Advertisement

ވެންޓިލޭޓަރު ހިޔާނާތް: ދައުވާކޮށް ނުދިނުމުން އަމީންއާއެކު ގިނަ ބައެއްގެ މައްސަލަ ފައިލްކޮށްފި

20 އޮގަސްޓު 2022 - 11:45 0

މުހައްމަދު ވިޝާމް

މުހައްމަދު ވިޝާމް

ކުރީގެ މިނިސްޓަރު އަމީން މީގެ ކުރިން މަޖިލީހަށް މައުލޫމާތު ދެއްވަނީ: އޭނާއަށް ހިޔާނާތުގެ ދައުވާ ނުކުރަން ނިންމައި، މައްސަލަ ވަނީ ފައިލްކޮށްފައި. -ފައިލް ފޮޓޯ: މަޖިލިސް


ވެންޓިލޭޓަރު ހިޔާނާތް: ދައުވާކޮށް ނުދިނުމުން އަމީންއާއެކު ގިނަ ބައެއްގެ މައްސަލަ ފައިލްކޮށްފި

20 އޮގަސްޓު 2022 - 11:45 0

ކޮވިޑާ ގުޅިގެން ސަރުކާރަށް ވެންޓިލޭޓަރުތައް ހޯދުމުގައި ކޮރަޕްޝަނުގެ އަމަލުތައް ހިންގާފައިވާ ކަމަށް ބުނާ މައްސަލައިގައި ތުހުމަތުކުރާ ގިނަ ބައެއްގެ މައްޗަށް ދައުވާނުކޮށް މައްސަލަ ފައިލްކޮށްފި އެވެ.

ވެންޓިލޭޓަރުތަކުގެ މައްސަލައިގައި އޭސީސީން މައްސަލަ ތަހުގީގުކޮށް ދައުވާ ކުރަން އެދިފައި ވަނީ އޭރުގެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީނާއި މިނިސްޓްރީގެ 10 މުވައްޒަފެއްގެ މައްޗަށެވެ.

އެކަމަކު އެ މައްސަލައަކީ ކަންހިނގާފައިވާ ގޮތަށް ބަލާއިރު ޖިނާއީ ކުށެއްގެ އުންސުރުތައް ހަމަވާ މައްސަލައެއް ކަމަށް ނުފެންނާތީ އެ މައްސަލައިގައި ޕީޖީ އޮފީހުން ފުރަތަމަ ނިންމީ ދައުވާ ކުރެވެން ނެތް ކަމަށެވެ.

އޭގެ ފަހުން ޖުމްލަ ތިން ފަހަރެއްގެ މަތިން، އެ މައްސަލަތައް އިތުރަށް ފުރިހަމަކޮށް އޭސީސީން ޕީޖީއަށް ފޮނުވި އެވެ.

އޭސީސީގެ ސީނިއާ ކޮމިޔުނިކޭޝަންސް އޮފިސަރު ނިޝާން މުހައްމަދު ދީދީ "އަދަދު"އަށް މިއަދު ވިދާޅުވި ގޮތުގައި، އެ މައްސަލަތައް ތިން ވަނަ ފަހަރަށް ފޮނުވުމުން ވެސް، ދައުވާ ކުރެވެން ނެތް ކަމަށް ބުނެ ޕީޖީން އެ މައްސަލަތައް ވަނީ އަނބުރާ ފޮނުވާލައިފަ އެވެ.

"ތިން ފަހަރު ވެސް މައްސަލަތައް ފޮނުވީ އޭސީސީގެ ކުރީގެ މެމްބަރުންގެ ދައުރުގައި. އެކަމަކު ތިން ވަނަ ފަހަރަށް އަނބުރާ ފޮނުވާލުމުން، މިހާރުގެ މެމްބަރުން ނިންމެވީ މައްސަލަތައް ފައިލް ކުރަން،" ނިޝާން ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ، އިޖުރާއަތުގައި އޮންނަނީ ދައުވާކޮށް ދިނުމަށް އެދި އޭސީސީން ޕީޖީއަށް ފޮނުވާ މައްސަލައެއް، ދައުވާ ކުރެވެން ނެތް ކަމަށް ނިންމައިފިނަމަ މައްސަލަ ފައިލްކުރާ ގޮތަށް ނަމަވެސް، ތިން ފަހަރަށް އެ މައްސަލަ ފޮނުވީ، ރައްޔިތުންނާ ސީދާ ގުޅުންހުރި ހައްސާސީ މައްސަލައަކަށް ވާތީ ކަމަށެވެ.

ނިޝާން ވިދާޅުވީ ދައުވާ ކުރަން އެދުނު 11 މީހުންގެ ތެރެއިން، ޕީޖީން އަދި އަނބުރާ ފޮނުވާލާފައިވަނީ އަށް މީހެއްގެ މައްސަލަ ކަމަށެވެ. އަދި އޭގެ ތެރޭގައި ކުރީގެ މިނިސްޓަރު އަމީނުގެ މައްސަލަ ހިމެނޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ބާކީ ތިބި ތިން މީހުންގެ މައްސަލައިގައި ދައުވާކުރުމާމެދު ޕީޖީން އަދި ގޮތެއް ނުނިންމާ ކަމަށް ނިޝާން އިތުރަށް ވިދާޅުވި އެވެ.

ރާއްޖޭގައި ކޮވިޑްގެ ހާލަތު ގޯސްވެގެންދާނެ ކަމުގެ ބިރު އޮތް ވަގުތެއްގައި ދުބާއީގެ އެގްޒެކިއުޓާސް ކުންފުންޏާ ހަވާލުކުރީ 75 ވެންޓިލޭޓަރު ހޯދުމަށެވެ. އެކަމަށް އެދުނު މުއްދަތު ހަމަވިތާ އެތައް ދުވަހެއް ފަހުން އެ ކުންފުނިން ރާއްޖެއަށް ފޮނުވީ 15 ވެންޓިލޭޓަރެވެ. ބާކީ 60 ވެންޓިލޭޓަރު އަދިވެސް ނުލިބެ އެވެ.

އެ ކުންފުނިން ވެންޓިލޭޓަރުތައް ފޮނުވުމަށް 34 މިލިއަން ރުފިޔާގެ ބިޑެއް ހުށަހެޅުމުން މާލިއްޔަތު ގާވައިދާ ހިލާފަށް އެއްބަސްވުމުގައި ސޮއިނުކޮށް 30 މިލިއަން ރުފިޔާ، އެ ކުންފުންޏަށް ދޫކުރި އެވެ. އެ ކުންފުންޏާ އެ މަސައްކަތް ހަވާލުކޮށްފައިވަނީ ޑަބްލިއުއެޗްއޯގެ ލަފާގެ މަތިން ކަމަށް ހެލްތު މިނިސްޓްރީއިން ބުނެފައިވާއިރު އެފަދަ ލަފައެއް ދީފައިނުވާނެ ކަމަށް ޑަބްލިއުއެޗްއޯއިން ވަނީ ބުނެފަ އެވެ.

ވެންޓިލޭޓަރުތައް ނުލިބުމުން ފައިސާ އަނބުރާ ހޯދުމަށް އެ މައްސަލަ ބައިނަލްއަގުވާމީ އާބިޓްރޭޝަނަށް ހުށަހެޅުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ސަރުކާރުން މީގެކުރިން ވަނީ ބުނެފަ އެވެ.