12 ނޮވެންބަރު 2025 - 12:31 0
ސޮލިޑާރިޓީ ގޭމްސްގައި ދީމާ ކުޅުނު މެޗެއްގެ ތެރެއިން.---- ފޮޓޯ: މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ/ އިސްމާއިލް ތޯރިގު
12 ނޮވެންބަރު 2025 - 12:31 0
ސައުދީ އަރަބިއްޔާގެ ރިޔާދުގައި ކުރިއަށްދާ އިސްލާމިކް ސްލިޑާރިޓީ ގޭމްސްގެ ޓޭބަލް ޓެނިސް އިވެންޓުގެ އޯޕަން ބައިގެ އަންހެން ސިންގަލްސްގެ ގަދަ 16 ކުޅުންތެރިން ވާދަކުރާ ބުރުގައި ވާދަކޮށް ރާއްޖޭގެ ފާތިމަތު ދީމާ އަލީ އަށް ނާކާމިޔާބީއާ ކުރިމަތިލާން ޖެހިއްޖެ އެވެ.
އަންހެން ސިންގަލްސްގެ ފުރަތަމަ ބުރުގައި، (ގަދަ 32 ކުޅުންތެރިން ވާދަކުރި) ބުރުގައި ދީމާ ކުޅުނީ އަޒަރުބައިޖާންގެ ޒެމްފީރާ މިކައިލޯވާއާ ދެކޮޅަށެވެ. އޭ މި މެޗުން ދީމާ މޮޅުވީ 4-2 ސެޓުންނެވެ. މެޗުގެ ސެޓުތައް ގެންދިޔައީ، 07-11، 13-11، 11-09، 04-11، 08-11، 02-11 އިންނެވެ.
މުބާރާތުގެ ގަދަ 16 ބުރުގައި ދީމާ ރޭ ނުކުތީ ތުރުކީގެ އެޝޭ ހަރާޝްއާ ދެކޮޅަށެވެ. މި މެޗުން ދީމާ ބަލިވީ 4-2 ސެޓުންނެވެ. މެޗުގެ ފުރަތަމަ ދެ ސެޓު، ހަރާޝް ގެންދިޔައީ، 11-09، 11-06 އިންނެވެ. ތިން ވަނަ ސެޓުގައި، 09-11 އިން ދީމާ ކާމިޔާބު ހޯދި ނަމަވެސް، ހަތަރު ވަނަ ސެޓު، 11-04 އިން ގެންގޮސް، ހަރާޝް މެޗުގެ ކޮންޓްރޯލް ނެގި އެވެ. އެކަމަކު، ދެން ކުުޅުނު ފަސް ވަނަ ސެޓު، 05-11 އިން ކާމިޔާބުކޮށް ދީމާ އުންމީދެއް ހޯދި ނަމަވެސް، ހަ ވަނަ ސެޓުގައި، 11-06 އިން ކުރިހޯދައި، ހަރާޝް ވަނީ މޮޅުވެފަ އެވެ.
މި ފަަހަރުގެ ސޮލިޑާރިޓީ ގޭމްސްގެ ޓީމު އިވެންޓް ބައިގައި އަންހެން ޓީމު ވަނީ ކުއާޓާ ފައިނަލުގައި އަޒަރުބައިޖާން އަތުން ބަލިވެފަ އެވެ. ކުއާޓާ އަށް ދަތުރުކުރީ، ގްރޫޕްގައި ތުރުކީ އަތުން ބަލިވި ނަމަވެސް މުބާރާތް ބާއްވާ ސައުދީ އަރަބިއްޔާ ބަލިކޮށްފަ އެވެ.
ތުރުކީގެ ކޮންޏާގައި 2022 ވަނަ އަހަރު ބޭއްވި ފަސް ވަނަ އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގެ ޓޭބަލް ޓެނިހުގެ އަންހެން ކެޓަގަރީގައި ރާއްޖޭން ލޯ މެޑަލް ހޯދި އެވެ. އެ ފަހަރު ރާއްޖޭން ސެމީ ފައިނަލުގައި ބަލިވީ އިރާނާ ވާދަކޮށެވެ.
Comment