16 އޮގަސްޓު 2022 - 12:42 0
މުހައްމަދު އުޝާމް
މުލިއާގެ ކައިރި ސަރަހައްދު: ބޮން ބޭއްވި ކަމަށް ބުނާ މައްސަލާގައި ދައުވާކުރި ފަހު މީހާ ވެސް ސަލާމަތްވެއްޖެ - ފައިލް ފޮޓޯ: ހުސައިން ވަހީދު | އަދަދު
16 އޮގަސްޓު 2022 - 12:42 0
މުލިއާގޭގެ ކައިރީގައި އައިއީޑީ ބާއްވައި، ގޮއްވާލަން އުޅުނު ކަމުގެ ތުހުމަތުގައި ދައުވާ އުފުލާފައިވާ ތ. ތިމަރަފުށީ ވިލާ، ޒިހާން އަހުމަދުގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވާފައިވާ ޖަލު ހުކުމް ވެސް ހައި ކޯޓުން ބާތިލް ކުރުމުން އެ މައްސަލާގައި ދައުވާކުރި އެންމެން ވެސް ސަލާމަތްވެއްޖެ އެވެ.
މިއީ ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އަމާޒުކޮށް މުލިއާގެ ކައިރީގައި އައިއީޑީއެއް ބާއްވައި ގޮއްވާލަން އުޅުނު ކަމަށް ބުނާ މައްސަލައެކެވެ.
ޔާމީން ދަތުރުކުރެއްވި ރިޔާސީ ލޯންޗް "ފިނިފެންމާ" ގައި އެއްޗެއް ގޮއްވާލައި ސިޔާސީ ހަލަބޮލިކަން ބޮޑުވި ދުވަސްވަރު، ސިފައިން ހިންގި އޮޕަރޭޝަނެއްގައި 2015 ވަނަ އަހަރު މުލިއާގެ ކައިރިން އައިއީޑީއެއް ފެނުނު ކަމަށް ބުންޏެވެ. އޭރު ވަނީ މި ކަންކަމާ ގުޅުވައިގެން ކުއްލި ނުރައްކަލުގެ ހާލަތު ވެސް އިއުލާނުކޮށްފަ އެވެ.
ހައި ކޯޓުގެ ހުކުމުގައި ވަނީ ހަމަ މި މައްސަލާގައި ޖަލަށްލި ތަލްއަތު މުހައްމަދުގެ މައްޗަށް ޓެރަރިޒަމްގެ އަމަލެއްގައި ބައިވެރިވުމުގެ ދައުވާ ކޮށްފައިވަނީ ޓެރަރިޒަމްގެ ގާނޫނާ އެއްގޮތަށް ނޫން ކަމަށް ސުޕްރީމް ކޯޓުން ނިންމާފައިވާ ކަމެވެ. އަދި ޒިހާންގެ މައްޗަށް ވެސް ކޮށްފައިވަނީ ހަމަ އެ ދައުވާ ކަމަށެވެ.
އެހެންވެ ހައި ކޯޓުގައި މި މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން ދަށު ކޯޓުގެ ހުކުމް ބާތިލްކުރީ އެވެ. އެ ބެންޗުގައި ތިއްބެވީ ފަނޑިޔާރު މުހައްމަދު ނިޔާޒާއި ފަނޑިޔާރު ހުސައިން ޝަހީދު އަދި ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާ އެވެ.
މި މައްސާލަގައި ޒިހާނާއި ތޮލްހަތުގެ އިތުރުން އަހުމަދު މަމްދޫހާއި މުހައްމަދު އުބައިދުގެ މައްޗަށް ވެސް ދަށު ކޯޓުން ހުކުމްކުރި އެވެ. މީގެ ތެރެއިން މަމްދޫހާއި އުބައިދުގެ މައްޗަށް އިއްވި ހުކުމް ހައިކޯޓުން ބާތިލްކުރިއިރު، ތޮލްހަތުގެ ހުކުމް ބާތިލް ކުރީ ސުޕްރީމް ކޯޓުންނެވެ.
މި މީހުންގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވީ 17 އަހަރުގެ ޖަލު ހުކުމެކެވެ. ހުކުމް ތަންފީޒު ކުރުމަށްޓަކައި އެއިން ކޮންމެ މީހަކު ވެސް ހަ އަހަރަށް ވުރެ ދިގު މުއްދަތަަކަށް ޖަލުގައި ހޭދަކޮށްފައިވެ އެވެ.
Comment