14 އޮގަސްޓު 2022 - 09:23 0
ފްރީ ސްޓައިލް ރިލޭ ރެކޯޑް މުގުރާލި ޓީމާ އެކު އޮލިމްޕިކް ކޮމިޓީގެ ރައީސް މުހައްމަދު އަބްދުއްސައްތާރު.-
14 އޮގަސްޓު 2022 - 09:23 0
ތުރުކީގެ ކޮންޏާގައި މިހާރު ކުރިއަށްދާ އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައި ވާދަކުރާ ރާއްޖޭގެ ސްވިމިން ޓީމުން ހަތަަރެއް ގުނަ 100 މީޓަރުގެ ފްރީސްޓައިލް ރިލޭގެ ގައުމީ ރެކޯޑް މުގުރާލައިފި އެވެ.
އިއްޔެ ކޮންޏާގެ އޮލިމްޕިކް ސްވިމިން ޕޫލްގައި ކުރިއަށްދިޔަ އިވެންޓްގައި ރާއްޖޭގެ ސްވިމިން ޓީމުން ހަތަަރެއް ގުނަ 100 މީޓަރުގެ ފްރީސްޓައިލް ރިލޭ ނިންމީ 4:01.23 އިންނެވެ. މިއީ އެންމެ ފަހުން އޮތް ރެކޯޑަށް ވުރެ ނުވަ ސިކުންތު އަވަސް ވަގުތެކެވެ.
މި ފަހަރު ރެކޯޑް ހެދި ރިލޭ ޓީމުގައި ހިމެނެނީ އަބްދުﷲ ނާވީ އަހުމަދު، އިބްރާހިމް މައިޝަން ޝަމީމް، އަލީ އިމްއާން އަދި ހުސެއިން ހާއިޝް ހަސަން އެވެ. މި ރެކޯޑް އެންމެ ފަހުން ހަދާފައިވަނީ 2018 ވަނަ އަހަރުގެ އޭޝިއަން ގޭމްސްގަ އެވެ. އެ ފަހަރުގެ ފްރީ ސްޓައިލް ރިލޭ ޓީމުގައި ހިމެނެނީ މުބާލް އައްޒާމް އިބްރާހިމް، އިމްއާން، ހާއިޝް އަދި ހަސަން އަޝްރަފް އެވެ.
ދާދި ފަހުން އިނގިރޭސިވިލާތުގައި ނިމިގެންދިޔަ ކޮމަންވެލްތު ގޭމްސްގައި ގައުމީ ފެތުންތެރިންގެ ޓީމުން ވަނީ ގައުމީ ހަތް ރެކޯޑެއް އާ ކޮށްފަ އެވެ. ކޮމަންވެލްތު ގޭމްސްގައި ސީނިއާ ފެތުންތެރިން ހިމެނޭ ޓީމެއް ވާދަކުރިއިރު، ސޮލިޑާރިޓީ ގޭމްސްގައި އެހެން ފެތުންތެރިންނަށް ވަނީ ފުރުސަތު ދީފަ އެވެ.
އިއްޔެ ބޭއްވި އިވެންޓްތަކުގައި ރާއްޖޭގެ ސްވިމިން ޓީމުގެ ދާއިން އަހުމަދު ޝަގީފް އާއި ނާވީ ވަނީ ފިރިހެނުންގެ 100 މީޓަރު ބަޓަފްލައި އިވެންޓްގައި ވާދަކޮށްފަ އެވެ. އަދި 50 މީޓަރު ބްރެސްޓްސްޓްރޯކްގެ ފިރިހެން އިވެންޓްގައި ހާއިޝް އާއި މައިޝާން ވާދަކުރިއިރު، 50 މީޓަރު ބްރެސްޓްސްޓްރޯކްގެ އަންހެން އިވެންޓްގައި ޒައިނަބް އަބްދުﷲ ޝަފީގް އާއި އައިޝަތު އުލްޔާ ޝާއިގް ވަނީ ވާދަކޮށްފަ އެވެ.
Comment