Advertisement

އޮބާމަޔަން ގަންނަން ޔުނައިޓެޑާއި ޗެލްސީ އަށް ފުރުސަތެއް

11 އޮގަސްޓު 2022 - 09:07 0


އޮބާމަޔަން ގަންނަން ޔުނައިޓެޑާއި ޗެލްސީ އަށް ފުރުސަތެއް

11 އޮގަސްޓު 2022 - 09:07 0

ބާސެލޯނާ (އޮގަސްޓް 11) - މިދިޔަ ޖެނުއަރީ މަހު ބާސެލޯނާ އަށް ބަދަލުވި ޕިއޭ-އެމެރިކް އޮބާމަޔަން ގަންނަން މެންޗެސްޓާ ޔުނައިޓެޑާއި ޗެލްސީ އަށް ފުރުސަތު އެބައޮތް ކަމަށް ސްޕެއިނުގެ މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

ބާސެލޯނާ އިން އޮބާމަޔަން، 33، ދޫކޮށްލަން ނިންމާފައިވަނީ ލަލީގާގެ ގަވާއިދުތަކަށް ފައްތައިގެން އެ ކްލަބާ މި ފަހަރުގެ ޓްރާންސްފާގައި ގުޅުނު ކުޅުންތެރިން ރަޖިސްޓްރީ ކުރުމަށެވެ. އެ ގޮތުން، ބާސެލޯނާ އިން ވަނީ 2025 ވަނަ އަހަރާ ހަމައަށް އެ ކްލަބްގެ ކޮންޓްރެކްޓް ހެދި އޮބާމަޔަން ވިއްކާލާ ކުޅުންތެރިންގެ ލިސްޓުގައި ހިމަނައިފަ އެވެ.

ޔުނައިޓެޑާއި ޗެލްސީން އަންނަނީ ޓްރާންސްފާ މާކެޓްގައި ފޯވާޑެއް ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. އެހެންވެ، ޗެލްސީން އޮބާމަޔަން ގަންނަން ބިޑްކޮށްފާނެ ކަމަށް ބެލެވޭ އެންމެ ބޮޑު ސަބަބަކީ އެ ޓީމުގެ ކޯޗު ތޯމަސް ޓުޗެލް އާއި އޮބާމަޔަން އެކުގައި ޑޯޓްމަންޑްގައި މަސައްކަތް ކޮށްފައިވުމެވެ. މީގެ ދެ އަހަރު ކުރިން، ޗެލްސީގެ ކޯޗުކަމާ ފްރޭންކް ލަމްޕާޑް ހަވާލުވެ ހުރިއިރު، އޮބާމަޔަން ގަންނަން މަޝްވަރާކުރި އެވެ. އެކަމަކު، އެ ފަހަރު އޮބާމަޔަން ކިޔާ މުސާރަ ބޮޑުވުމުން ޗެލްސީން އަމިއްލަ އަށް ރޭހުން ބޭރުވީ އެވެ.

އެންތަނީ މާޝިއަލްގެ އަނިޔާގެ މައްސަލަ އާއި ގޯލާ ރަށްޓެހި ސެންޓަ ފޯވާޑެއް ހޯދުމުގެ މަސައްކަތުގައި ޔުނައިޓެޑުން ޓްރާންސްފާ މާކެޓްގައި ގިނަ ކުޅުންތެރިންނަށް ފާރަލި އެވެ.

ބޮލޯނިއާ އަށް ކުޅޭ އޮސްޓްރިއާގެ ފޯވާޑް މާކޯ އާނައޮޓޮވިޗް ގަންނަން ޔުނައިޓެޑުން ކުރި ނުވަ މިލިއަން ޑޮލަރުގެ ބިޑް ވީ ނާކާމިޔާބެވެ. ޔުނައިޓެޑުން ފަހުން، އާނައޮޓޮވިޗަށް އިތުރު ބިޑެއް ނުކުރީ އެ ކްލަބްގެ ސަޕޯޓަރުންގެ ޕްރެޝަރާ ހެދި އެވެ. އާނައޮޓޮވިޗް ވަނީ ޕްރިމިއާ ލީގުގައި ސްޓޯކް ސިޓީ އާއި ވެސްޓް ހޭމް ޔުނައިޓެޑަށް ކުޅެފަ އެވެ.

ޓްރާންސްފާ މާކެޓް ނިމުމުގެ ކުރިން ޔުނައިޓެޑުން އޮބާމަޔަން ނޫނީ އަލްވާރޯ މޮރާޓާ އަށް ބިޑް ކުރުމުގެ ފުރުސަތު އެބައޮތެވެ. އެކަމަކު، އޮބާމަޔަންގެ ގާތް ފަރާތްތަކާ ހަވާލާދީ ސްޕެއިންގެ ނޫސްތަކުން ރިޕޯޓްކުރާގޮތުގައި އޮބާމަޔަން ހުރީ ބާސެލޯނާ ދޫކޮށްލާ ގޮތަކަށް ނޫނެވެ.

ޖެނުއަރީ މަހު އާސެނަލް ދޫކޮށް ބާސެލޯނާ އަށް ބަދަލުވި ފަހުން އޮބާމަޔަން އެ ޓީމަށް ކުޅެދިން 23 މެޗުން ވަނީ 12 ގޯލު ޖަހައިފަ އެވެ.