުރާ ހޯދުމަށް މިޖަމިއްޔާއިން ގޮވާލަމެވެ،" ބަޔާނުގައި ބުންޏެވެ.

އަދި ވެންޓިލޭޓަރު ހިޔާނާތުގެ ސަބަބުން ސީދާގޮތުންނާއި ނުސީދާގޮތުން ފައިދާވެފައިވާ ފަރާތްތައް ދެނެގަނެ ގާނޫނީގޮތުން ފިޔަވަޅު އެޅުމަކީ ރާއްޖޭގައި ކޮރަޕްޝަނަށް ހުޅުވިފައިވާ ދޮރުތައް ބަންދުކުރުމަށް އެޅޭ މުހިއްމު ފިޔަވަޅެއް ކަމަށް މި ޖަމިއްޔާއިން ދެކޭ ކަމަށް ޓްރާންސްޕޭރަންސީން ބުނެފައިވެ އެވެ.