Advertisement

ގަތުލަށް 36 ގަޑިއިރު: ފުލުހުން އަދިވެސް ކްރައިމް ސީންގައި

8 އޮގަސްޓު 2022 - 11:21 2

އައިޝަތު ނުޒުހާ

އައިޝަތު ނުޒުހާ

ހާދިސާ ހިނގި ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަނީ


ގަތުލަށް 36 ގަޑިއިރު: ފުލުހުން އަދިވެސް ކްރައިމް ސީންގައި

8 އޮގަސްޓު 2022 - 11:21 2

ހޮނިހިރު ދުވަހުގެ ދަންވަރުގެ ވަގުތެއްގައި ހ. ޝީރީންވިލާގައި އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވާ ފެނުނު އުމުރުން 22 އަހަރުގެ ޝިއާއު "ޝިއާ" މުހައްމަދު ސައީދުގެ މަރުގެ މައްސަލައިގެ ތަހުގީގަށް ފުލުހުން އަދިވެސް ކްރައިމް ސީންގައި ހަރަކާތްތެރިވަމުން އަންނަ ކަމަށް ފުލުހުން ބުނެފި އެވެ.

މަރުގެ މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ އެ ރޭ 23:18 ގައި ކަމަށް މި މަރާ ގުޅިގެން ފުލުހުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މޭޖާ ކްރައިމް އިންވެސްޓިގޭޝަންގެ ހެޑް، ހަސަން ޝިފާއު ވިދާޅުވި އެވެ.

ޝިއާގެ މަރުގެ މައްސަލަ ފުލުހުން ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުން އަންނައިރު، މަރާލާފައި އޮއްވާ ފެނުނު އެޕާޓްމެންޓުގައި ފުލުހުން އަދިވެސް ހަރަކާތްތެރިވަމުން އަންނަ ކަމަށް ފުލުހުންގެ އިސް އޮފިޝަލަކު މިއަދު މި ނޫހަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ހެކި ހޯދުމުގެ ގިނަ މަސައްކަތްތައް މިހާރު ވަނީ ނިމިފަ އެވެ.

ޝިއާގެ މަރުގެ މައްސަލައިގެ ތުހުމަތު ކުރެވޭ ފ. ނިލަންދޫ، ފިނިފެންމާގޭ އަލީ ސާހިލް ހައްޔަރުކޮށްފައިވަނީ ކްރައިމް ސީނުންނެވެ. އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.

ފުލުހުން އިއްޔެ ހާމަކުރި ގޮތުގައި ސާހިލް ހައްޔަރުކުރިއިރު ހުރީ މަސްތުގެ ހާލަތުގަ އެވެ. އަދި މިހާތަނަށް އެ ކުށަށް އިއުތިރާފު ވެފައެއް ނުވެ އެވެ.

މައުލޫމާތު އެނގޭ ނަމަވެސް ވަޒީފާގެ ގޮތުން ނަން ހާމަކުރުމަށް ނޭދޭ ފަރާތަކުން ބުނީ ޝިއާ މަރާލި ކަމަށް ތުހުމަތު ކުރެވޭ ޝާހިލް މިހާތަނަށް އެއްވެސް ވާހަކައެއް ނުދައްކަ ކަމަށެވެ.

ސާހިލްއަކީ މިހާތަނަށް ކުށުގެ ރެކޯޑެއް އޮތް މީހެއް ނޫން ކަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ.