Advertisement

އެޓަލަންޓާ ކައިރިން މިލާން ފުއްދާލީ ޕޮއިންޓަކުން

22 އޮގަސްޓު 2022 - 08:49 0

މިލާންގެ ބެނަސެއާ (ވ) ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އޭއެފްޕީ


އެޓަލަންޓާ ކައިރިން މިލާން ފުއްދާލީ ޕޮއިންޓަކުން

22 އޮގަސްޓު 2022 - 08:49 0

މިލާން (އޮގަސްޓް 22) - އިޓާލިއަން ލީގުގައި ރޭ އެންމެ ފަހުގެ ޗެމްޕިއަން އޭސީ މިލާން ކުޅުނު މެޗުގައި އެޓަލަންޓާއާ 1-1 އިން އެއްވަރުވެ، ޕޮއިންޓަކުން ފުއްދާލަން ޖެހިއްޖެ އެވެ.

މިލާނުން ލީގުގެ ފުރަތަމަ މެޗުގައި އުދިނޭޒީ އަތުން ރަނގަޅު މޮޅެއް ހޯދި ނަމަވެސް ދެ ވަނަ މެޗުގައި އެޓަލަންޓާ ކައިރީގައި އުނދަގޫތަކާ ކުރިމަތިލާން ޖެހުނެވެ.

އެޓަލަންޓާގެ ގެވިސް ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗު ފަށައިގެން ދެ ޓީމުން ވެސް އެޓޭކުގައި ރަނގަޅު ފުރުސަތުތަކެއް ތަނަވަސް ކުރަމުންދިޔައިރު، ލީޑުނަގަން މިލާންގެ ޖޫނިއާ މެސިއަސް އަށް ލިބުނު ފުރުސަތުން ޖެހި ބޯޅަ ދިޔައީ އަރިމަތިން ބޭރުންނެވެ.

އެޓަލަންޓާ އިން މެޗުގެ ލީޑުނެގީ 29 ވަނަ މިނިޓްގައި ޔޫކްރެއިންގެ މިޑްފީލްޑަރު ރުސްލާން މަލިނޯވްސްކީ ޖެހި ގޯލުންނެވެ. ޔަކީމް މޭލާ ހުރަސްކޮށްލި ބޯޅަ އޭރިއާ ރޮނގުކައިރީގައި ހުރެފައި މަލިނޯވްސްކީ ޖެހި ޝޮޓް ގޯލަށް ވަނީ މިލާން ޕިއޭރޭ ކަލޫލޫ ފައިގައި ޖެހިފަ އެވެ.

އެޓަލަންޓާގެ މަލިނޯވްސްކީ ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އޭއެފްޕީ


ދެ ވަނަ ހާފްގެ ކުޅުން ފެށިގެން ހިލޭ ޖެހުމެއްގައި މިލާންގެ ކަލޫލޫ ބޮލުން ޖެހި ބޯޅަ ދިޔައީ ހުރަސްދަނޑިމަތިންނެވެ. އޭގެ ފަހުން އޭރިއާބޭރުން މިލާންގެ ރަފައެލް ލެއާއޯ ޖެހި ބޯޅަ ދިޔައީ އަރިމަތިން ބޭރުންނެވެ.

އެޓަލަންޓާ އަށް ލީޑުފުޅާކޮށްދޭން، ހުނަރުވެރި ފޯވާޑް، ޑުވާން ޒަޕާޓާ ބޮލުން ޖެހި ބޯޅައެއް މިލާން ކީޕަރު މައިކް މައިންގްނޯން ވަނީ މަތަކޮށްފަ އެވެ.

މިލާނުން އެއްވަރުކުރީ މެޗުގެ 69 ވަނަ މިނިޓްގައި އިސްމާއިލް ބެނަސެއާ ޖެހި ގޯލުންނެވެ. މިއީ އަލެކްސިސް ސަލެމޭކާސް ދިން ބޯޅައެއް ހިފައިގެން އޭރިއާތެރެއަށް ވަދެ ގޯލުގެ ދުރު ކަނަށް ބޯޅަ އަމާޒުކޮށްލައިގެން ބެނަސެއާ ޖެހި ގޯލެކެވެ.

އިތުރު ގޯލެއް ޖަހައި، މެޗުން މޮޅުވާން މިލާނުން ކުރި މަސައްކަތް ކާމިޔާބުނުވެ، ޖެހުނީ އެއް ޕޮއިންޓުން ފުއްދާލާށެވެ.

އިޓާލިއަން ލީގުގައި ރޭ އެމްޕޮލީ އާއި ފިއޮރެންޓީނާ ގޯލެއް ނުޖެހި އެއްވަރުވިއިރު، ނަޕޯލީން ވަނީ 4-0 އިން އަލަށް ޕްރޮމޯޓްވި މޮންޒާ ބަލިކޮށްފަ އެވެ. ބޮލޯނިއާ އާއި ހެލަސް ވެރޯނާ ކުޅުނު މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ.