17 އޮގަސްޓު 2022 - 14:40 0
އައިޝަތު ނުޒުހާ
ރޭ ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ: ހެލްތު މިނިސްޓްރީ
17 އޮގަސްޓު 2022 - 14:40 0
ރާއްޖެގައި މިހާތަނަށް ކުރިއަށް ގެންދެވުނު އެންމެ ބޮޑު ވެކްސިން ކެމްޕެއިން؛ ކޮވިޑް ވެކްސިނޭޝަން ކެމްޕެއިނަށް ދިން ތަރުހީބާއި ވެދިން އެހީތެރިކަމުގެ އަގުވަޒަން ކުރުމަށް ރަސްމިއްޔާތެއް ބާއްވައިފި އެވެ.
ވެކްސިން ކެމްޕެއިނަށް އެހީތެރިވެދިން މުވައްސަސާތަކުގެ ވެރިންނާއެކު ރޭ ބޭއްވި މި ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވަނީ ރާއްޖެ ހުއްޓުމަކަށް އައި ކޮވިޑުގެ ހާލަތުން އަރައިގަނެ، މިހާރު އޮތް ހާލަތަށް އާދެވިފައިވަނީ ވަރަށް ގިނަ ބައެއްގެ މިންނެތް މަސައްކަތުން ކަމަށް ވިދާޅުވެފަ އެވެ.
"ރާއްޖެއިން އަޅުގަނޑުމެންނަށް ފެނުގެން ދިޔައީ، ޤައުމު ބޮޑުކަމަކާ ކުރިމަތިލާން ޖެހިއްޖެ ހާލެއްގައި އަޅުގަނޑުމެން އެންމެން އެކަތިގަނޑަކަށްވެ ލާމެހިގެންވާ ގުޅުމަކުން ގުޅިގެން މަސައްކަތް ކުރާކަން. ކޮވިޑްގެ މުޅި އޮޕަރޭޝަން ކާމިޔާބު ކުރުމުގައި ކޮންމެސް ސިފައެއްގައި ކޮންމެވެސް މިންވަރަކަށް ބައިވެރިނުވާ ހަމަ އެއްވެސް މީހަކު އަދި އިދާރާއެއް ހުންނާނެކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން،" ނަސީމް ވިދާޅުވި އެވެ.
ކޮވިޑް ވެކްސިން ދިނުމުގެ މަސައްކަތް ރާއްޖެއިން ކުރީ ވަރަށް ހިކުމަތްތެރިކަމާ އެކުގައި ކަން ފާހަގަކުރައްވައި ނަސީމް އިތުރަށް ވިދާޅުވީ އޭގެ ނަތީޖާއެއްގެ ގޮތުން އެންމެ އަވަހަށް ވެކްސިން ލިބިގެން ދިޔަ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނޭ ކަމަށެވެ.
"ކޮވިޑްގެ އޮޕަރޭޝަން އަދި ވެކްސިން ދިނުމުގެ އިންތިޒާމްތަކަށް އެންމެ ބޮޑަށް މަގުފަހިވި އަދި ފަސޭހަވެގެންދިޔަ އެއްކަމަކީ، އެކަމަށް ބޭނުންވާ އައި.ޓީ ސޮލިއުޝަންތަކާއެކު، ތިޔަ އެންމެ ހާ ފަރާތްތަކުން ކުރެއްވި މިންނެތް މަސައްކަތް. އަވަށްޓެރި އިންޑިއާގެ އިތުރުން، އެމެރިކާ އާއި ޗައިނާ އާއި ޖަޕާނާ އަދި އެހެން ގައުމުތަކުން ވެކްސިން އާ ވެކްސިން އެއްތަނުން އަނެއްތަނަށް ގެންގޮސް ވެކްސިން ޖެހުމަށް ބޭނުންވާ އެންމެހާ ސާމާނު ފޯރުކޮށްދިން،" ނަސީމް ވިދާޅުވި އެވެ.
މި ރަސްމިއްުޔާތުގައި ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ވަނީ މި މަސައްކަތަކީ ބުރަ މަސައްކަތެއް ކަމަށާއި މިކަމުގައި ގިނަ ގޮންޖެހުންތަކެއް ދިމާވިކަން ފާހަގަކުރައްވައިފަ އެވެ.
"ގައުމީ އަދި ވަތަނީ ޖޯޝުގައި ތިޔަ ހުރިހާ ފަރާތްތަކުން ކުރެއްވި ހިތްވަރަށް އައްސަރިބަހާ ސާބަސް ދަންނަވަން،" މައިމޫނާ ވިދާޅުވި އެވެ.
ރާއްޖޭގައި 2020 ވަނަ އަހަރު މާޗްމަހު ފެތުރެން ފެށި ކޮވިޑުން އަރައިގަނެ އެންމެންގެ ރައްކާތެރިކަމަށް ވެކްސިން ޖަހަން ފެށީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހު އެވެ.
އެޗްޕީއޭއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު ރާއްޖޭގެ އާބާދީގެ 90 އިންސައްތަ މީހުން ވަނީ ކޮވިޑް ވެކްސިންގެ ދެ ޑޯޒު ފުރިހަމަކޮށްފަ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment