16 އޮގަސްޓު 2022 - 12:07 0
މުހައްމަދު އުޝާމް
އެޓާނީ ޖެނެރަލް އިބްރާހީމް ރިފްއަތު: ޝަރުއީ ދާއިރާގެ އިސްލާހީ މަސައްކަތުގެ ނަތީޖާ ވަޒަންކުރުމުގެ މަސައްކަތެއް އޭޖީ އޮފީހުން ފަށަނީ
16 އޮގަސްޓު 2022 - 12:07 0
ޝަރުއީ އަދި ގާނޫނީ ދާއިރާ އިސްލާހުކުރަން މި ސަރުކާރުން ކުރިއަށް ގެންދާ މަސައްކަތްތަކުގެ ނަތީޖާ ވަޒަން ކުރުމުގެ ގޮތުން އެ މަސައްކަތް ތަންފީޒުވާ މިންވަރު ބެލުމަށް ޓަކައި އެޓާނީ ޖެނެރަލް (އޭޖީ) އޮފީހުން ހާއްސަ މަސައްކަތެއް ފަށައިފި އެވެ.
އޭޖީ އޮފީހުގެ ކޮމިއުނިކޭޝަން ޑިރެކްޓަރު ހުސައިން ހަސަން މި ނޫހަށް ވިދާޅުވި ގޮތުގައި، މިއީ އަދުލު އިންސާފުގެ ދާއިރާ ހަރުދަނާ ކުރުމަށްޓަކައި މިހާތަނަށް ސަރުކާރުން ހުށަހަޅާފައިވާ ކަންކަން ދިރާސާކޮށް، އެކިއެކި މުއައްސަސާތަކުން އަޅަން ޖެެހޭ ފިޔަވަޅުތައް ތަންފީޒު ކުރަމުންދާ މިންވަރު ދެނެގަތުމާއި އެ ކަމަށް ހުރި ގޮންޖެހުންތައް ދެނެގަންނަން އެ އޮފީހުން އިސް ނަގައިގެން ފަށާފައިވާ މަސައްކަތެއް ކަމަށެވެ.
"ޖަސްޓިސް އެންޑް ލީގަލް ސެކްޓާ ސްޓޮކް ޓޭކިން އެކްސަސައިޒް" ނަމުގައި އޭޖީ އޮފީހުން މިއަދު ލޯންޗުކުރި މި ހަރަކާތް ކުރިއަށް ގެންދަނީ ތިން މަރުހަލާއަކަށް ބަހާލައިގެންނެވެ.
ފުރަތަމަ މަރުހަލާގައި، އަދުލު އިންސާފު ދާއިރާއާއި ގާނޫނީ ދާއިރާ އިތުރަށް ހަރުދަނާ ކުރުމަށްޓަކައި ސަރުކާރުން އަޅަމުން ގެންދާ ފިޔަވަޅުތައް އެނގޭނެ ކަރުދާހެއް ތައްޔާރު ކުރާނެ އެވެ.
ދެވަަނަ މަރުހަލާގައި ކަރުދާހުގައި ހިމެނޭ މައުލޫމާތުތަކުގެ މައްޗަށް ބިނާކޮށް ވަކިވަކި ސްޓޭކްހޯލްޑަރުންނާ އެކު ބައްދަލުވުންތަކެއް ބާއްވާނެ އެވެ. އަދި ތަންފީޒު ކުރެވޭ މިންވަރާއި، ތަންފީޒު ކުރުމަށް ހުރި ދަތިތަކާއި، ހައްލު ކުރަން ކުރެވިދާނެ ކަންކަން ދެނެގަތުން ވެސް މި މަރުހަލާގައި އޮންނާނެ އެވެ.
ތިންވަނަ މަރުހަލާގައި ތަންފީޒު ކުރުމުގެ މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރުމަށްޓަކައި ކުރަން ޖެހޭ ކަންކަމުގެ ޕްލޭނެއް އެކުލަވާލާނެ އެވެ. އަދި އެ ޕްލޭނަށް ބިނާކޮށް ބައިނަލްއަގްވާމީ ފަންނީ އެހީތެރިކަން ބޭނުންވާ ދާއިރާތައް ދެނެގަނެ، އެފަދަ ފަރާތްތަކާ އެކު ވެސް ބައްދަލުވުންތަކެއް ބާއްވާނެ އެވެ.
މި މަސައްކަތް ސެޕްޓެމްބަރު މަހުގެ ނިޔަލަށް ނިންމޭނެ ކަމަށް ހުސައިން ވިދާޅުވި އެވެ.
މި މަސައްކަތް ކުރިއަށް ގެންދެވޭނީ ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އާއި ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އާއި ޖުޑިޝަލް އެކެޑަމީ އާއި، ހުރިހާ ކޯޓުތަކާއި، ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހާއި، ބާ ކައުންސިލާއި، މި ދާއިރާގައި ހިމެނޭ ޖަމިއްޔާތައް ޝާމިލުވާ ގޮތުންނެވެ.
Comment