Advertisement

ރެކޯޑް މުގުރާލުމުން ޝަމްހާ ތައުރީފު ހިމްނާ އަށް

8 އޮގަސްޓު 2022 - 13:27 0


ރެކޯޑް މުގުރާލުމުން ޝަމްހާ ތައުރީފު ހިމްނާ އަށް

8 އޮގަސްޓު 2022 - 13:27 0

ވޭތުވެދިޔަ 21 އަހަރު ރާއްޖޭގެ އަންހެނުންގެ 100 މީޓަރު ދުވުމުގެ ރެކޯޑް އޮތީ ކުޅަދާނަ ދުވުންތެރިޔާ، ޝަމްހާ އަހުމަދު އަތުގަ އެވެ. ގިނަ ސްޕްރިންޓަރުންތަކެއް ރާއްޖޭގެ އެކި މުބާރާތްތަކާއި ދުނިޔޭގެ އެކި ލެވަލްގެ މުބާރާތްތަކުގައި ދިވެހި ގިނަ އެތުލީޓުންތަކެއް ބައިވެރިވި ނަމަވެސް އޮތީ އަންހެނުންގެ 100 މީޓަރު ރެކޯޑަށް ބަދަލެއް ނުގެނެވި އެވެ.

އެކަަަމަކު، މި ފަހަރު އިނގިރޭސިވިލާތުގެ ކޮމަންވެލްތު ގޭމްސްގައި ރާއްޖޭގެ ޒުވާން ދުވުންތެރިޔާ، އައިޝަތު ހިމްނާ ހަސަން ވަނީ ރާއްޖޭގެ އަންހެނުންގެ ދުވަސްވީ 100 މީޓަރު ދުވުމުގެ ރެކޯޑް މުގުރާލައިފަ އެވެ.

ކޮމަންވެލްތު ގޭމްސްގެ 100 މީޓަރުގެ އިވެންޓްގައި ވާދަކޮށް ހިމްނާ، 20، ރޭސް ނިންމީ 12.17 ސިކުންތުންނެވެ. ކެނަޑާގައި 2001 ގައި ބޭއްވި ވޯލްޑް ޗެމްޕިއަންޝިޕުގެ 100 މީޓަރު ދުވުމުގައި ވާދަކުރި ޝަމްހާ، އެ ފަހަރު ރޭސް ނިންމާފައިވަނީ 12.27 ސިކުންތުންނެވެ. އެހެންކަމުން، ހިމްނާ ރެކޯޑް މުގުރާލީ 0.10 ސިކުންތުގެ ކުރިއެރުމަކާ އެކީގަ އެވެ.

ޝަމްހާ، ފޭސްބުކްގައި ހިއްސާކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ އޭނާގެ އުމުރުން 19 އަހަރުގައި ހެދި ރެކޯޑް މުގުރާލުމުން އެކަމާ ހިމްނާ އަށް ޓަކައި ފަހުރުވެރިވާ ކަމަށެވެ. އަދި އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން މިހާތަނަށް ހިމްނާ އަށް ރަނގަޅު ޓްރެއިނިންތަކެއް ދިނުމަކީ ހިމްނާ އެ ރެކޯޑާ ހަމައަށް ވާސިލްވުމަށް ކޮށުނު މަގެއް ކަމަށް ޝަމްހާ ވަނީ ފާހަގަކޮށްފަ އެވެ.

"ހިމްނާ އާއި އެތުލެޓިކްސް އެސޯސިއޭޝަނުން ސާބިތުކޮށްދިނީ 21 އަހަރުވީ ދުވަސްވީ ރެކޯޑެއް މުގުރާލަން ބޭނުންވަނީ ރަނގަޅު ކޯޗުންގެ ޓްރެއިނިންކަން،" ޝަމްހާ ބުންޏެވެ.

"އަހަރެން މިދިޔައީ 100 މީޓަރުގެ ރެކޯޑުން ހާފް މެރަތަންގެ ރެކޯޑާ ހަމައަށް، ހިމްނާ މި ދިޔައީ 400 މީޓަރުގެ ރެކޯޑުން 100 މީޓަރުގެ ރެކޯޑަށް. އަހަރެމެން މި ސާބިތުކޮށްދިނީ ބުރަ މަސައްކަތުން ކޮންމެ ކަމެއް ވެސް ހާސިލްކުރެވޭކަން. އަދިވެސް އެއް ފަހަރު (ހިމްނާ އަށް) މަރުހަބާ، އުންމީދަކީ އަމިއްލަ ރެކޯޑްތައް އާކޮށް ކާމިޔާބު އެތުލީޓެއްގެ ގޮތުގައި ކުރިއަށްދިއުން،"

މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) އިން އެވޯޑްކުރި ޕެރިސް 2024 އޮލިމްޕިކްސް ސްކޮލަޝިޕް ހާސިލްކޮށްފައިވާ ހިމްނާގެ އެންމެ ހާއްސަ އެއް އިވެންޓަކީ 400 މީޓަރު ދުވުމެވެ. އޭނާ ވަނީ ގިނަ ފަހަރުތަކެއްގެ މަތިން 400 މީޓަރުގެ ގައުމީ ރެކޯޑް މުގުރާލައިފަ އެވެ. ހިމްނާ ވަނީ 2018، 2019، 2021 އަދި މި އަހަރުގެ ޖޫން މަހުގައި 400 މީޓަރު ދުވުމުގެ ގައުމީ ރެކޯޑް އާ ކޮށްފަ އެވެ.

މީގެ ދެ މަސް ކުރިން ޝަމްހާ ވަނީ ގައުމީ ފަސް ކިލޯމީޓަރުގެ ރެކޯޑް މުގުރާލައިފަ އެވެ. އެއީ ޖަރުމަނުގައި ބޭއްވި ރޭހެއްގައި ވާދަކޮށްގެންނެވެ. ޝަމްހާ، ޖަރުމަނުގައި ބޭއްވި ރޭހުގެ ފަސް ކިލޯމީޓަރު ބައި، 20 މިނިޓް 8 ސިކުންތުން ނިންމައިގެންނެވެ. ޝަމްހާ މިހާރު ތަމްރީން ހަދަމުން އަންނަނީ ކޯޗު ނަސްރުﷲ އަހުމަދު (ނަސްރު)ގެ އިރުޝާދުގެ ދަށުން ފުލް މެރަތަން އަށެވެ.