Advertisement

ލީޑްސް އިން މަޓާގެ ސޮއި ހޯދުމާ ގާތަށް: ރިޕޯޓް

12 އޮގަސްޓު 2022 - 08:38 0


ލީޑްސް އިން މަޓާގެ ސޮއި ހޯދުމާ ގާތަށް: ރިޕޯޓް

12 އޮގަސްޓު 2022 - 08:38 0

ލީޑްސް (އޮގަސްޓް 12) - މިދިޔަ ސީޒަނަށް ފަހު މެންޗެސްޓާ ޔުނައިޓެޑްގެ ކޮންޓްރެކްޓް ހަމަވެގެން އެ ކްލަބް ދޫކޮށްލި ސްޕެއިންގެ ތަޖުރިބާކާރު މިޑްފީލްޑަރު، ހުއާން މަޓާ، ލީޑްސް ޔުނައިޓެޑަށް ބަދަލުވުމާ ގާތަށް ޖެހިލާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މަޓާ، 34، ހޯދަން ސްޕެއިނާއި ސައުދީ އަރަބިއާ އަދި އެމެރިކާގެ ބައެއް ކްލަބްތަކުން ވަނީ ޕްރޮޕޯސަލްތައް ހުށަހަޅައިފަ އެވެ. އޭގެ ތެރޭގައި އަހަރަކު 10 މިލިއަން ޑޮލަރުގެ މުސާރަ ލިބޭ ގޮތަށް ސައުދީން ހުށަހެޅި ޑީލަކާއި އަހަރަކު އަށް މިލިއަން ޑޮލަރު ލިބޭ ގޮތަށް ކޮންޓްރެކްޓް ދިން އެމެރިކާ ލީގު (އެމްއެލްއެސް)ގެ ކްލަބެއް ހިމެނެ އެވެ.

އެކަމަކު، މި ހުރިހާ ހުށަހެޅުންތަކަކަށް މަޓާ ވަނީ ފުރަގަސްދީފަ އެވެ.

ސްޕެއިނުގެ ކްލަބް، ސެވިއްޔާ އިން މަޓާގެ ސޮއި ހޯދަން ކުރި މަސައްކަތް ހުއްޓާލައި، ރެއާލް މެޑްރިޑަށް ކުޅެމުން އައި އިސްކޯ ވަނީ ހިލޭ ޓްރާންސްފާއެއްގައި ސޮއިކޮށްފަ އެވެ.

ލީޑްސްގެ ދެ ތަރިން ކަމަށްވާ ކަލްވިން ފިލިޕްސް އާއި ރަފީނިއާ އެ ޓީމު ދޫކޮށްލުމުން، އެ ކްލަބުން އަންނަނީ މިޑްފީލްޑަރުން ހޯދަން މަސައްކަތް ކުރަމުންނެވެ. ފިލިޕްސް 55 މިލިއަން ޑޮލަރަށް ސޮއިކުރީ މެންޗެސްޓާ ސިޓީ އަށެވެ. ރަފީނިއާ 58 މިލިއަން ޑޮލަަރަށް ބަދަލުވީ ބާސެލޯނާ އަށެވެ.

ލީޑްސްގެ ކޯޗު ޖެސީ މާޝް ވަނީ އެންމެ ފަހުން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި އާ ކުޅުންތެރިން ގެނައުމުގެ މަސައްކަތް އެ ކްލަބުން ހުއްޓާނުލާ ކަމަށް ބުނެފަ އެވެ. އަދި ޕްރިމިއާ ލީގުގެ ތަޖުރިބާ ހުރި ކުޅުންތެރިއަކު ވަރަށް އަވަހަށް ލީޑްސް އަށް ސޮއިކުރާނެ ކަމުގެ އިޝާރާތެއް ވެސް މާޝް ދިނެވެ. އިނގިރޭސި އަދި ސްޕެއިނުގެ މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި އެ ކުޅުންތެރިއަކީ މަޓާ އެވެ.

ވެލެންސިއާ ދޫކޮށް 2011 ވަނަ އަހަރު، މަޓާ ޗެލްސީ އަށް ބަދަލުވީ 28 މިލިއަން ޑޮލަރުގެ ފީ އަކަށެވެ. ޗެލްސީގައި ތަފާތު މޮޅު ކުޅުމެއް ދެއްކި މަޓާ ވަނީ އެ ޓީމާ އެކު ޗެމްޕިއަންސް ލީގާއި ޔޫރޮޕާ ލީގު އަދި އެފްއޭ ކަޕް ކާމިޔާބުކޮށްފަ އެވެ. މަޓާ، 2014 ވަނަ އަހަރު ޖެނުއަރީ މަހު މެންޗެސްޓާ ޔުނައިޓެޑާ ގުޅުނީ 46 މިލިއަން ޑޮލަރުގެ ޓްރާންސްފާ ފީ އަކަށެވެ. ޔުނައިޓެޑާ އެކު މަޓާ ވަނީ އެފްއޭ ކަޕާއި ލީގު ކަޕް އަދި ޔޫރޮޕާ ލީގު ކާމިޔާބުކޮށްފަ އެވެ.