Advertisement

ރާއްޖޭގެ ފިރިހެން ރިލޭ ޓީމަށް އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައި ދެ ވަނަ ގައުމީ ރެކޯޑެއް

18 އޮގަސްޓު 2022 - 08:36 0

ފިރިހެން ރިލޭ ޓީމު ސްވިމިން އެސޯސިއޭޝަންގެ ރައީސް ސައްތާރުއާ އެކު ފޮޓޯ އަކަށް ހުއްޓިލައިގެން.--- ފޮޓޯ: މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ


ރާއްޖޭގެ ފިރިހެން ރިލޭ ޓީމަށް އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައި ދެ ވަނަ ގައުމީ ރެކޯޑެއް

18 އޮގަސްޓު 2022 - 08:36 0

ތުރުކީގެ ކޮންޏާގައި މިހާރު ކުރިއަށްދާ އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައި ވާދަކުރާ ގައުމީ ފިރިހެން ރިލޭ ޓީމުން މި ގޭމްސްގައި ދެ ވަނަ ގައުމީ ރެކޯޑެއް މުގުރާލައިފި އެވެ.

ސޮލިޑާރިޓީ ގޭމްސްގެ ހުރިހާ އިވެންޓެއް ރޭ ރާއްޖެ އަށް ނިމިފައިވާއިރު، އެންމެ ފަހުން އޮތީ ފެތުމުގެ އިވެންޓްތަކެވެ. ހަތަަރެއް ގުނަ 100 މީޓަރުގެ ފްރީސްޓައިލް ރިލޭގެ ގައުމީ ރެކޯޑް، ފިރިހެން ޓީމުން މި މަހުގެ 14 ވަނަ ދުވަހު މުގުރާލިއިރު، އޭގެ ދެ ދުވަސް ފަހުން، ރޭ ވަނީ ހަތަރެއް ގުނަ 100 މީޓަރު މެޑްލީ ރިލޭގެ ގައުމީ ރެކޯޑް މުގުރާލައިފަ އެވެ.

ސޮލިޑާރިޓީ ގޭމްްސްގައި ވާދަކުރާ ގައުމީ ފިރިހެން ރިލޭ ޓީމުގައި ހިމެނެނީ އަބްދުﷲ ނާވީ އަހުމަދު، އިބްރާހިމް މައިޝަން ޝަމީމް، އަލީ އިމްއާން އަދި ހުސެއިން ހާއިޝް ހަސަން އެވެ. ރޭ ހަތަރެއް ގުނަ 100 މީޓަރު މެޑްލީ ރިލޭ އިވެންޓް، ފިރިހެން ޓީމުން ނިންމީ ހަތަރު މިނިޓް 38.75 ސިކުންތުންނެވެ. އެންމެ ފަހުން މި ރެކޯޑް އޮތީ 2018 ވަަނަ އަހަރުގެ އޭޝިއަން ގޭމްސްގައި ފެތި ފިރިހެން ރިލޭ ޓީމު އަތުގަ އެވެ. އެ ފަހަރު ޓީމުގައި ހިމެނުނީ ހާއިޝް އާއި އިމްއާންގެ އިތުރުން މުބާލް އައްޒާމް އިބްރާހިމް އާއި ހަސަން އަޝްރަފް އެވެ. އެ ޓީމުގެ ޓައިމިން އަކީ ހަތަރު މިނިޓް 47.94 ސިކުންތެވެ.

ސޮލިޑާރިޓީ ގޭމްސްގައި ރިލޭ ޓީމުގެ ދެ ރެކޯޑްގެ އިތުރުން ދެން ގައުމީ ރެކޯޑެއް ހެދީ އުމުރުން 13 އަހަރުގެ ފެތުންތެރިޔާ، މެރާލް އައިން ލަތީފް އެވެ. މެރާލް ވަނީ ރާއްޖޭގެ ގިނަ ދުވަސްވީ 100 މީޓަރު ބަޓަފްލައި ފެތުމުގެ ރެކޯޑް، 18 އަހަރަށް ފަހު މުގުރާލައިފަ އެވެ.

ސޮލިޑާރިޓީ ގޭމްސް އާއި ދާދި ފަހުން އިނގިރޭސިވިލާތުގެ ބާމިންހަމްގައި ކުރިއަށްދިޔަ ކޮމަންވެލްތު ގޭމްސް އަށް ބަލާއިރު، ދެ ގޭމްސްގައި ގައުމީ ފެތުންތެރިން ވަނީ ޖުމްލަ އެއްކޮށް 10 ގައުމީ ރެކޯޑެއް މުގުރާލައިފަ އެވެ. ކޮމަންވެލްތު ގޭމްސް އަށް ދިޔައީ ސްވިމިންގެ ސީނިއާ ފެތުންތެރިންނެވެ. ސޮލިޑާރިޓީ ގޭމްސްގައި ސްވިމިން އެސޯސިއޭޝަނުން ނިންމީ މެޖޯރިޓީ ޒުވާން ފެތުންތެރިންނަށް ރަނގަޅު ފެންވަރެއްގެ ގޭމްސްއެއްގެ ތަޖުރިބާ ހޯދައިދީ އެ ފެތުންތެރިން ޑިވެލޮޕްމަންޓަށް ފުރުސަތުތަކެއް މަގުފަހިކޮށްދިނުމެވެ.

ސޮލިޑާރިޓީ ގޭމްސްގެ އިވެންޓްތަކުގައި، ގިނަ ފެތުންތެރިން ވަނީ ޓައިމިން އަށް ބަލާއިރު ރަނގަޅު ކުރިއެރުންތަކެއް ހޯދައިފަ އެވެ.

އިއްޔެ ރާއްޖޭގެ އެހެން ފެތުންތެރިން ވާދަކުރި އިވެންޓްތަކަށް ބަލާއިރު، އަންހެނުންގެ 50 މީޓަރު ބަޓަފްލައި އިވެންޓްގެ ސެމީ ފައިނަލުގައި ރާއްޖޭގެ އައިޝަތު އުލްޔާ ޝާއިގު ވާދަކޮށް ރޭސް ނިންމީ، 31.07 ސިކުންތުންނެވެ. މި އިވެންޓްގެ ހީޓް ހަތަރެއްގައި ރާއްޖޭގެ އީން އައްބާސް ޝަރީފް ވެސް ވަނީ ފަތައިފަ އެވެ. އޭނާގެ ޓައިމިން އަކީ 34.75 ސިކުންތެވެ.

ފިރިހެނުންގެ 50 މީޓަރު ބަޓަފްލައި އިވެންޓްގައި ރާއްޖޭގެ ނާވީ އާއި ހާއިޝް ވެސް ވަނީ ފަތައިފަ އެވެ. ނާވީގެ ޓައިމިން އަކީ 29.49 ސިކުންތެވެ. އަދި ހާއިޝްގެ ޓައިމިން އަކީ 28.41 ސިކުންތެވެ. އަންހެނުންގެ ހަތަރެއް ގުނަ 100 މީޓަރު މެޑްލީ ރިލޭގައި ބައިވެރިވި ރާއްޖޭގެ ޓީމުގައި ހިމެނެނީ އުލްޔާ، ޒައިނަބު އަބްދުﷲ ޝަފީގު، މެރާލް އަދި އީން އެވެ. މި ޓީމުގެ ޓައިމިން އަކީ ފަސް މިނިޓް 45.69 ސިކުންތެވެ.