Advertisement

ޒުވާން ފެތުންތެރިޔާ މެރާލް، 18 އަހަރުވީ ރެކޯޑެއް މުގުރާލައިފި

17 އޮގަސްޓު 2022 - 08:10 0

ިއިސްލާމިކް ސޮލިޑާރިޓީ ގޭމްސްގެ އިވެންޓެއްގެ ތެރެއިން މެރާލް: އޭނާ ވަނީ 18 އަހަރުވީ ރެކޯޑެއް މުގުރާލައި ރާއްޖޭގެ ފެތުމުގެ ތާރީހުން ޖާގަހޯދާފައި.-- ފޮޓޯ: މޯލްޑިވްސް އޮލިމްޕިިކް ކޮމިޓީ/ އިސްމާއިލް ތޯރިގު


ޒުވާން ފެތުންތެރިޔާ މެރާލް، 18 އަހަރުވީ ރެކޯޑެއް މުގުރާލައިފި

17 އޮގަސްޓު 2022 - 08:10 0

ތުރުކީގެ ކޮންޏާގައި މިހާރު ކުރިއަށްދާ އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައި ޒުވާން ފެތުންތެރިޔާ، މެރާލް އައިން ލަތީފް، ރާއްޖޭގެ ގިނަ ދުވަސްވީ 100 މީޓަރު ބަޓަފްލައި ފެތުމުގެ ރެކޯޑް މުގުރާލައިފި އެވެ. .

މެރާލް، 12، ރޭ 100 މީޓަރު ބަޓަފްލައި ފެތުމުގެ ރެކޯޑް މުގުރާލީ އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގެ 100 މީޓަރު ބަޓަފްލައި އިވެންޓްގެ ހީޓް ދޭއް، 1 މިނިޓް 20.80 ސިކުންތުން ނިންމައިގެންނެވެ. މި ޓައިމިންއާ އެކު މެރާލް މި ވަނީ 18 އަހަރުވީ ރެކޯޑެއް މުގުރާލައިފަ އެވެ.

މި ރެކޯޑް، ރެއާ ޖެހެންދެން އޮތީ ތަޖުރިބާކާރު ގައުމީ ފެތުންތެރިޔާ، އައިޝަތު ސައުޝަން އަތުގަ އެވެ. ސައުޝަން، 2004 ވަނަ އަހަރު ޕާކިސްތާންގެ އިސްލާމްއާބާދުގައި ބޭއްވި ސައުތު އޭޝިއަން ގޭމްސްގެ 100 މީޓަރު ބަޓަފްލައި އިވެންޓް ފުރިހަމަކުރީ 1 މިނިޓް 21.81 ސިކުންތުންނެވެ.

މިއީ މި ފަހަރުގެ އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައި ގައުމީ ފެތުންތެރިންގެ ޓީމުން ހެދި ދެ ވަނަ ގައުމީ ރެކޯޑެވެ. ނިސްބަތުން ޒުވާން ގިނަ ކުޅުންތެރިން ގިނަ ގައުމީ ފެތުންތެރިންގެ ސްކޮޑެއް، ސޮލިޑާރިޓީ ގޭމްސްގައި ވާދަކުރާއިރު، އެންމެ ފުރަތަމަ މުގުރާލާފައިވަނީ ފިރިހެނުންގެ ފެތުމުގެ، ހަތަަރެއް ގުނަ 100 މީޓަރުގެ ފްރީސްޓައިލް ރިލޭގެ ގައުމީ ރެކޯޑެވެ.

އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގެ ފެތުމުގެ އިވެންޓެއްގެ ތެރެއިން.--- ފޮޓޯ: މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ/ އިސްމާއިލް ތޯރިގު


އިއްޔެ ގައުމީ ފެތުންތެރިން ވަނީ ސޮލިޑާރިޓީ ގޭމްސްގެ ހަތް އިވެންޓެއްގައި ފަތައިފަ އެެވެ. އެ ގޮތުން، 10 މިޓަރު ބެކްސްޓްރޯކް އިވެންޓްގެ ހީޓް ހަތަރެއްގައި ފެތި ރާއްޖޭގެ އަލީ އިމްއާން ނިންމީ 29.92 ސިކުންތުންނެވެ. ސަތޭކަ މީޓަރު ފްރީސްޓައިލް އިވެންޓްގެ ހީޓް ދޭއްގައި ރާއްޖޭގެ އިމްއާން އާއި ދާއިން އަހުމަދު ޝަފީގް ވަނީ ފަތައިފަ އެވެ. އިމްއާން ހަތަރެއްގައި ނިންމީ 58.52 ސިކުންތުންނެވެ. ދާއިން ނިންމީ 1 މިނިޓް 01.95 ސިކުންތުންނެވެ.

އަންހެނުންގެ ފެތުމުގެ 50 މީޓަރު ބެކްސްޓްރޯކް އިވެންޓްގެ ހީޓް އެކެއްގައި ފާތިމަތު ޒުހާ ޒިޔާދު އާއި ހީޓް ދޭއްގައި ޒައިނަބް އަބްދުﷲ ޝަފީގް ވަނީ ފަތައިފަ އެވެ. ޒުހާ ނިންމީ 41.33 ސިކުންތުންނެވެ. ޒައިނަބްގެ ޓައިމިން އަކީ 39.14 ސިކުންތެވެ. ސަތޭކަ މީޓަރު ބަޓަފްލައި އިވެންޓްގައި މެރާލްގެ އިތުރުން ހަނާން ހުސެއިން ހަލީމް ވެސް ވަނީ ފަތައިފަ އެވެ. ހަނާންގެ ޓައިމިން އަކީ 1 މިނިޓް 30.69 ސިކުންތެވެ.

އަންހެނުންގެ ހަތަރެއް ގުނަ 100 މީޓަރު ފްރީސްޓައިލް އިވެންޓްގައި ފެތީ އައިޝަތު އުލްޔާ ޝާއިގު، މެރާލް، ޒައިނަބް އަދި އީން އައްބާސް ޝަރީފް އެވެ. ރާއްޖޭގެ އަންހެން ޓީމުން މި އިވެންޓް ނިންމި ޓައިމިން އަކީ 5:04.08 އިންނެވެ.

ރާއްޖޭގެ ފެތުންތެރިންނަށް ސޮލިޑާރިޓީ ގޭމްސްގައި މިއަދު ވެސް ހަތަރު އިވެންޓެއް އޮންނާނެ އެވެ.