Advertisement

ޝިއާއުގެ ހަށިގަނޑުގެ ފޮޓޯތައް ލީކުވީ ފުލުހުންގެ ތެރެއިން ނޫންކަމުގެ ޔަގީންކަން ދީފި

16 އޮގަސްޓު 2022 - 13:35 0

އަނިޔާވެރި ގޮތަކަށް މަރާލާފައިވާ ޝިއާއުގެ ހަށިގަނޑު އޮތް ގޭގެ ކައިރީގައި ފުލުހުން އެ ދުވަހު ހަރަކާތްތެެރި ވަނީ. އޭނާގެ ހަށިގަނޑުގެ ފޮޓޯތަކެއް މީސްމީޑިއާގައި ދަނީ ދައުރުވަމުން. ފޮޓޯ: އަބްދުﷲ އިޔާން/އަދަދު


ޝިއާއުގެ ހަށިގަނޑުގެ ފޮޓޯތައް ލީކުވީ ފުލުހުންގެ ތެރެއިން ނޫންކަމުގެ ޔަގީންކަން ދީފި

16 އޮގަސްޓު 2022 - 13:35 0

ހ. ޝީރީން ވިލާ ގައި އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވައި ފެނުނު ޝިއާއު މުހައްމަދު ސައީދުގެ ހަށިގަނޑުގެ ފޮޓޯތަކެއް ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯތަކަކީ ފުލުހުން ނަގާފައިވާ ފޮޓޯތަކެއް ނޫން ކަމަށް ފުލުހުންގެ އިދާރާއިން މިއަދު ބުނެފި އެވެ.

ދައުރުވަމުންދާ ފޮޓޯތަކަކީ ހަގީގަތުގައި ވެސް ޝިއާއުގެ ހަށިގަނޑުގެ ފޮތޯތަކެއްތޯ ބައެއް މީހުން ސުވާލު އުފައްދާފައި ވަނިކޮށް ފުލުހުން މިއަދު ކުރި ޓްވީޓެއްގައި ކަށަވަރުކޮށްދީފައިވާ ގޮތުގައި އެއީ ޝިއާއުގެ ހަށިގަނޑުގެ ފޮޓޯތަކެކެވެ. އެހެން ނަމަވެސް އެއީ ކުށުގެ ވެއްޓަށް ވަދެފައިވާ ފަރާތަކުން ފޮޓޯ ނަގައި ލީކްކޮށްފައި ވޭތޯ ބަލަމުން އަންނަ ކަމަށް ވެސް އެ ޓްވީޓްގައި ބުންޏެވެ.

ޝިއާއުގެ ހަށިގަނޑުގެ ފޮޓޯތައް ދައުރު ނުކުރަން ވެސް ފުލުހުންގެ ޓްވީޓްގައި އިލްތިމާސްކޮށްފައި ވެ އެވެ.

"...އެ ފޮޓޯތަކަކީ އަނިޔާވެރިކަން ފެންނަ، ގިނަ ބަޔަކަށް އެކަމުން އަސަރު ކުރުވާނެފަދަ ފޮޓޯތަކަކަށް ވުމާއެކު، އެކަކު އަނެކަކަށް އެ ފޮޓޯތައް ފޮނުވައި އެކި ވަސީލަތްތައް މެދުވެރިކޮށް ދައުރު ނުކުރުމަށް މި ފުރުސަތުގައި ދަންނަވަމެވެ،" ފުލުހުންގެ ޓްވީޓްގައި ބުންޏެވެ.

ފުލުހުންގެ ބުނި ގޮތުގައި ދައުރުވަމުންދާ ފޮޓޯތަކަކީ ޝިއާއުގެ މަރުގެ ތަހުގީގަށް ފުލުހުން ނަގައި ބޭނުންކުރަމުން އަންނަ ފޮޓޯތަކެއް ނޫނެވެ. އެފަދަ އެއްވެސް ފޮޓޯއެއް ފުލުހުންގެ ތެރެއިން ލީކްވެފައިވާ ކަމަށް ނުބެލެވޭ ކަމަށް ވެސް ބުންޏެވެ.

އުމުރުން 22 އަހަރުގެ ޝިއާއުގެ މަރަށް ފަހު އޭނާގެ އާއިލާއިން ތަކުރާރުކޮށް އެދިފައި ވަނީ އޭނާގެ ހަށިގަނޑުގައި ހުރި ޒަހަމްތަކުގެ ތަފްސީލާއި އޭނާގެ ފޮޓޯތައް އާއްމުނުކުރުމަށެވެ. އާއިލާއިން އެދުނު ގޮތަށް ފުލުހުން އެކަމުގައި އަމަލުކޮށްފައިވާ ކަމަށް ބުނެ އެއާއިލާއިން އިއްޔެ ވަނީ ފުލުހުންނަށް ޝުކުރުވެސް އަދާކޮށްފަ އެވެ.