11 އޮގަސްޓު 2022 - 17:33 0
މުހައްމަދު ނަސީމް
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، ކިގާލީ ޑަޔަލޮގްގައި ވާހަކަފުޅުދައްކަވަނީ. އެމަނިކުފާނު ވިދާޅުވީ ކޮމަންވެލްތަކީ މާނައެއް ހުރި އެހީއެއް ވެވޭނެ ޖަމާއަތެއް ނޫންކަމަށް. ފޮޓޯ: މަޖިލީހުގެ އިދާރާ
11 އޮގަސްޓު 2022 - 17:33 0
ކޮމަންވެލްތަކީ އެއްވެސް ގައުމަކަށް މާނައެއް ހުރި އެހީތެެރިކަމެއް ދެވޭނެ ޖަމާއަތެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އިންޑިއާގެ އޮބްޒާވާ ރިސާޗް ފައުންޑޭޝަނުން ރުވާންޑާގެ ވެރިރަށް ކިގާލީގައި މިހާރު ކުރިއަށް ގެންދާ "ކިގާލީ ޑަޔަލޮގް 2022" ގައި ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ނަޝީދު ވިދާޅުވީ ކޮމަންވެލްތަށް ރަނގަޅަށް ކުރެވޭ ކަމަކީ ސަގާފީ ހަރަކާތްތަކާއި މަޝްވަރާތައް ފަދަ ކަންތައްތައް ކަމަށެވެ. އެއްވެސް ގައުމަކަށް އެހީތެެރިވެދެވޭނެ ގާބިލުކަމެއް އެ ޖަމާތުގެ ނެތް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
"އެހެން ނަމަވެސް އެއްވެސް ގައުމަކަށް މާނައެއް ހުރި އެހީތެރިކަމެއް ދެވޭނެ ހަގީގީ ގާބިލުކަމެއް ކޮމަންވެލްތުގައި މިހައިތަނަކަށް ނެތް،" ނަޝީދު ވިދާޅުވި އެވެ.
ކޮމަންވެލްތުން ގައުމަކަށް އެހީތެރިކަމެއް ނުދެވެނީ އެމަނިކުފާނު ވިދާޅުވި ގޮތުގައި އެ ޖަމާއަތުގެ ބޭންކެއް ނެތީމަ އެވެ.
"އަޅުގަނޑުމެން ގަޔާވޭ މިހެން އިށީނދެ ތިބެ، މި މަޝްވަރާތައް ކޮންމެ އަހަރަކު ކުރަން. އެއީ ވަރަށް ރަނގަޅު ކަމެއް. އެކަމަކު ކޮމަންވެލްތަށް ބޭންކެއް ބޭނުންވޭ،" ނަޝީދު ވިދާޅުވި އެވެ.
ކޮމަންވެލްތާ ބެހޭ ގޮތުން ނަޝީދު މިމޭރުމުން ވާހަކަފުޅު ދެއްކެވީ މޫސުމަށް އަންނަ ބަދަލުތަކުން ލިބޭ ގެއްލުންތައް ކުޑަކުރުމަށްޓަކައި އިއާދަކުރަނިވި ހަކަތަ ބޭނުންކުރުން ފަދަ ދާއިރާތައް ކުރިއަރުވަން ބޭނުންވާ ފައިސާ ލިބޭނެ އިންތިޒާމްތައް ހަމަޖައްސަން ކޮމަންވެލްތު ފަދަ ޖަމާއަތްތަކުން މަސައްކަތް ނުކުރަނީ ކީއްވެގެންތޯ ސުވާލުކުރުމުންނެވެ.
ފޯރަމް ހުށަހަޅުއްވަން ހުންނެވި އޮބްޒާވާ ރިސާޗް ފައުންޑޭޝަންގެ ރައީސް ސާމިރު ސަރަން ކުރެއްވި އެ ސުވާލުގައި ދެކު އޭޝިއާ ސަރަހައްދުގެ ސަރަަހައްދީ ޖަަމާއަތްތައް (ސާކް ފަަދަ ޖަމާއަތްތައް) ޝާމިލު ކުރެއްވި ނަމަވެސް ނަޝީދުގެ ޖަވާބުގައި އެ ޖަމާއަތްތަކާ ބެހޭ ގޮތުން އެއްޗެސް ވިދާޅެއް ނުވެ އެވެ.
Comment