Advertisement

ނޫނޭޒަށް ރަތެއް، ލިވަޕޫލަށް މޮޅެއް ނުލިބުނު

16 އޮގަސްޓު 2022 - 08:43 0

ލިވަޕޫލްގެ ނޫނޭޒް (ކ) އާއި ޕެލަސްގެ އެންޑަސަން.-- ފޮޓޯ: އޭއެފްޕީ


ނޫނޭޒަށް ރަތެއް، ލިވަޕޫލަށް މޮޅެއް ނުލިބުނު

16 އޮގަސްޓު 2022 - 08:43 0

ލިވަޕޫލް (އޮގަސްޓް 16) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ލިވަޕޫލުން އަމިއްލަ ދަނޑުގައި ކުޅުނު މެޗުގައި އެ ޓީމުގެ ފޯވާޑް ޑާވިން ނޫނޭޒަށް ރަތެއް ދެއްކިއިރު، ކްރިސްޓަލް ޕެލަސްއާ 1-1 އިން އެއްވަރުވެއްޖެ އެވެ.

އާ ސީޒަނުގައި ލިވަޕޫލުން ކުޅުނު ދެ މެޗު ވެސް ވަނީ އެއްވަރުވެފަ އެވެ. ފުރަތަމަ މެޗުގައި ރަށުންބޭރުގައި ފުލަމްއާ 2-2 އިން އެއްވަރުވިއިރު، ރޭ އެއް ކުޅުންތެރިއަކު މަދުކޮށް ނިންމާލަން ޖެހުނުއިރު، ޕެލަސް އަތުން ބަލިނުވެ ސަލާމަތްވީ ކިރިޔާ އެެވެ.

އަނިޔާގެ ސަބަބުން ލިވަޕޫލުން ގިނަ ކުޅުންތެރިންތަކެއް ނުލައި ކުޅެން ޖެހިފައިވާއިރު، ރޭ އެ ޓީމުން ފެށީ ފުރަތަމަ އެގާރައިގައި ޑިފެންޑަރު، ނެޓް ފިލިޕްސް ހިމަނައިގެންނެވެ. ލިވަޕޫލަށް ފުރަތަމަ މިނިޓްގައި ގޯލެއް ޖަހަން، ޖޭމްސް މިލްނާ ޖެހި ޝޮޓް ދިޔައީ ހުރަސްދަނޑިމަތިންނެވެ. އޭގެ އިރުކޮޅެއް ފަހުން ނޫނޭޒް ޖެހި ޝޮޓެއްގައި ފަޔަށް ރަނގަޅަށް ބޯޅަ ލައްވައިނުލި އެވެ.

ލިވަޕޫލުން ކުރިއަށް ޖެހިގެން ކުޅެމުން ދަނިކޮށް ލީޑުނެގީ ޕެލަސް އިންނެވެ. މެޗުގެ 32 ވަނަ މިނިޓްގައި ޕެލަސްގެ ގޯލު ޖެހިީ ވިލްފްރެޑް ޒަހާ އެވެ. ލިވަޕޫލްގެ އޮފްސައިޑް މަޅިން ސަލާމަތްވެ، އޭރިއާތެރެއަށް ހުސްކޮށް ބޯޅަ ހިފައިގެން ވަދެ، ޒަހާ ވަނީ ގޯލުގެ ދުރު ކަނަށް ބޯޅަ އަމާޒުކޮށްލައިފަ އެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ލިވަޕޫލަށް އެއްވަރުކޮށްދޭން މުހައްމަދު ސަލާހު ޖެހި ޝޮޓް ދަނޑި ކައިރިން ބޯޅަ ދިޔައިރު، ނޫނޭޒް ޖެހި ޝޮޓް އަމާޒުވީ ދަނޑިއަށެވެ.

މެޗުގައި ލިވަޕޫލަށް މައްސަލަ ދިމާވީ 57 ވަނަ މިނިޓްގައި ނޫނޭޒަށް ރަތެއް ދެއްކުމުންނެވެ. ބޯޅަ ނެތިސް ޕެލަސްގެ ޑިފެންޑަރު ޔަކީމް އެންޑަސަން އަށް ހަމަލާ ދިނުމުން ރެފްރީ ވަނީ ނޫނޭޒަށް ރަތެއް ދައްކައިފަ އެވެ. ކުޅުންތެރިއަކު މަދުކޮށް ކުޅެން ޖެހުނު ނަމަވެސް ލިވަޕޫލުން ވަނީ ނަތީޖާ ހަމަހަމަކޮށްފަ އެވެ. މެޗުގެ 61 ވަނަ މިނިޓްގައި ލިވަޕޫލްގެ ގޯލު ޖެހީ ލުއިސް ޑިއާޒް އެވެ. ޕެލަސްގެ ހަތަރު ކުޅުންތެރިން ކައިރިން ދެމިގަތުމަށް ފަހު ޑިއާޒް މި ގޯލު ޖެހީ އޭރިއާބޭރުންނެވެ.

ޕެލަސް އަށް އަލުން ލީޑުނަގައިދޭން ޒަހާ އަށް ލިބުނު ފުރުސަތުގެ ބޭނުމެއް ނުހިފުނެވެ. މެޗުން މޮޅުވާން ލިވަޕޫލަށް ވެސް ފުރުސަތު ލިބުނެވެ. އެ ގޮތުން ސަލާހު ޖެހި ޝޮޓް ދަނޑިކައިރިން ދިޔައިރު، ބަދަލަކަށް ކުޅެން އެރި ފަބިއޯ ކަވާލިއޯ ޖެހި ބޯޅަ ވެސް ގޯލާ ސީދާނުވި އެވެ.

މެޗަށް ފަހު ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ބުނީ ނޫނޭޒް ރަތެއް ހޯދުމަކީ ޓީމަށް ދިން ގެއްލުމެއް ކަމަށާއި އޭނާ އަށް ވެސް އެކަން އެނގޭނެ ކަމަށެވެ. އިދިކޮޅު ޓީމުގެ ކުޅުންތެރިން އަބަދުވެސް އުޅޭނީ އަނެއް ޓީމުގެ ކުޅުންތެރިއަކު ރުޅިއަރުވާލުމަށް ކަމަށާއި އެ ފަދަ ހާލަތްތަކުގައި އަމަލުކުރަން ޖެހޭ ގޮތާ ހިލާފަށް އުޅުމުން ނޫނޭޒަށް ލިބުނީ ހައްގު އަދަބު ކަމަށެވެ.

ސީޒަންގެ ފުރަތަމަ ދެ މެޗު މޮޅެއް ނުލިބި ލިވަޕޫލަށް ނިންމާލަން ޖެހުނުއިރު، ދެން އެ ޓީމަށް އަންނަ ހަފްތާގައި އޮތީ މެންޗެސްޓާ ޔުނައިޓެޑާ ކުޅޭ މެޗެވެ. ޔުނައިޓެޑް ވަނީ ސީޒަންގެ ފުރަތަމަ ދެ މެޗުން ބަލިވެފަ އެވެ.