13 އޮގަސްޓު 2022 - 07:03 0
އިއްޔެ ހަވީރު މެރިން އެކްސްޕޯގައި "މާންދޫ މަސް" ބްރޭންޑްގެ ވަރަށް ކުޅި އަދި ކުޅި ނޫން މަސްހުނި ތައާރަފުކުރަން ބޭއްވި އިވެންޓް މި އާ އުފެއްދުންތަކާ ގުޅޭ މައުލޫމާތު ދެނީ. -- ފޮޓޯ: ހޮރައިޒަން ފިޝަރީޒް
13 އޮގަސްޓު 2022 - 07:03 0
މޯލްޑިވްސް މެރިން އެކްސްޕޯ 2022 ގައި މާންދޫ މަސް ބްރޭންޑްގެ "މަސްހުނި، ޒީރޯ ޗިލީ" އަދި "މަސްހުނި އެކްސްޓްރާ ސްޕައިސީ" ތައާރަފްކޮށްފި އެވެ.
ދަޅުގައި ބަންދުކޮށްގެން މަހުގެ އެކި ވައްތަރުގެ އުފެއްދުންތައް މީގެކުރިން ވެސް ބާޒާރަށް ނެރެފައިވާ ހޮރައިޒަން ފިޝަރީޒް ކުންފުނިން މާންދޫ މަސް ބްރޭންޑްގެ މަސްދަޅުގައި ނުބައިނުވާ ގޮތަށް ހުންނަ މަސްހުނި ބަންދުކޮށް، މިދިޔަ އަހަރުގެ ތެރޭގައި ވަނީ ތައާރަފުކޮށްފަ އެވެ.
އެ ޕްރޮޑަކްޓްގެ މަގުބޫލުކަން އިތުރުވުމާ އެކު، އެކި ވަރަށް ކުޅިކޮށް ކެއުމަށް ބޭނުންވާ ފަރާތްތަކަށް ޓާގެޓްކޮށް ދަޅު މަސްހުނީގެ އާ ދެ ވައްތަރެއް ތައާރަފު ކުރީ ކަމަށް އެ ކުންފުނިން ބުނެ އެވެ.
މެރިން އެކްސްޕޯގައި ހުރި ހޮރައިޒަން ފިޝަރީޒްގެ ސްޓޯލަށް ނައިބު ރައީސް ޒިޔާރަތް ކުރައްވައި އުފެއްދުންތައް ބައްލަވާ ލައްވަނީ. -- ފޮޓޯ: ހޮރައިޒަން ފިޝަރީޒް
މަސްހުންޏަކީ ދިވެހިންގެ ހެނދުނުގެ ނާސްތާގެ އާންމު ކެއުމެވެ. އެހެންވެ ދަޅުގައި މަސްހުނި ބަންދު ކުރުމަކީ ވަރަށް ގިނަ ބައެއްގެ ސަމާލުކަން ހުއްޓިގެންދިޔަ ކަމަކަށްވާއިރު، މި ޕްރޮޑަކްޓްތަކަކީ، ތާޒާކޮށް ދެމެހެއްޓުމަށް ވިސްނައި، ބަންދު ކުރަވިފައިވާ ވަރަށް ހާއްސަ ދެ ޕްރޮޑަކްޓެއް ކަމަށް ހޮރައިޒަން ފިޝަރީޒްއިން މައުލޫމާތު ދިނެވެ.
ހުޅުމާލެ ސެންޓްރަލް ޕާކުގައި މިހާރު ކުރިއަށްދާ މެރިން އެކްސްޕޯގައި ކުރިއަށްދާ ޕްރޮޑަކްޓު ލޯންޗުގައި، އަލަށް ތައާރަފު ކުރި މި ދެ ޕްރޮޑަކްޓްގެ ހުރިހާ މައުލޫމާތެއް އިއްޔެ ވަނީ ދީފަ އެވެ.
މީގެ އިތުރުން، މި ކުންފުނީގެ ފަރާތުން އެކްސްޕޯގެ ސްޓޯލް އެސް 31 އަދި އެސް 32 ގައި ކުންފުނީގެ ސީފުޑް ޕްލަސްގެ ތަފާތު ޕްރޮޑަކްޓްތައް ދައްކާލުމަށް ހަމަޖެހިފައިވާ ކަމަށް ހޮރައިޒަން ފިޝަރީޒްއިން ބުންޏެވެ.
އަލަށް ތައާރަފުކުރި މަސްހުނީގެ ރަހަ ޓޫރިޒަމް މިިނިސްޓަރު މައުސޫމް ބައްލަވާލައްވަނީ. -- ފޮޓޯ: ހޮރައިޒަން ފިޝަރީޒް
މާންދޫ މަސް ތަފާުތު ގޮތްގޮތަށް ބޭނުންކޮށް، ރާއްޖޭގެ މަޝްހޫރު ޝެފް މޫސާ ރަމީޒްގެ "ލައިވް ކުކިން" ޝޯއެއް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވެ އެވެ. މީގެ އިތުރުން، ކުންފުނިން، ރާއްޖޭގެ ހީވާގި މަސްވެރިންނަށާއި، މަސްވެރި އާއިލާތަކަށް ދެމެހެއްޓެނިވި މަސްވެރި ސިނާއަތެއް ތަރައްގީ ކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައި ވާއިރު، މިފަހަރުގެ އެކްސްޕޯގައި ކުޑަކުދިންނަށް ހާއްސަ ކުރެވިފައިވާ "ފިޝިން ބޫތެއް" ބެހެއްޓިފައިވެ އެވެ.
Comment