Advertisement

އެމްއެމްޕީއާރުސީ ހިޔާނާތުގެ ސިއްރުތައް އަދި ހާމަވާނެ: ޔާމީން

19 އޮގަސްޓު 2022 - 22:38 1

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

ކުރީގެ ރައީސް އަބްދުﷲ ޔާމީން މިރޭގެ ޖަލްސާގައި ވާހަކަ ދައްކަވަނީ: ކޮރަޕްޝަންގެ މައްސަލަތަކަށް ފިޔަވަޅު ނޭޅޭތީ ފާޑުވިދާޅުވި - ފޮޓޯ: އަބްދުﷲ އިޔާން | އަދަދު


އެމްއެމްޕީއާރުސީ ހިޔާނާތުގެ ސިއްރުތައް އަދި ހާމަވާނެ: ޔާމީން

19 އޮގަސްޓު 2022 - 22:38 1

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ ގިނަ މުއާމަލާތްތަކެއް ސިއްރުކޮށް އެ މައްސަލައިގެ ތަހުގީގު މަޑުޖައްސާފައި އޮތް ސަބަބު ހޯދަން ޖެހޭ ކަމަށާއި އެ ސަބަބުތަކާއި ހަގީގަތްތައް ހާމަވާނެ ދުވަހެއް އަދި އަންނާނެ ކަމަށް ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

ޔާމީންގެ ސަރުކާރުގައި އޭރުގެ އިދިކޮޅު ފަރާތްތަކުގެ އެންމެ ބޮޑު ފާޑުކިއުމެއް އަމާޒު ކުރި ކަމަކީ އޭރުގެ ސަރުކާރުގެ ތެރެއިން ހިނގާފައިވާ ހިޔާނާތްތަކުގެ މައްސަލަތަކަށެވެ. ހާއްސަކޮށް އެމްއެމްޕީއާރުސީ މެދުވެރިކޮށް ރަށްރަށާއި ފަޅުތައް ވިއްކައިގެން ބިލިއަނަކަށް ވުރެ ގިނަ ރުފިޔާއަށް ހިޔާނާތްތެރިވި މައްސަލަ އެވެ.

އިދިކޮޅު ޕީޕީއެމްގެ ރިޔާސީ ޓިކެޓު ރަސްމީކޮށް ޔާމީނާ ހަވާލު ކުރުމަށް ކާނިވާ ސަރަހައްދުގައި މިރޭ ކުރިއަށް ގެންދާ ޖަލްސާގައި ޔާމީން ވިދާޅުވި ގޮތުގައި އޭރު ހިނގި ކޮރަޕްޝަންގެ މައްސަލަތަކަށް އޮތީ ފިޔަވަޅުތައް އެންމެ ފުރަތަމަ ވެސް އަޅައިފަ އެވެ.

ނަމަވެސް މި ސަރުކާރު އައި ފަހުން، ކޮރަޕްޝަންގެ މައްސަލަތަކަށް ފިޔަވަޅު އެޅުމުގައި އެއްވެސް ކުރިއެރުމެއް ހޯދިފައި ނުވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އެމަނިކުފާނުގެ އެ ވާހަކައަށް ބާރު ދިނުމުގެ ގޮތުން، އިޝާރާތް ކުރެއްވީ ކޮރަޕްޝަން އިންޑެކްސް އެވެ.

"ސީޕީއައި އިންޑެކްސްއަށް ބަލައިލުމުން މި ކަން އެނގިގެން މި ދަނީ، 187 ގައުމުގެ މައްޗަށް ހަދާފައި އޮތް އެ ދިރާސާގައި ރާއްޖެ އަދިވެސް ލައްވާލަނީ އެންމު ފުލުން،" ރާއްޖޭގެ ކޮންމެ ރަށަކުން މަންދޫބުން މާލެ އައިސް، ގިނަ އަދަދެއްގެ ސަޕޯޓަރުން ބައިވެރިވި ޖަލްސާގައި ޔާމީން ވިދާޅުވި އެވެ.

ސަރުކާރުގެ ތެރެއިން ކޮރަޕްޝަންގެ އަމަލުތައް ހިންގަމުންދާއިރު، ޔާމީންގެ ވެރިކަމުގައި ހިނގި އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލަ މިހާރު ނުބެލޭތީ ސަރުކާރަށް ސުވާލުތަކެއް އެމަނިކުފާނު އަމާޒު ކުރެއްވި އެވެ.

"ކީއްވެގެންތޯ ހިޔާނާތުގެ މޭސްތިރިންނަށް ހިމާޔަތް އެ ދެނީ، ކޮން ބަޔެއްގެ ނަން އެމްއެމްޕީއާރުސީގެ ލިސްޓު އޮވެގެންތޯ މީތި މާ ބޮޑަށް މި ސިއްރު ކުރަނީ،" ޔާމީން ސުވާލު ކުރައްވަމުން ގެންދެވި އެވެ.

ޔާމީން ވިދާޅުވީ އެ މައްސަލައިގެ ބޮޑުބައެއް "ސިއްރުކުރަން" އުޅުނަސް އެ މައުލޫމާތައް އެނގުމަކީ ދިވެހި ރައްޔިތުންގެ ހައްގެއް ކަމަށެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވެރިކަމާ ހަވާލުވެވަޑައިގަތުމާއެކު، ރައީސް އޮފީހުގައި އެކުލަވާލި ސެޓަލްމަންޓް އެގްރިމަންޓް ކޮމިޓީ މެދުވެރިކޮށް، ކުރީގެ ސަރުކާރުން އެއްބަސްވުން ބާތިލްކޮށްފައިވާ ފަރާތްތަކަށް ގެއްލުމުގެ ބަދަލުގެ ގޮތުގައި ގިނަ އަދަދެއްގެ ފައިސާ ދިނެވެ.

އެ ކަމަށް އިޝާރާތް ކުރައްވައި ޔާމީން ވިދާޅުވީ އެއީ "ބޭނުންވާ ބަޔެއްގެ ޖީބު ބޮޑުކުރަން ހެދި އެގްރިމެންޓް" އެއް ކަމަށެވެ. މަޖާޒީ ގޮތެއްގައި އެމަނިކުފާނު ވިދާޅުވީ "ސެޓަލްމަންޓް" ކިޔަސް އެއީ ބަޔަކަށް ބޯހިޔާވަހިކަން ދީ "ސެޓަލްމަންޓް" ދިނުމުގެ އެއްބަސްވުންތަކެއް ނޫން ކަމަށެވެ.

ޔާމީން ވިދާޅުވި ގޮތުގައި، އެމަނިކުފާނުގެ ސަރުކާރުން އެ އެއްބަސްވުންތައް އުވާލީ މަސައްކަތް ހަވާލުކުރި ފަރާތްތަކުން އެ މަސައްކަތްތައް ކުރިއަށް ނުގެންދާތީ ބަންޑާރަ ނައިބާއި "ކަމުއޮށިވެގެންވާ" ބޭފުޅުންގެ ފަންނީ ލަފާ ހޯއްދަވައިގެންނެވެ.

".. އެ މީހުނަށް ދިން މަސައްކަތް ނުނިމުމުން ގެއްލުމުގެ ބަދަލު ހޯދަންވީ ދިވެހި ސަރުކާރަށް، އެ މީހުނަކަށް ނޫން،" މި ގޮތަށް ބަދަލު ދިން އެއް ކުންފުނި ކަމުގައިވާ ނޫމަޑި ރިސޯޓް މިސާލެއްގެ ގޮތުން ފާހަގަ ކުރައްވަމުން ޔާމީން ވިދާޅުވި އެވެ.

ރައީސް އަބްދުﷲ ޔާމީނަށް ޕީޕީއެމްގެ ރިޔާސީ ޓިކެޓް ދިނުމުގެ ޖަލްސާގައި އެމަނިކުފާނު ވާހަކަ ދައްކަވަނީ - ފޮޓޯ: އަބްދުﷲ އިޔާން | އަދަދު


މީގެ އިތުރަށް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާއި ކައުންސިލް އިންތިހާބާއި ދާދި ފަހުން ބޭއްވި މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގެ ކެމްޕޭނަށް ސަރުކާރުގެ ވަސީލަތްތަކާއި ފައިސާ ބޭނުންކުރި ކަމަށް އިންތިހާބު އޮބްޒާވްކުރި ކޮމަންވެލްތުގެ ރިޕޯޓްގައި ފާހަގަކޮށްފައިވާ ކަން ޔާމީން ވިދާޅުވި އެވެ.

"ސަރުކާރަކަށް ވަޒީފާއެއް ނުއެއް އުފެއްދޭ، އެކަމަކު ހަމަ ގޮނޑިއެއް ހުސްވާ އިރަށް، އެ އިންތިހާބަކާ ދިމާކޮށް ރަށު އިންޖީނުގެއިން ވަޒީފާތައް ވެސް އުފެދިގެން ދޭ، ހަމަ ކުއްލިއަކަށް އުފެދިގެން ދިޔަ،" ކޮމަންޑޫ ދާއިރާގެ އިންތިހާބާ ދިމާކޮށް އެ ރަށްރަށުގައި ވަޒީފާތަކެއް އުފެއްދުމުން ފާޑުވިދާޅުވަމުން ޔާމީން ވިދާޅުވި އެވެ.

މިހާރު މި މައްސަލަތައް ބަލާނެ މުއައްސަސާއެއް ވެސް ނެތް ކަމަށް ޔާމީން ވިދާޅުވި އެވެ. އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި އޮޑިޓަ ޖެނެރަލްގެ އޮފީސް ވެސް "ބާރު ކެނޑިފައިވާ" ކަމަށް ޔާމީން ވިދާޅުވި އެވެ.

"ރާއްޖެ ކޮރަޕްޝަންގެ ހާއްޔަކަށް ހަދާފައި މި ވަނީ،" ޔާމީން ވިދާޅުވި އެވެ.