Advertisement

އިސްލާމިކް ސޮލިޑާރިޓީ ގޭމްސް: ކުއާޓާ ފައިނަލުގައި ރަފާ އަށް ނާކާމިޔާބު

8 އޮގަސްޓު 2022 - 13:57 0

އިސްލާމިކް ސޮލިޑާރީޓީ ގޭމްސްގައި މިއަދު ރާއްޖޭގެ ރަފާ ކުޅުނު މެޗުގެ ތެރެއިން.--- ފޮޓޯ: މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ/ އިސްމާއިލް ތޯރިގު


އިސްލާމިކް ސޮލިޑާރިޓީ ގޭމްސް: ކުއާޓާ ފައިނަލުގައި ރަފާ އަށް ނާކާމިޔާބު

8 އޮގަސްޓު 2022 - 13:57 0

ތުރުކީގެ ކޮންޏާގައި މިހާރު ކުރިއަށްދާ އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައި ޓޭބަލް ޓެނިހުގެ ސިންގަލްސް އިވެންޓްްގެ އަންހެން ކެޓަގަރީގެ ކުއާޓާ ފައިނަލުން ރާއްޖޭގެ އައިޝަތު ރަފާ ނާޒިމް ބަލިވެއްޖެ އެވެ.

މިއަދު ހެނދުނު ކޮންޏާގެ ޓުޔަޕް ފެއާ ސެންޓަރުގައި ކުރިއަށްދިޔަ އަންހެން ސިންގަލްސް ކުއާޓާ ފައިނަލް މެޗުން ކެމަރޫންގެ އެއް ވަނަ ކުޅުންތެރިޔާ، ސާރާ ގަބްރިއެލޭ އަތުން ރަފާ ބަލިވީ 3-0 ސެޓުންނެވެ.

ދުނިޔޭގެ އަންހެން ސިންގަލްސް ރޭންކިންގެ 100 ތެރޭގައި މީގެ ކުރިން ހިމެނުނު، ތަޖުރިބާކާރު ކުޅުންތެރިޔާ، ސާރާ ކައިރީގައި ޖުމްލަކޮށް ބަލާއިރު ރަފާ ވަނީ ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ. ސާރާ ސެޓުތައް ގެންދިޔައީ 21-10، 11-07 އަދި 11-09 އިންނެވެ.

މި މެޗުގެ ފުރަތަމަ ދެ ސެޓުގައި، ސާރާ ވަނީ ރަފާ އަށް ލީޑެއް ލިބުނަނުދީ ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ. އެކަމަކު، ތިން ވަނަ ސެޓު ފަށައިގެން ރަފާ ވަނީ ރަނގަޅު ލީޑެއް ނަގައިފަ އެވެ. ފަސް ޕޮއިންޓުގެ ލީޑެއް ވެސް ރަފާ އަށް ލިބުނެވެ. ރަފާ ލީޑު ދަމަހައްޓަން މަސައްކަތްކުރިއިރު، ސާރާ ވަނީ މަޑުމަޑުން ގޭމުގެ ތެރެއަށް އައިސް 9-9 އިން އެއްވަރުކޮށްފަ އެވެ. އަދި ފަހު ވަގުތު ސާރާ ވަނީ 11-09 އިން ސެޓު ގެންގޮސް މެޗުން މޮޅުވެފަ އެވެ.

އިސްލާމިކް ސޮލިޑާރީޓީ ގޭމްސްގައި މިއަދު ރާއްޖޭގެ ރަފާ ކުޅުނު މެޗުގެ ތެރެއިން.--- ފޮޓޯ: މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ/ އިސްމާއިލް ތޯރިގު


މި ފަހަރުގެ ކޮމަންވެލްތު ގޭމްސް އާއި އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގެ ޓީޓީން ސިންގަލްސް ބަޔަށް ބަލާއިރު، ރާއްޖޭގެ ކުޅުންތެރިންގެ ތެރެއިން އެންމެ ރެކޯޑް ރަނގަޅީ ރަފާގެ އެވެ. ރަފާ ވަނީ ކޮމަންވެލްތު ގޭމްސްގައި ސިންގަލްސްގައި ދެ މެޗުން މޮޅުވެ، ގްރޫޕް އެއް ވަނަ ހޯދައި، ގަދަ 32 ކުޅުންތެރިންގެ ބުރުގައި ވާދަކޮށްފަ އެވެ.

އަދި މި ފަހަރު ސޮލިޑާރިޓީ ގޭމްސްގައި ދެ މެޗުން މޮޅުވެ، ރަފާ މި ވަނީ އެއް ފިޔަވަޅު ކުރިއަށް ޖެހިލައި ކުއާޓާ ފައިނަލުގައި ވާދަކޮށްފަ އެވެ.

ރަފާ ބުނީ ހަގީގަތުގައި މި ދެ މުބާރާތުގައި ކުޅެލަން މި ލިބުނީ ވަރުގަދަ މެޗުތަކެއް ކަމަށެވެ. އަދި އާންމުކޮށް ކުޅެލަން ލިބެނީ އޭޝިއާގެ ކުޅުންތެރިންނާ ކަމަށްވާއިރު، ކޮމަންވެލްތު ގޭމްސް އާއި ސޮލިޑާރިޓީ ގޭމްސްގައި އެކި ބައްރުތަކުގެ ކުޅުންތެރިންނާ ކުޅެލަން ލިބުމަކީ ކުރިއަށް އޮތްތަނުގައި އޭގެ ފައިދާކުރާނެ ކަމެއް ކަމަށް ރަފާ ގަބޫލުކުރެ އެވެ.

"މިއީ ރަނގަޅު އެކްސްޕީރިއަންސެއް ހަގީގަތުގައި. މި ލެވަލްގެ ކުޅުންތެރިންނާ ކުޅެގެން އިމްޕްރޫވް ވާނީ، މީގެ (ބަލިވެގެން) ދިޔަ މޮޅުވެވޭނެ މެޗުތައް ވެސް ހަގީގަތުގައި،" ރަފާ ބުންޏެވެ.

ސޮލިޑާރިޓީ ގޭމްސްގައި ރާއްޖެ އަށް ދެން އޮތީ ޓީމު އިވެންޓްގެ މެޗުތަކެވެ. ޓީމު އިވެންޓް ބައިގައި އަންހެން އަދި ފިރިހެން ޓީމު ވާދަކުރާނެ އެވެ.