އެފްއޭ ކަޕް: ގްރާންޑޭ ބަލިކޮށް ވެލެންސިއާ ސެމީ އަށް

Aug 13, 2022, 8:10 PM
ގޯލު ޖެހުމަށް ފަހު ވެލެންސިއާގެ އަސްހަދު އަލީ އުފާފާޅުކުރަނީ.--- ފޮޓޯ: އިމޭޖަސް.އެމްވީ

ގޯލު ޖެހުމަށް ފަހު ވެލެންސިއާގެ އަސްހަދު އަލީ އުފާފާޅުކުރަނީ.--- ފޮޓޯ: އިމޭޖަސް.އެމްވީ

އެފްއޭ ކަޕް ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލުގައި މިރޭ ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް 2-1 އިން ބަލިކޮށް ކްލަބް ވެލެންސިއާ އިން މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދައިފި އެވެ.

އަންނަ ބުރާސްފަތި ދުވަހުގެރޭ ކުޅޭ ސެމީ ފައިނަލް މެޗުގައި ވެލެންސިއާއާ ދެކޮޅަށް ކުޅޭނެ ޓީމެއް އެނގޭނީ ކުއާޓާ ފައިނަލްގެ ފަހު މެޗަށް ފަހު އެވެ. ކުއާޓާ ފައިނަލްގެ ފަހު މެޗުގައި ހޯމަ ދުވަހުގެރޭ ކްލަބް އީގަލްސް އިން ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް)އާ ކުޅޭނެ އެވެ. ސަސް އިން ކުއާޓާގެ ޖާގަ ހޯދީ ފުރަތަމަ ބުރުގައި ބިސް ބުރު ސްޕޯޓްސް ކްލަބް އަތުން 10 ގޯލުން މޮޅުވެގެންނެވެ.

ގަލޮޅު ދަނޑުގައި މިރޭ ކުޅުނު މެޗުގެ 14 ވަނަ މިނިޓްގައި ވެލެންސިއާ އަށް ލީޑުނަގައިިދިނީ އަސްހަދު އަލީ (އަޑުބަރޭ) އެވެ. މިއީ އަބްދުﷲ ޔާމީން (ޔާނު) ދިން ބޯޅައެއް ހިފައިގެން އޭރިއާތެރެއަށް ވަދެ އަޑުބަރޭ ފުރަތަމަ އެ ޓީމު އެހެން ކުޅުންތެރިއަކަށް ދޭން ޖައްސާލި ބޯޅަ ދަ ގްރާންޑޭ ކުޅުންތެރިއަކު ފައިގައި ޖެހިފައި އަލުން އަޑުބަރޭ އަށް ލިބުމުން ޖެހި ގޯލެކެވެ.

Advertisement

އޭގެ ހަތަރު މިނިޓް ފަހުން، ވެލެންސިއާގެ ލީޑުފުޅާކޮށްދިނީ ޓީމުގެ ކެޕްޓަން، ހަސަން ސުފިއާނު (ސޫފީ) އެވެ. މެޗުގެ 18 ވަނަ މިނިޓްގައި ވެލެންސިއާގެ މުހައްމަދު އުމެއިރު ކޯނަރަކުން ނެގި ބޯޅަ ދަ ގްރާންޑޭގެ ލެބަނަން ކީޕަރު މުހައްމަދު ތަހާ އަތުން ޖައްސާލި ބޯޅަ ލިބުނީ އޭރިއާތެރެއިން ސޫފީ އަށެވެ. އޭނާ އެއް ފަހަރުން ފޮނުވާލި ބޯޅަ ދަ ގްރާންޑޭގެ ޑިފެންޑަރުންގެ ތެރެއިން ގޮސް އަމާޒުވީ ގޯލުގެ ދާގަނޑަށެވެ.

ގްރާންޑޭގެ ނައުފަލް (ކ) ކައިރިން ވެލެންސިއާގެ އަޑުބަރޭ ބޯޅަ ހިފައިގެންދަނީ.--- ފޮޓޯ: އިމޭޖަސް.އެމްވީ

ދެ ވަނަ ހާފްގެ ކުޅުން ފެށިގެން 10 މިނިޓް ތެރޭ ދަ ގްރާންޑޭގެ އާޖެންޓީނާ ފޯވާޑް ހޫގޯ ނިކޮލަސް ވަނީ ގޯލެއް ޖަހައިފަ އެވެ. ކޯނަރެއްގައި އޭރިއާތެރެއަށް ހުރަސްވި ބޯޅަ ހޫގޯ ބޮލުން ފޮނުވާލުމުން ގޯލަށް ބޯޅަ ވަނީ ވެލެންސިއާގެ ގޯލުގައި ހުރި އާދަމް އިމްއާން އަތުގައި ޖެހިފަ އެވެ. ގްރާންޑޭ އިން މެޗުގެ ބާކީ ބައިގައި އިތުރު ގޯލެއް ޖެހެތޯ ގްރާންޑޭ އިން ކުރި މަސައްކަތުގައި މެޗުގެ އިތުރު ވަގުތުގައި އެ ޓީމަށް ކުޅޭ ކޮލަމްބިއާގެ ޑިފެންޑަރު، ޖޯޖް އިވާން ސައިސޭޑޯ ވެއްޓިގެންފައި ޖަހަން އުޅުނު ބޯޅަ ފައިގައި ރަނގަޅަށް ލައްވާލާ ގޮތެއްނުވި އެވެ.

މިއީ މި ސީޒަނުގައި ދަ ގްރާންޑޭ އަތުން ވެލެންސިއާ ހޯދި ފަސް ވަނަ މޮޅެވެ. އެއީ ލީގުގެ ތިން މެޗާއި ޕްރެޒިޑެންޓްސް ކަޕް އަދި އެފްއޭ ކަޕްގަ އެވެ. މި ސީޒަނުގެ ޕްރެޒިޑެންޓްސް ކަޕްގެ ޗެމްޕިއަންކަން ހޯދި ވެލެންސިއާ އަކީ މި ވަގުތު މުބާރާތުގައި އޮތް ޓީމުތަކުގެ ތެރެއިން އެންމެ ފަހުން މި މުބާރާތް ކާމިޔާބުކުރި ޓީީމެވެ. ވެލެންސިއާ އިން 2016 ވަނަ އަހަރު އެފްއޭ ކަޕް ކާމިޔާބުކުރީ ޓީސީ ސްޕޯޓްސް ކްލަބް ފައިނަލުގައި ބަލިކުރުމަށް ފަހު އެވެ. އޭޖެ ޖެހިގެން އައި ފަހަރު ޓީސީ ބަލިކޮށް ނިއު ރޭޑިއަންޓުން އެފްއޭ ކަޕް ކާމިޔާބުކުރި އެވެ. އެ އަހަރަށް ފަހު، އެފްއޭ ކަޕް އެއްކޮށް ފުރިހަމަކޮށްފައެއް ނުވެ އެވެ.

މިރޭގެ މެޗާ އެކު ދަ ގްރާންޑޭ އިން ދެން ތައްޔާރުވާނީ އަންނަ ސީޒަނުގައި ފުރަތަމަ ޑިވިޝަންގެ ޖާގަ ކަށަވަރުކުރަން ކުޅޭ ރެލިގޭޝަން ބުރަށެވެ. އެ ބުރުގައި ސަސް އާއި ގްރާންޑޭ ކުޅެން ޖެހޭނީ ދެ ވަނަ ޑިވިޝަނުގެ ޗެމްޕިއަނާއި ރަނަރަޕާ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސާފަށް އާ ގިނަ ކުޅުންތެރިންނާ އެކު ރާއްޖޭގެ ސްކޮޑު ފައިނަލް

ބަންގްލަދޭޝްގައި ބާއްވާ ސާފް ޗެމްޕިއަންޝިޕަށް 23 ކުޅުންތެރިންގެ ފައިނަލް ސްކޮޑާއެކު ރާއްޖޭގެ ގައުމީ ޓީމު މިއަދު ފުރައިފި. މި ފަހަރުގެ ސްކޮޑުގައި އަލަށް މި މުބާރާތުގައި ކުޅޭ 11 ކުޅުންތެރިން ހިމެނޭއިރު، ޓީމުގެ ކެޕްޓަނަކީ ސަމޫހު އަލީ. ރާއްޖޭން މި ފަހަރުގެ ސާފްގައި ވާދަކުރަން ޖެހެނީ އިންޑިއާ އާއި ޕާކިސްތާނާ އެއް ގްރޫޕެއްގައި.

ފޯވާޑް މަރުވަން ދިމާވި ފައުލުކުރި ކީޕަރުގެ މައްސަލަ ބަލަނީ

ސްޕެއިންގެ ދެވަނަ ޑިވިޝަނުގެ މެޗެއްގެ ތެރެއިން ކީޕަރު ޖީސޫސް އޮވޯނޯ ކުރި ފައުލަކާ ގުޅިގެން ލިބުނު އަނިޔާތަކަށް ފަރުވާދެމުން ދަނިކޮށް، ޓެނެރިފްގެ ފޯވާޑް ޖީސޫސް ޑި މިގުއެލް ވަނީ މަރުވެފައި. މި ހާދިސާގައި ކީޕަރު ގަސްދުގައި ގެއްލުމެއް ދީފައިވޭތޯ ބެލުމަށް ސްޕެއިންގެ ފުލުހުން މިހާރު ވަނީ ތަހުގީގެއް ފަށާފައި

ކްރިކެޓް ތަރި މެކްސްވެލް ގައުމީ ޓީމުން ރިޓަޔާކޮށްފި

އޮސްޓްރޭލިއާގެ މަޝްހޫރު އޯލް ރައުންޑަރު ގްލެން މެކްސްވެލް، އެއްވެސް ފަރާތެއްގެ ޕްރެޝަރެއް ނެތި ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން ރަސްމީކޮށް އިއުލާންކޮށްފިއެވެ. އޮސްޓްރޭލިއާއަށް ދެ ފަހަރު ވަންޑޭ ވޯލްޑް ކަޕް އަދި އެއް ފަހަރު ޓީ20 ވޯލްޑް ކަޕް ކާމިޔާބުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކުރި މެކްސްވެލްގެ އެންމެ ފަހު މެޗަކީ މިއަހަރުގެ ޓީ20 ވޯލްޑް ކަޕްގައި އޮމާނާ ދެކޮޅަށް ކުޅުނު މެޗެވެ.

17 މިނިޓް ތެރޭ 4 ގޯލު ޖަހައިގެން ޕީއެސްޖީ މޮޅުވެއްޖެ

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ 17 މިނިޓް ތެރޭ ހަތަރު ގޯލު ޖަހައި، 6-0 ގެ ބޮޑު ތަފާތަކުން ވިޔަރެއާލް ބަލިކޮށް ޕީއެސްޖީން ތާވަލުގެ އެއްވަނަ މަގާމު ދަމަހައްޓައިފި. މި މެޗުގައި ފަބިއަން ރުއީޒް ދެ ލަނޑު ކާމިޔާބުކުރިއިރު، މެޗުގެ ކުރިން ވަނީ ދާދިފަހުން މަރުވި ސްޕެއިންގެ ފޯވާޑް ޖީސޫސް ޑި މިގުއެލްގެ ހަނދާނުގައި ސުކޫތެއް ގެނެސްފައި

ރޯމާ އަތުން މޮޅުވެ ޔުނައިޓެޑަށް ހަމަނޭވައެއް

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޯމާ އަތުން 3-2 އިން މޮޅުވެ، މެންޗެސްޓާ ޔުނައިޓެޑުން ފަހަކަށް އައިސް ކުރިމަތިވި ނާކާމިޔާބީތަކަށް ނިމުމެއް ގެނެސްފި. ރޯމާއިން ދެ ގޯލުގެ ލީޑެއް ނަގާފައިވަނިކޮށް، ޔުނައިޓެޑުން މެޗު ކާމިޔާބުކުރީ ބްރޫނޯ ފެނާންޑޭސްގެ ޕެނަލްޓީއަކާއި މަޓެއުސް ކޫންޏާ ޖެހި ދެ ލަނޑުން

ގޮންޖެހުން ހުއްޓަސް ގައުމީ ފުޓްސަލް ޓީމުގެ ވިސްނުން ޕޮޒިޓިވްކޮށް

ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތަށް ތައްޔާރުވުމުގައި އިންޑޯ ދަނޑެއް ނުލިބުމުގެ ގޮންޖެހުންތަކެއް ހުރި ނަމަވެސް، ގައުމީ ޓީމު އޮތީ ރަނގަޅު ވިސްނުމެއްގައި މުބާރާތަށް ތައްޔާރަށް. ކެޕްޓަން އިންމި ބުނިގޮތުގައި ފަރިތަކުރުންތައް މަދުވި ނަމަވެސް، ކުޅުންތެރިންގެ ތަޖުރިބާއާއެކު މި މުބާރާތުގައި ރަނގަޅު ނަތީޖާއެއް ހޯދުމުގެ އުންމީދު އެބައޮތް

ވެމްކޯ އަށް ބަލިނުވެ ސީޒަންގެ ތިން ތަށި، އަދީލް އިސްކުރީ ޓީމު

ކްލަބް ވެމްކޯ އިން މި އަހަރުގެ އަންހެން ވޮލީބޯޅަ ސީޒަނުގެ ތިން މުބާރާތްވެސް އެއްވެސް މެޗަކުން ބަލިނުވެ ކާމިޔާބުކޮށް، ފުރިހަމަ ރެކޯޑަކާއެކު ތާރީޚީ ކާމިޔާބީއެއް ހޯދައިފި. ކޯޗު އަހުމަދު އަދީލް (ބޭބެ) ގެ އިރުޝާދުގެ ދަށުން އެ ޓީމުން ވަނީ އެސޯސިއޭޝަން ކަޕާއި، ގައުމީ ލީގު އަދި ގައުމީ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފައި.

Newsletter

Get the latest news delivered straight to your inbox