Advertisement

ވެލެންސިއާ އިން ރަނގަޅު ފައިނަލަކުން ސީޒަން ނިންމާލަން ބޭނުން

21 އޮގަސްޓު 2022 - 09:40 0

އައްޒާމް އަލިފުޅު

އައްޒާމް އަލިފުޅު

ވެލެންސިއާގެ ކޯޗިން ޓީމުގެ އެންމެ އިސް އެއް ފަރާތް، ކުރީގެ މަޝްހޫރު ކުޅުންތެރިޔާ، ކުޑަހީނާ.-- ފޮޓޯ: އަދަދު


ވެލެންސިއާ އިން ރަނގަޅު ފައިނަލަކުން ސީޒަން ނިންމާލަން ބޭނުން

21 އޮގަސްޓު 2022 - 09:40 0

މީގެ ހަ މަސް ކުރިން، ޕްރެޒިޑެންޓްސް ކަޕްގެ ޗެމްޕިއަންކަން ހޯދި ކްލަބް ވެލެންސިއާ ޓީމު މިހާރު ނެތް ކަމަށާއި އެހެން ނަމަވެސް އެފްއޭ ކަޕް ފައިނަލުގައި މިރޭ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާ ދެކޮޅަށް ވެލެންސިއާ އިން ނުކުންނާނީ ރަނގަޅު ފައިނަލެއް ކުޅެން ކާމިޔާބު ހޯދަން ކުރެވޭނެ ހުރިހާ މަސައްކަތެއް ކުރުމަށް ކަމަށް އެ ޓީމުގެ އެސިސްޓަންޓް ކޯޗު އިސްމާއިލް އާސިފް (ކުޑަހީނާ) ބުނެފި އެވެ.

ވެލެންސިއާގެ ކޯޗިން ޓީމުގައި އިސް މީހަަކަށް ކުޑަހީނާ ހުރެ، ޕްރެޒިޑެންޓްސް ކަޕްގެ ޗެމްޕިއަންކަން އެ ޓީމުން ހޯދީ މެޗަކުން ބަލިނުވެ އެވެ. އެ ގޮތުން މިދިޔަ ޖެނުއަރީ 23 ވަނަ ދުވަހު ރ. އަލިފުށީ ޓާފް ދަނޑުގައި ކުޅުނު ފައިނަލް މެޗުން މާޒިޔާ އަތުން ވެލެންސިއާ ވަނީ 2-1 އިން މޮޅުވެފަ އެވެ.

ޕްރެޒިޑެންޓްސް ކަޕްގެ ކާމިޔާބީގެ ފިޔަވަޅު މަތީގައި ވެލެންސިއާ އަށް ސާބިތެއް ނުވެވުނެވެ. ޕްރެޒިޑެންޓްސް ކަޕަށް ފަހު، އަހުމަދު މުޖުތަބާ (ފެސްކޯ) ވެލެންސިއާގެ ކޯޗިން ޓީމުގެ ހެޑް ކޯޗަކަށް ގެނެސް ކުޑަހީނާއާ އެކު މަސައްކަތް ފަށައި، އެ ޓީމުން ޖެހިގެން އައި ދެ ތިން މަސް ހޭދަކުރަން ޖެހުނީ އެކި ކަހަލަ އުނދަގޫތަކުގެ ތެރޭގަ އެވެ. ގިނައީ ދަނޑު ބޭރުން ކުރިމަތިވި މައްސަލަތަކެވެ.

އެ ގޮތުން، ޕްރެޒިޑެންޓްސް ކަޕްގެ ފައިނަލުގައި ވެލެންސިއާގެ ކެޕްޓަން އަލީ ފާސިރު (ސެންޓޭ) ކަކުލަށް އަނިޔާވިއިރު، އޭގެ ފަހުން ވެލެންސިއާގައި މުޅި ސީޒަނުގައި އޭނާ ފެނުނީ ބަދަލަކަށް އެންމެ މެޗެއްގަ އެވެ. އޭގެ ފަހުން އޭއެފްސީ ކަޕްގެ ޕްރިލިމިނަރީ ދެ ވަނަ ބުރުގައި ބަންގްލަދޭޝްގެ ޑާކާ އަބަހާނީއާ ކުޅެން އޮތް މެޗަށް ވެލެންސިއާ އަށް ބަންގްލަދޭޝަށް ނުދެވުނެވެ. އެ ކަންކަމުގެ ތެރޭގައި ކްލަބްގައި އޮތް މާލީ ގޮންޖެހުންތަކާ ހުރެ، ޓީމުގެ ހަތް ވަރަކަށް ކުޅުންތެރިން ދިއުމާ އެކު ވެލެންސިއާ ލީގުގެ ދެ ވަނަ ބުރުގައި ގިނަ މެޗު ކުޅުނީ ބަދަލަކަށް ބެންޗުގައި މާ ގިނަ ކުޅުންތެރިން ވެސް ނެތި އެވެ.

"ވެލެންސިއާ އަށް ވީ ގޮތަކީ ގައުމީ މުބާރާތް (ޕްރެޒިޑެންޓްސް ކަޕް) ކާމިޔާބު ކޮށްފައި އައިތަނުން މީހުންތައް އިންޖަރީވާން ފެށީ، ފައިސަލް އަމިއްލަ ސަބަބެއްގައި ދިޔައީ، ސެންޓޭ އިންޖަރީވީ، ޑަކްސަން (ދަންޖެހިގެން މަރުވި ލަންކާ ކުޅުންތެރިޔާ) ވެސް ދިޔައީ،" ޕްރެޒިޑެންޓްސް ކަޕަށް ފަހު ޓީމަށް މައްސަލަތައް ދިމާވި ގޮތްތަކަށް އިޝާރާތްކޮށް، ކުޑަހީނާ "އަދަދު" އަށް ބުންޏެވެ.

"ދެން އަނެއްކާ، ލީގުގެ ފުރަތަމަ ބުރުގައި ވަރަށް ހާލުގައި ކުޅެގެން، ދެ ވަނަ ބުރަށް އައި ތަނުން، އޭއެފްސީ ކަޕްގެ މައްސަލައިގައި ޓީމު ހަަލާކުވެގެން ދިޔައިރު، ޓީމުގެ ހަތް ވަރަކަށް ކުޅުންތެރިން ގެއްލިގެން ދިޔައީ، ހޯސޭ ޑޮމިންގޭޒް (ޑީޕޯޓް ވެގެން) ފުރަން ޖެހުނީ، ބޯހާސް މާޓިން ރަށަށް ބަދަލުވީ، ފައިޓޯ، ޖޯ، ސަން، ރިލޭ މި ކުޅުންތެރިން ވެސް ގެއްލިގެން ދިޔައީ، އެ ހިސާބުން ޓީމު ވަރަށް ނިކަމެތި ހާލެއްގެ ތެރެއަށް ވެއްޓުނީ،"

ޓީމުގެ ލިސްޓުގައި ހިމެނުނަސް އަލީ އަޝްފާގު (ދަގަނޑޭ) މި ފަހަރުގެ ޗެރިޓީ ޝީލްޑް މެޗުގައި ނޫން ގޮތަކަށް ވެލެންސިއާ ޓީމުން ނުފެނެ އެވެ. ވެލެންސިއާ އިން ގެނައި ތަޖުރިބާކާރު މިޑްފީލްޑަރު، އަސްހަދު އަލީ (އަޑޭ) ވެސް ވެލެންސިއާ އެންމެ ހާލުގައި އޮތް ވަގުތު ޖަލު ހުކުމެއް ތަންފީޒްކުރަން ޖެހުމުން އެއީ ވެސް ޓީމަށް އައި އުނިކަމެކެވެ. އަޑޭ ޖަލު ހުކުމެއް ތަންފީޒް ކުރަން ޖެހުނީ ކުރިން ޓޫރިޒަމް މިނިސްޓަރަކަށް ހުންނެވި އަލީ ވަހީދު ބޭސް ފަރުވާ އަށް ރާއްޖޭން ބޭރަށް ފުރައިވަޑައިގަތުމަށް ޖާމިނުވެފައިވާތީ އެވެ.

މީގެ އިތުރުން ވެލެންސިއާގެ މިޑްފީލްޑަރު އިސްމާއިލް އީސަ (މެސީ) އާއި އަބްދުﷲ މިދުހަތު ފަހުމީ (ބިޗަޑް) އަށް ދިމާވި އަނިޔާގެ މައްސަލަތަކަކީ ވެސް ވެލެންސިއާ ގޯސް ފައްތަރަކަށް ވެއްޓެން މެދުވެރިވި ސަބަބުތަކުގެ ތެރެއިން އެއް ކަމެވެ.

ލީގުގެ ފުރަތަމަ ބުރުގެ ފަހުކޮޅާއި ދެ ވަނަ ބުރުގެ ކުރީކޮޅުން ފެށިގެން ވެލެންސިއާ މޮޅެއް ނުލިބި ހަ މެޗު ދިޔައިރު، އޭގެ ތެރެއިން ފަސް މެޗުން ބަލިވި އެވެ. ލީގުގެ ދެ ވަނަ ބުރުގެ ތެރޭގައި ވެލެންސިއާ ހަ ވަނަ އަށް ވެސް ވެއްޓުނެވެ.

އެކަމަކު، ޓްރާންސްފާ މާކެޓްގައި ގެނައި ކުޅުންތެރިންނާ އެކު މަޑުމަޑުން ވެލެންސިއާގެ ހާލަތު ރަނގަޅުވި އެވެ.

ވެލެންސިއާ އިން ސީޒަން މެދުތެރޭގެ ޓްރާންސްފާގައި ގެނައީ ލޯން ޑީލެއްގެ ދަށުން މާޒިޔާގެ މުހައްމަދު އުމެއިރުގެ އިތުރުން ކްލަބް ގްރީން ސްޓްރީޓްސްގެ އަލީ ޝާމިސް (ތޮއްޕޭ) އާއި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް)، ކެޕްޓަން، އަބްދުﷲ ހަނީފް (ބެންޖޯ) އެވެ.

"އެކްސްޕީރިއަންސްކޮށް މި ތިބި ކުޅުންތެރިން ވަރަށް ރަނގަޅަށް ޕާފޯމް އެބަކުރޭ މިހާރު، މި ފަހުން ކުޅުނު މެޗުތަކުގައި ބަލިނުވެ މި ކުޅުނީ، އެ ރޫހުގައި ފައިނަލަށް (އެފްއޭ ކަޕް ފައިނަލަށް) އައީ. އަނެއްހެން، ވަރަށް އެޕްރިޝިއޭޓްކުރަން މިހާރު މި ތިބި ކުޅުންތެރިން މި ކަން ކުރަން، ވެލެންސިއާ އަށް ޓަކައި ސްކެރިފައިސްވާން ބޭނުންވޭ،" ޓީމުގެ ރޫހާ މެދު ހިތްހަމަޖެހުން އެބައޮތްކަން އަންގައިދޭން ކުޑަ ހީނާ ބުންޏެވެ.

"ވެލެންސިއާގައި ވަކި މީހަކު ނެތިގެން މާ ބޮޑު ތަފާތެއް ނުދެއްކޭތޯ މި ބަލަނީ، މޮޅު މީހާ ހުރިއްޔާ އެޑްވާންޓޭޖް، ނެތިއްޖިއްުޔާ ޓީމު ވެގެން މި ކުޅެނީ،"

ހަ ފަހަރު އެފްއޭ ކަޕްގެ ޗެމްޕިއަންކަން ހޯދާފައިވާ ވެލެންސިއާ އިން މި ސީޒަނުގެ އެފްއޭ ކަޕް ފައިނަލަށް ދަތުރުކުރީ ސެމީގައި ޕެނަލްޓީ ޖަހައިގެން ސަސް ބަލިކުރުމަށް ފަހު އެވެ.

މާޒިޔާއާ ދެކޮޅަށް ކުޅެން ޖެހުމަކީ އަބަދުވެސް "ބޮޑު މެޗެއް"

ޕްރެޒިޑެންޓްސް ކަޕް ކުޅުނު ހާލަތާއި މިހާރު މާޒިޔާ އޮތް ލެވަލް ތަފާތު ކަމަށް ކުޑަ ހީނާ ގަބޫލުކުރެ އެވެ. އެފްއޭ ކަޕްގައި މާޒިޔާ އިން ކުޅެމުން އަންނަނީ މުޅިން ދިވެހި ކުޅުންތެރިންނާ އެކު ކަމަށް ވިޔަސް، އެ ޓީމު މިހާރު ކުޅެމުން އެ އަންނަ "ތަފާތު ލެވަލަށް" އެ ޓީމުގެ ފޯމު ގެންދިޔައީ ބިދޭސީ ކުޅުންތެރިން ތިބެގެން ނެރުނު ނަތީޖާތަކުން ކަމަށް ކުޑަހީނާ ބުންޏެވެ.

"މާޒިޔާގައި ފޮރިން ކުޅުންތެރިން ނެތަސް، އެ މީހުން އަތުގައި އެބައޮތް ވަރަށް ރަނގަޅު ޓީމެއް. މި ރޭންޖަށް އެ މީހުން ލައިދީފައި އެ ފޮރިން މީހުން އެ ދިޔައީ،" ލީގުގެ ދެ ވަނަ ބުރުގައި މާޒިޔާ އިިން 13-0 އިން ވެލެންސިއާ ބަލިކުރި ހަނދާން އާ ކުރަމުން ކުޑަ ހީނާ ބުންޏެވެ.

ކުޑަހީނާ ބުނީ ފައިނަލަށް ނުކުންނާނީ މާޒިޔާ އަކީ މޮޅު ޓީމެއްކަން ހުރިހާ ގޮތަކުން ވެސް ދަނެގެން ކަމަށެވެ. އަދި ވެލެންސިއާ އިން މަސައްކަތް ކުރާނީ ބޭނުންކުރެވެން ހުރި ކޮންމެ ކަމެއް ކޮށްގެން ވިޔަސް ރަނގަޅު ފައިނަލެއް ކުޅެން، އެ އަޒުމުގައި ކަމަށެވެ.

"އޮތް އެއްޗަކުން ދިޔަ ފެލޭނީ، ވާހަކަ އަކީ، އަހަރެމެންގެ ކުޅުންތެރިން ތިބީ މާޒިޔާއާ އެއްކޮށް ކުޅެން ރެޑީގައި، މާޒިޔާ އަކީ މޮޅު ޓީމެއް ކަން ވެސް އެނގޭ، މިއީ ސީޒަނުގެ ފަހު މެޗު، އެހެންވީމަ، ކުޅުންތެރިންގެ ވިސްނުން ހުރީ ރަނގަޅު އެއްޗަކާ އެއްކޮށް ސީޒަން ނިންމާލަައި، ރަނގަޅަށް ގެއަށް ދިއުމަށް، އެ އަށް ސުވާލެއް ނެތް،" ވެލެންސިއާ އަށް 2016 ވަނަ އަހަރުގެ އެފްއޭ ކަޕް ޗެމްޕިއަންކަން ހޯދައިދިންއިރު، ކޯޗިން ޓީމުގައި އިސް ރޯލެއް ކުޅުނު ކުޑަހީނާ ބުންޏެވެ.

"ހުރިހާ އޮއެވަރަކަށް އަޅުގަނޑުމެންގެ މި ތިބި ކުޅުންތެރިން ފެތޭނެ. އެކްސްޕީރިއަސް އޮތަސް، ނިކަމެތި ޓީމެއް މި އޮތީ. އަހަރެމެން މި ނުކުންނަނީ ފައިޓެއް ދޭން، އަހަރެމެން އެންމެ ހާލުގައި އޮވެ ވެސް ނަތީޖާ ހޯދާފައި އެބަހުރި، އެއީ ވެސް ހިތްވަރެއް،"

ވެލެންސިއާ އިން ފައިނަލް މެޗުގައި ވެސް ބޭނުންުކުރާނީ ބަދަލު ކީޕަރު އާދަމް އިމްއާން ކަމަށް ކުޑަހީނާ ވަނީ ބުނެފަ އެވެ. ވެލެންސިއާ ޓީމުގެ އެއް ވަނަ ކީޕަރު، މުހައްމަދު ފައިސަލް، ގަވާއިދުން ޕްރެކްޓިހުގައި ބައިވެރިނުވާތީ، އިމްއާން އަށް އެފްއޭ ކަޕްގައި ފުރުސަތު ދޭން ކޯޗިން ޓީމުން މާ ކުރިން ނިންމާފައިވާ ކަމަށް ކުޑަހީނާ ވަނީ ބުނެފަ އެވެ.

ރާއްޖޭގެ ގައުމީ ޓީމުގެ ގޯލު 17 އަހަރު ވަންދެން ބެލެހެއްޓި ގޯލްކީޕަރު އިމްރާން މުހައްމަދުގެ ކޮއްކޮ، އިމްއާން ސީޒަން ފެށީ ޓީސީ ސްޕޯޓްސް ކްލަބްގަ އެވެ. އެކަމަކު، ފަހުން ވެލެންސިއާއާ ބަދަލުވީ ކުޅެން ފުރުސަތު ހޯދަން ބޭނުންވާތީ އެވެ. އިމްއާންގެ ފަރާތުން މި ފަހަރުގެ އެފްއޭ ކަޕް މެޗުތަކުގައި ފެންނަ ކުޅުމަކީ އޭނާ މީގެ އަހަރުތަކެއް ކުރިން ކްލަބް އީގަލްސްގައި ހުރެ ޔޫތު މުބާރާތް ކާމިޔާބުކުރިއިރު، ފެނިގެންދިޔަ ކޮންފިޑެންސް އެވެ.

އަނިޔާގެ ސަބަބުން ވެލެންސިއާގެ ޑިފެންޑަރު އަމްދާން އަލީ (އެންޑީ) އަށް ސީޒަން ނިމިފައިވާއިރު، ލޯން އުސޫލުން ވެލެންސިއާ އަށް ގެނެސްފައިވާ އުމެއިރަށް މާޒިޔާއާ ދެކޮޅަށް ނުކުޅެވޭނެ އެވެ. އެއީ މާޒިޔާ އިން ލޯނަށް ދޫކުރީ އެ ގޮތަށް ކަމަށްވާތީ އެވެ.

"ބޮޑު މެޗެއް މި ކިޔަނީ މާޒިޔާއާ ޖެހުނީމަ، މިހާރު އޮތްގޮތުން އުމަރޭ ނުލައި ކުޅެން ޖެހުން ވެސް މި ވަނީ ޗެލެންޖަކަށް،" ކުޑަހީނާ ބުންޏެވެ.

ވެލެންސިއާ އިން މިހާރު އެންމެ ފަހަތަށް ބޭނުންކުރަން ޖެހޭ އެއް ކުޅުންތެރިޔާ، މިސްރުގެ މިޑްފީލްޑަރު، ހަލީލް ޖަމާލް އަކީ ޓީމުގެ އެޓޭކުގައި މުހިންމު ކުޅުންތެރިއެއް ކަމަށާއި އެކަމަކު، ޓީމު އޮތް ގޮތުން މި ވަގުތު ހަލީލް ވެސް އެންމެ ބޭނުން މަގާމުގައި ކުޅެވެން ނެތް ކަމަށް ކުޑަ ހީނާ ބުނެފައިވެ އެވެ.

ޓްރާންސްފާގައި ސަސް ދޫކޮށް ވެލެންސިއާ އަށް ބަދަލުވި ފަހުން ގާތްގާތުގައި ހުރިހާ މެޗުތަކެއް ކުޅެން ޖެހުމުން ވެލެންސިއާގެ ތަޖުރިބާކާރު ޑިފެންޑަރު، އަބްދުﷲ ހަނީފް (ބެންޖޯ) އަށް ވެސް ވަރުބަލިވުމާއި އަނިޔާގެ ކަންކަން ކުރިމަތިވާނެކަން ކުޑަހީނާ ވަނީ ފާހަގަކޮށްފަ އެވެ.

ޕްރެޒިޑެންޓްސް ކަޕްގެ ފައިނަލުގައި ވެލެންސިއާ އިން ބޭނުންކުރި ހަތް ވަރަކަށް ކުޅުންތެރިން ނެތި، އެ ޓީމުން މިރޭ އެފްއޭ ކަޕް ފައިނަލުގައި މާޒިޔާއާ ކުޅޭނެ އެވެ. މި ދެ ޓީމު ބައްދަލުކުރާ އެފްއޭ ކަޕްގެ ފައިނަލް މެޗު ފަށާނީ މިރޭ 9 ޖަހާއިރު އެވެ.