Advertisement

ޑރ. އިޔާޒަށް އެމްއެންޔޫގެ ވަޒީފާ އަލުންދީފި

8 އޮގަސްޓު 2022 - 11:18 0

ނިމާ ހަސަން

ނިމާ ހަސަން

ޑރ. އިޔާޒާއި ޝެއިހް އަލީ ޒައިދު


ޑރ. އިޔާޒަށް އެމްއެންޔޫގެ ވަޒީފާ އަލުންދީފި

8 އޮގަސްޓު 2022 - 11:18 0

މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީގެ ސީނިއާ ލެކްޗަރާގެ ވަޒީފާއިން ވަކިކުރި ޑރ. މުހައްމަދު އިޔާޒަށް ވަޒީފާ އަނބުރާ ދީފި އެވެ.

ޑރ. އިޔާޒް މިއަދު "އަދަދު" އަށް ވިދާޅުވީ، ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ އެންގުމަށް އެމްއެންޔޫއިން އޭނާގެ ވަޒީފާ އަނބުރާ ދީފައިވާ ކަމަށެވެ. އަދި އިއްޔެ އެކަން ހަމަޖެހި، މިއަދު ވަޒީފާއަށް ނުކުންނަން ފަށާފައިވާ ކަމަށް ޑރ. އިޔާޒް ވިދާޅުވި އެވެ.

ޑރ. އިޔާޒް ނިކުމެވަޑައިގެންފައި ވަނީ އޭނާ ކުރިން ވެސް ހުންނެވި ޝަރީއާ އެންޑް ލޯ ފެކަލްޓީގެ ސީނިއާ ލެކްޗަރާގެ މަގާމަށެވެ.

އިޔާޒް ވަޒީފާއިން ވަކިކުރީ، އަންހެނުން ހިތާނުކުރުމާ ބެހޭގޮތުން ދެއްކެވި ވާހަކަތަކެއްގެ މައްސަލަ ބަލަމުން އަންނަ ކަމަށް ބުނުމަށް ފަހު މިދިޔަ އަހަރުގެ ޖުލައި މަހުގެ އެއްވަނަ ދުވަހު އެވެ. އެ މައްސަލައިގައި އޭނާ ވަޒީފާއިން ވަކި ކުރުމުގެ ކުރިން ވެސް އިޔާޒަށް ނަސޭހަތްދީފައިވެ އެވެ.

ސޯޝަލް މީޑިއާގައި އިޔާޒު ލިޔުނު ޕޯސްޓްތަކަކާ ގުޅިގެން އެމްއެންޔޫއިން މިދިޔަ އަހަރު މާޗް މަހުގެ ތެރޭގައި އިޔާޒް 14 ދުވަހަށް ސަސްޕެންޑް ކުރި އެވެ. އެފަހަރު ސަސްޕެންޝަން އުވާލީ އެފަދަ ކަމެއް ތަކުރާރުކޮށްފި ނަމަ ވަޒީފާއިން ވަކި ކުރާނެ ކަމުގެ ފަހުގެ އިންޒާރު އިޔާޒަށްދިނުމަށް ފަހު އެވެ. ނަމަވެސް، އިޔާޒް ވަނީ އޭނާ ވަޒީފާއިން ވަކިކުރުމުގެ ފަހަތުގައި އެހެން ސަބަބުތަކެއް ހުރި ކަމަށް ތުހުމަތުކުރައްވައިފަ އެވެ.

އިޔާޒްގެ ފަރާތުން ޓްރައިބިނަލަށް މައްސަލަ ހުށަހެޅުމުން، ޓްރައިބިއުނަލުން މައްސަލަ ބެލުމަށްފަހު އެމްއެންޔޫއާ ދެކޮޅަށް މައްސަލަ ނިންމާ، އިޔާޒް ވަޒީފާ ދިނުމަށް އެންގީ މިދިޔަ ޖޫން މަހު 20 ވަނަ ދުވަހު އެވެ.