Advertisement

އެއް މިލިއަން ޓޫރިސްޓުން އަތުވެއްޖެ، އަމާޒަށް ވާސިލްވެވޭނީ އަހަރުގެ ފަހުކޮޅު

12 އޮގަސްޓު 2022 - 11:10 0

ނިމާ ހަސަން

ނިމާ ހަސަން

2022 ވަނަ އަހަރުގެ އެއް މިލިއަން ވަނަ ފަތުރުވެރިޔާ، ޑެނިއެއްލާ ކިލްޒަރޯވާ އޭނާ ފިރިމީހާއާ އެކު ވެލާނާ އިންޓަނޭޝަން އެއާޕޯޓުގައި. އޭނާއަށް މަރުހަބާ ކިޔުމަށް ވަނީ ހާއްސަ ހަރަކާތެއް އެއާޕޯޓުގައި ބާއްވާފައި --- ފޮޓޯ: ޓޫރިޒަމް މިނިސްޓްރީ


އެއް މިލިއަން ޓޫރިސްޓުން އަތުވެއްޖެ، އަމާޒަށް ވާސިލްވެވޭނީ އަހަރުގެ ފަހުކޮޅު

12 އޮގަސްޓު 2022 - 11:10 0

ރާއްޖެއަށް 2022 ވަނަ އަހަރު އައި ޓޫރިސްޓުންގެ އަދަދު މިލިއަނަކަށްވުރެ އިތުރުވެ، އަހަރުގެ ފަހުކޮޅަށް ދާންވާއިރަށް މިއަހަރަށް ކަނޑައަޅާފައިވާ 1.6 މިލިއަން ޓޫރިސްޓުން ހަމަވާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ހާމަކޮށްފި އެވެ.

މިއަދު ހެނދުނު ގަތަރު ފްލައިޓެއްގައި ރާއްޖެއަށް މިއަހަރު އައި އެއް މިލިއަން ވަނަ ފަތުރުވެރިޔާއަކީ ޗެކް ރިޕްބްލިކްގެ ރައްޔިތެއް ކަމަށްވާ ޑެނިއެއްލާ ކިލްޒަރޯވާ އެވެ. އޭނާއަށް މަރުހަބާ ކިޔުމަށް ވެލާނާ އިންޓަނޭޝަން އެއާޕޯޓުގައި ހާއްސަ އިވެންޓެއް ވެސް ވަނީ ބާއްވާފަ އެވެ.

ޑެނިއެއްލާ ރާއްޖެ އައިސްފައި ވަނީ އޭނާގެ ފިރިމީހާއާއެކު ރޮބިންސަން ނޫނު ރިސޯޓުގައި ޗުއްޓީ ހޭދަކޮށްލުމަށެވެ. މިއީ ޑެނިއެއްލާ ރާއްޖެ ދަތުރުކުރި ތިން ވަނަ ފަހަރެވެ.

އެއް މިލިއަން ފަތުރުވެރިން ހަމަވުމާ ގުޅިގެން ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަހްމަދު ސޯލިހް "އަދަދު" އަށް ވިދާޅުވީ މިއީ ފަތުރުވެރިކަމުގެ ދާއިރާއަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށާއި، މިއީ ސަރުކާރާއި ފަތުރުވެރިކަމުގެ ސިނާއަތް ގުޅިގެން ކުރި ބުރަ މަސައްކަތުގެ ނަތީޖާ ކަމަށެވެ.

އަޅުގަނޑުމެންގެ ޓާގެޓަކަށް މިއޮތީ 1.6 މިލިއަން ފަތުރުވެރިން، އިރާދަކުރެއްވިއްޔާ މިއަހަރު ނޮވެމްބަރު، ޑިސެމްބަރު ހާތާނގަ އެ ޓާގެޓު ހާސިލުކުރެވޭނެ

ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި ރާއްޖެ އިސްތިހާރު ކުރުމަށް ގިނަ ހަރަކާތްތަކެއް ރާއްޖެ އާއި ރާއްޖޭން ބޭރުގައި އަންނަނީ ހިންގަމުންނެވެ. ވަކިން ހާއްސަކޮށް މިއަހަރަކީ ރާއްޖޭގައި ފަތުރުވެރިކަން ފެށިތާ 50 އަހަރު ފުރޭ ރަންޔޫބީލް އަހަރަށްވުމާ އެކު ޓޫރިޒަމް މިނިސްޓްރީ އިސްވެ އަންނަނީ ކުލަގަދަ ގޮތެއްގައި އެކަން މުޅި އަހަރު ތެރެއަށް ބަހާލައިގެން ފާހަގަކުރަމުންނެވެ.

މި އަހަރަށް ފާސްކުރި ބަޖެޓުގައި ޓޫރިސްޓުން ޒިޔާރަތްކުރާނެ އަދަދަކަށް ޖެހީ 1،632،432 ޓޫރިސްޓުންނެވެ. އެއީ "މޮޑަރޭޓް ކޭސް" ނުވަތަ ހާއްސަ ހާލަތެއް މެދުވެރިނުވާހާ ހިނދަކު އަންނާނެ ކަމަށް ލަފާކުރި އަދަދެވެ. އަހަރުގެ އޮގަސްޓް މަހާ ހަމައަށް އައިއިރު، އޭގެ ތެރެއިން 1 މިލިއަން ފަތުރުވެރިން މިވަނީ ރާއްޖެ އައިސްފަ އެވެ.

ޓޫރިޒަމް މާކެޓުތަކަށް ބަލާއިރު، ކުރިން އެއްވަނައިގައި އޮތް އިނގިރޭސިވިލާތް ފަހަތަށް ޖައްސާލުމަށް ފަހު އިންޑިއާ ވަނީ އެއްވަނައަށް އަރާފަ އެވެ. ތިންވަނައިގައި އޮތީ ކޮވިޑު ބަލިމަޑުކަމުގެ ދުވަސްވަރުން ފެށިގެން ޓޫރިސްޓުން އެންމެ ގިނައިން އަންނަ ރަޝިއާ އެވެ.