Advertisement

އާރަށު މައްސަލަ: އަދީބާއި ޒިޔަތުގެ ހެކިބަސް އެއް ދުވަހެއްގައި ނަގަން އެދުމުން އެ އަޑުއެހުން މި މަހު 30 އަށް!

15 އޮގަސްޓު 2022 - 11:07 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް


އާރަށު މައްސަލަ: އަދީބާއި ޒިޔަތުގެ ހެކިބަސް އެއް ދުވަހެއްގައި ނަގަން އެދުމުން އެ އަޑުއެހުން މި މަހު 30 އަށް!

15 އޮގަސްޓު 2022 - 11:07 0

ވ. އާރަށް ވިއްކުމުގައި ހިންގި ހިޔާނާތުގެ މައްސަލާގައި, އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތާއި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ހެކިބަސް އެއް ދުވަހެއްގައި ނެގުމަށް ނިންމައި، އެ އަޑުއެހުން މި ހިނގާ އޮގަސްޓް މަހުގެ 30 ވަނަ ދުވަހަށް ތާވަލު ކުރަން ނިންމައިފި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އާއި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު ޔޫސުފް ނައީމްގެ މައްޗަށް ދައުވާކޮށް ހިންގާ އެ ޝަރީއަތުގައި މިއަދު ހަމަޖެހިފައި އޮތީ ޒިޔަތުގެ ހެކިބަސް ނެގުމަށެވެ. ހެކިބަސް ދިނުމަށް ޒިޔަތު މިއަދު ކޯޓަށް ހާޒިރު ވެސް ވި އެވެ.

އެހެންވިޔަސް އަޑުއެހުން ފަށަމުން ޔޫސުފް ނައީމްގެ ގަނޫނީ ވަކީލު ހަމްޒާ ލަތީފު ވަނީ ޒިޔަތާއި އަދީބުގެ ހެކިބަސް ދެ ތާރީހެއްގައި ނެގުމަށް އިއުތިރާޒުކޮށްފަ އެވެ. ސަބަބަކަށް ވިދާޅުވީ ދެ ހެކިން ދައުލަތުން ހުށަހަޅާ ސަބަބު އެއްގޮތް ވެފައި، ދެ ހެކިންގެ ވެސް އޮތް ގާތް ކަން ކަމަށެވެ.

"މިއަދު ޒިޔަތުގެ ހެކިބަސް ނަގައިފިނަމަ، އަދީބަށް ނުފެންނަ ގޮތަށް ޒިޔަތަށް ހެކިބަސް ނުދެވޭނެ، އަޅުގަނޑުމެން އެދެނީ އަދީބަށް ނުފެންނަ ގޮތަށް ޒިޔަތުގެ ހެކިބަސް ނެގުން، އެ ކަން ވާނީ އެއް ތާރީހެއްގެ އެއް ވަގުތެއްގައި މި ދެ ހެކިން ކޯޓަށް ހާޒިރުކޮށްގެން،" ހަމްޒާ ވިދާޅުވި އެވެ.

ހަމްޒާގެ އިތުރަށް، ޔާމީންގެ ގާނޫނީ ވަކީލުންގެ ތެރޭގައި ހިމެނޭ ވަކީލު އާދަމް ޝަމީމް ވެސް ވަނީ އެ ގޮތަށް އަމަލު ކުރުމަށް އެދިވަޑައިގެންފަ އެވެ. މިގޮތުން، އެ ކަމަށް އެދި އިއްޔެ ސިޓީއެއް ވެސް ފޮނުވާފައިވާ ކަން އޭނާ ފާހަގަ ކުރެއްވި އެވެ.

"މި ދެ ހެކިންވެރިންނަކީ ވެސް އަޅުގަނޑުގެ މުވައްކިލް [ރައީސް ޔާމީން] އާ އަދާވާތްތެރި ކަމެއް އޮވެދާނެ ކަމަށް ވެސް ބެލެވޭ ދެ ހެކިވެރިން، އެހެންވެ އެއް ދުވަހެއްގައި ނެގުމަށް އަޅުގަނޑުމެން ވެސް އެދުނީ،" ޝަމީމް ވިދާޅުވި އެވެ.

ދައުލަތުގެ ވަކީލު މި ކަމުގައި ވިދާޅުވީ ދުރާލާ ހެކިންގެ ލިސްޓު ލިބި އަދި ކޮންމެ ދުވަހަކު އެއް ހެކިވެރިއެއްގެ ހެކިބަސް ނަގާނެ ކަމަށް ދުރާލާ ޝަރީއަތުން އަންގާފައިވާއިރު މި ކަމަށް ދުރާލާ ދިފާއުން އެދިފައިނުވާ ކަމެވެ.

އެހެންވިޔަސް އެއް ތާރީހެއްގައި ހެކިބަސް ނެގުމަށް ދައުލަތުގެ އިއުތިރާޒެއް ނެތް ކަމަށް ވެސް ދައުލަތުގެ ވަކީލު ވިދާޅުވި އެވެ.

މިއަދު އަދީބު ވެސް ހާޒިރުކޮށް ހެކިބަސް ނެގޭނެތޯ މި މައްސަލަ ބައްލަވާ، ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހްމަދު ޝަކީލް ސުވާލު ކުރެއްވި އެވެ. ދައުލަތުގެ ވަކީލު ވިދާޅުވީ ބަންދެއްގައި އަދީބު ހުންނެވުމުން މިއަދުން މިއަދަށް ހާޒިރުކުރަން ދަތިވާނެ ކަމަށެވެ.

ދައުލަތުގެ ވަކީލުންނާއެކު އިތުރަށް މަޝްވަރާ ކުރެއްވުމަށް ފަހު ނިންމެވީ އަދީބު ހާޒިރުކުރުމަށް މިހާރު ތާވަލުގައި އޮތް ތާރީހަށް އަދީބާއި ޒިޔަތު ހާޒިރުކޮށް އެ ދުވަހު މި ދެ ބޭފުޅުންގެ ވެސް ހެކިބަސް ނެގުމަށެވެ. އަދީބާއި ޒިޔަތުގެ ހެކިބަސް ނެގުމަށް ނިންމެވީ މި މަހުގެ 30 ވަނަ ދުވަހު ހެނދުނު 9:30 އަށެވެ.

އަދީބާއި ޒިޔަތު ވެސް ވަނީ އެމްއެމްޕީއާރުސީ ހިޔާނާތް ހިންގި ކަމަށް ޝަރީއަތުގައި އެއްބަސްވެފަ އެވެ. ބޮޑު ހިޔާނާތުގެ މައްސަލާގައި މިހާތަނަށް ހުކުމެއް އައިސްފައިވަނީ ވެސް މި ދެ މީހުނަށް އެކަންޏެވެ.

ހިޔާނާތުގެ ތަހުގީގާއި ޝަރީއަތްތަކަށް އެއްބާރުލުން ދިނުމަށް އެއްބަސްވެ އަދީބާއި ޒިޔަތު ވަނީ ދައުލަތާއެކު ބާގެއިނިން އެއްބަސްވުމެއްގައި ސޮއިވެސް ކޮށްފަ އެވެ. އެ އެއްބަސްވުމުގެ ދަށުން އަދީބާއި ޒިޔަތުގެ އަދަބު ވެސް ލުއިކޮށްފައިވާއިރު، ޒިޔަތުގެ އެއްބަސްވުން ވަނީ އަހަރެއް ކުރިން ބާތިލްކޮށްފަ އެވެ.

އާރަށު މައްސަލައިގެ ދައުވާގައި ހިމެނޭ ކަންކަން

ދައުލަތުން ކުރާ ދައުވާގައިވާ ގޮތުން ވ. އާރަށް ޓޫރިޒަމް މިނިސްޓްރީއަށް ބަދަލުކުރީ އޮގަސްޓް 9، 2015 ގަ އެވެ. ޔޫސުފް ނައީމްގެ 99 ޕަސަންޓު ހިއްސާ އޮންނަ ގޮތަށް ޓޫޖީ ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި ކުންފުންޏެއް އުފެއްދީ އޮގަސްޓް 13، 2015 ގަ އެވެ.

ސެޕްޓެމްބަރު 8، 2015 ގައި ޓޫޖީ ޕްރައިވެޓް ލިމިޓެޑްގެ 99 ޕަސަންޓު ހިއްސާ އެލްއޭ ރިސޯޓްސް ޕްރައިވެޓް ލިމިޓެޑްއަށް ވިއްކާލީ ކަމުގަ އެވެ.

ސެޕްޓެމްބަރު 9، 2015 ގައި އެމްއެމްޕީއާރުސީން ޓޫޖީ ޕްރައިވެޓް ލިމިޓެޑް ކުންފުންޏަށް ވ. އާރަށް ހަވާލުކުރިއިރު އެލްއޭއިން އެމްއެމްޕީއާރުސީއަށް ރަށުގެ ލީޒް އެކުއިޒިޝަން ކޮސްޓްއަށް އެއް މިލިއަން ޑޮލަރު އަދި ޔޫސުފް ނައީމަށް ވެސް އެއް މިލިއަން ޑޮލަރުގެ ޗެކެއް ދީފައިވެ އެވެ.

ސެޕްޓެމްބަރު 13، 2015 ގައި ޔޫސުފް ނައީމްގެ އެކައުންޓަށް އެ ފައިސާ ޖަމާވުމުން ސެޕްޓެމްބަރު 15، 2015 ގައި ޔޫސުފް ނައީމްގެ އެކައުންޓުން ޔާމީނަށް އެއް މިލިއަން ޑޮލަރުގެ ޗެކެއް ދީފައިވެ އެވެ.

އޭގެ ދެ ދުވަސް ފަހުން އެ ފައިސާ އެޗްއެސްބީސީގައި ޔާމީންގެ ނަމުގައި ހުޅުވާފައިވާ އެކައުންޓަށް ޖަމާކޮށްފައިވާ ކަމަށް ދައުލަތުގެ ދައުވާގައިވެ އެވެ.

ޔާމީނާއި ޔޫސުފް ނައީމްގެ ފަރާތުން ވެސް މި ދައުވާތަކަށް އިންކާރު ކުރެ އެވެ.

ޔާމީނާއި ޔޫސުފް ނައީމް ވެސް ވިދާޅުވާ ގޮތުން އެ ދެ މީހުންގެ ދެމެދުގައި ހިނގާފައިވާ ކަމަށް ދައުލަތުން ބުނާ މުއާމަލާތަކީ ދިވެހި ރުފިޔާއިން ޑޮލަރު ގަތް މުއާމަލާތެއް ކަމަށެވެ. އެ ކަން ސާބިތު ކުރަން ކަމަށް ބުނެ އެ ދެ ފަރާތުން ވެސް ހެކިތަކެއް ހުށަހަޅާފައިވެ އެވެ.