10 އޮގަސްޓު 2022 - 20:18 0
200 މީޓަރު ދުވުމުގެ ތެރެއިން ހިމްނާ.-- ފޮޓޯ: މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ/ އިސްމާއިލް ތޯރިގު
10 އޮގަސްޓު 2022 - 20:18 0
ތުރުކީގެ ކޮންޏާގައި މިހާރު ކުރިއަށްދާ އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައި ރާއްޖޭގެ ގައުމީ އެތުލެޓިކްސް ޓީމުގެ އައިޝަތު ހިމްނާ ހަސަން، އަންހެނުންގެ 200 މީޓަރުގެ ދުވުމުގެ ރެކޯޑް މުގުރާލިއިރު، ގޭމްސްގެ 200 މީޓަރު ދުވުމުގެގެ ސެމީ ފައިނަލުން އިބާދުﷲ އާދަމް ފުރުސަތު ހޯދައިފި އެވެ.
މީގެ 10 ވަރަކަށް ދުވަސް ކުރިން އިނގިރޭސިވިލާތުގެ ބާމިންހަމްގައި ކުރިއަށްދިޔަ ކޮމަންވެލްތު ގޭމްސްގައި ރާއްޖޭގެ އަންހެނުންގެ 100 މީޓަރުގެ ދުވުމުގެ ރެކޯޑް މުގުރާލި ހިމްނާ، 20، މިއަދު ސޮލިޑާރިޓީ ގޭމްސްގައި 200 މީޓަރު ރެކޯޑް މުގުރާލީ ހީޓް ދޭއްގައި ދުވެގެން، 24.66 ސިކުންތުން ރޭސް ނިންމައިގެންނެވެ.
ރާއްޖޭގެ 200 މީޓަރު ދުވުމުގެ ޔޫތު ރެކޯޑް ވެސް ހިމްނާ ވަނީ 2018 ވަނަ އަހަރު މުގުރާލައިފަ އެވެ. އެ ފަހަރު އޭނާ ޖޫނިއާ ރެކޯޑް މުގުރާލީ ޖަޕާނުގައި ކުރިއަށްދާ އޭޝިއަން ޖޫނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕުގަ އެވެ.
ރާއްޖޭގައި މިހާރު އެންމެ ބޮޑު ކުރިއެރުންތައް ހޯދަމުން އަންނަ ދުވުންތެރިޔާ، ހިމްނާ ދިޔައީ މިއަދުގެ 200 މީޓަރު ދުވުމުގެ ހީޓްގެ ފަސް ވަނަ އެވެ. އެ ހީޓް ކާމިޔާބުކުރީ ތުރުކީގެ ދުވުންތެރިޔާ ޕޮލާޓް އެވެ. އޭނާގެ ޓައިމިން އަކީ 23.24 ސިކުންތެވެ.
މީގެ ކުރިން ރާއްޖޭގެ އަންހެނުންގެ 200 މީޓަރުގެ ދުވުމުގެ ރެކޯޑް އޮތީ އަފާ އިސްމާއިލް އަތުގަ އެވެ. އަފާ ރެކޯޑް ހެދީ 2016 ވަނަ އަހަރުގެ އޮލިމްޕިކް ގޭމްސްގަ އެވެ. އެ ފަހަރު އަފާގެ ރެކޯޑް ޓައިިމިން އަކީ 24.96 ސިކުންތެވެ.
ސޮލިޑާރިޓީ ގޭމްސްގެ 200 މީޓަރު ދުވުމުގައި ރާއްޖޭގެ ހިމްނާ ދުވަނީ.-- ފޮޓޯ: މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ/ އިސްމާއިލް ތޯރިގު
ސޮލިޑާރިޓީ ގޭމްސްގެ 200 މީޓަރުގެ ފުރަތަމަ ހީޓުގައި ރާއްޖޭގެ ރިފާ މުހައްމަދު ވެސް ވަނީ ދުވެފަ އެވެ. ރިފާ ދިޔައީ ހީޓް އެކެއްގެ އަށް ދުވުންތެރިންގެ ތެރެއިން ހަ ވަނަ އެވެ. އޭނާގެ ޓައިމިން އަކީ 26.09 ސިކުންތެވެ.
ކުރިއެރުން ހޯދަމުން އަންނަ ދުވުންތެރިޔާ، އިބާދުﷲ ވާދަކުރި ފިރިހެނުންގެ 200 މީޓަރު ދުވުމުގެ ފުރަތަަމަ ހީޓުގައި އަށް ދުވުންތެރިން ދުވަށް އޮތް ނަމަވެސް ތިން ދުވުންތެރިން ވަނީ ޑިސްކޮލިފައިވެފަ އެވެ. އެއީ އައިވަރީ ކޯސްޓުގެ ޑިޖޭރޯ އާއި މެލޭޝިއާގެ އަރްސިއާދު އަދި އީރާންގެ ތަފްތިއާން އެވެ.
މިއަދުގެ ރޭސް ނިންމާލުމަށް ފަހު އިބާދުﷲ.-- ފޮޓޯ: މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ/ އިސްމާއިލް ތޯރިގު
އިބާދުﷲ ވާދަކުރި ރޭހުގައި ދުވި ފަސް ދުވުންތެރިންގެ ތެރެއިން އޭނާ ނިންމީ ތިން ވަނައިގަ އެވެ. ޓައިމިން އަކީ 21.75 ސިކުންތެވެ. ރޭހުގެ ކޮންމެ ހީޓެއްގެ ގަދަ ހަތަރެއް ސެމީ ފައިނަލަށް ހޮވޭއިރު، އިބާދުﷲ ވެސް
އިއްޔެ ކުރިއަށް ދިޔަ 100 މީޓަރު ދުވުމުގައި ވެސް އިބާދުﷲ ވަނީ ރަނގަޅު ކުރިއެރުމެއް ހޯދައިފަ އެވެ. ސަތޭކަ މީޓަރު ރޭހުގައި އިބާދުﷲ ވާދަކުރީ ހީޓް ފަހެއްގަ އެވެ. އޭނާ އެ ހީޓުގެ ހަ ވަނަ އަށް ދިޔައިރު ޓައިމިން އަކީ 10.54 ސިކުންތެވެ. މިއީ އިބާދުﷲގެ އަމިއްލަ ޓައިމިންގެ ރެކޯޑްތަކަށް ބަލާއިރު، އެންމެ ރަނގަޅު ވަގުތެވެ. މީގެ ކުރިިން ރާއްޖޭގެ ދުވުމުގެ 100 މީޓަރުގެ ޖޫނިއާ ރެކޯޑް މުގުރާލި އިބާދުﷲ އަކީ މިހާރު ރާއްޖޭގައި ކުރިއެރުން ހޯދަމުން އަންނަ ސްޕްރިންޓަރެވެ.
ސޮލިޑާރިޓީ ގޭމްސްގެ 200 މީޓަރު ދުވުމުގެ ހީޓް ދޭއްގައި ރާއްޖޭގެ ސާއިދު ވާދަކުރަނީ.--- ފޮޓޯ: މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ/ އިސްމާއިލް ތޯރިގު
ރާއްޖޭގެ ދެ ދުވުންތެރިން ވަނީ އެންމެ ފަހުން 2017 ވަނަ އަހަރު އަޒަރުބައިޖާނުގެ ބަކޫގައި ބޭއްވި ސޮލިޑާރިޓީ ގޭމްސްގެ 200 މީޓަރު ސެމީގައި ދުވެފަ އެވެ. އެ ފަހަރު ސެމީ އަށް ދިޔައީ ހަސަން ސާއިދު އާއި ސަރީސް އަހުމަދު އެވެ. ސާއިދު ވަނީ އެ ފަހަރު 100 މީޓަރާއި 200 މީޓަރު އިވެންޓްގައި ވެސް ފައިނަލުގައި ދުވެފަ އެވެ.
މި ފަހަރުގެ ސޮލިޑާރިޓީ ގޭމްސްގެ 200 މީޓަރު ރޭހުގައި ސާއިދު މިއަދު ދުވީ އެންމެ ވަރުގަދަ ހީޓުގަ އެވެ. ހީޓު ދޭއްގައި ވާދަކުރި އަށް ދުވުންތެރިންގެ ތެރެއިން އޮމާންގެ އަލް ސާދީ ވަނީ ޑިސްކޮލިފައިކޮށްފަ އެވެ. އެހެންވެ، ސާއިދު ދިޔައީ ހީޓުގެ ފަސް ވަނަ އެވެ. ސާއިދުގެ ޓައިމިން އަކީ 21.69 ސިކުންތެވެ.
ސާއިދު ވާދަކުރި ހީޓުގެ އެއް ވަނަ ހޯދީ އެންމެ ފަހުން 2017 ވަަނަ އަހަރުގެ ސޮލިޑާރިޓީ ގޭމްސްގެ 100 މީޓަރާއި 200 މީޓަރުގެ ރަން މެޑަލް ހޯދި ތުރުކީ ސްޕްރިންޓަރު، ރަމިލް ގުލިޔޭވް އެވެ. އޭނާ މިއަދު ހީޓް ދޭއް ކާމިޔާބުކުރިއިރު، ޓައިމިން އަކީ 20.67 ސިކުންތެވެ.
ސޮލިޑާރިޓީ ގޭމްސްގައި މިއަދު ރާއްޖޭގެ ހިމްނާ އާއި އާމިނަތު ލަޔާނާ މުހައްމަދު ވަނީ ސޮލިޑާރިޓީ ގޭމްސްގެ 400 މީޓަރު ދުވުމުގެ ފައިނަލުގައި ވާދަކޮށްފަ އެވެ. ރޭހުގެ ހަތް ވަނަ އަށް ހިމްނާ ދިޔައިރު، އަށް ވަނަ އަކީ ލަޔާނާ އެވެ. ރާއްޖޭގެ 400 މީޓަރު ދުވުމުގެ ރެކޯޑް ހޯލްޑަރު، ހިމްނާގެ މިއަދުގެ ޓައިމިން އަކީ 58.84 ސިކުންތެވެ. އަދި ލަޔާނާ ރޭސް ނިންމީ 1:02.04 އިންނެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment