Advertisement

އިސްލާމިކް ސޮލިޑާރިޓީ ގޭމްސް: ޝައްފާން ގަދަ 16 ގައި ވާދަކުރިއިރު، ރަފާ ކުއާޓާ އަށް

8 އޮގަސްޓު 2022 - 00:17 0

ސޮލިޑާރިޓީ ގޭމްސްގައި ކުޅުނު މެޗެއްގެ ތެރެއިން ރަފާ އުފާފާޅުކުރަނީ.--- ފޮޓޯ: މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ


އިސްލާމިކް ސޮލިޑާރިޓީ ގޭމްސް: ޝައްފާން ގަދަ 16 ގައި ވާދަކުރިއިރު، ރަފާ ކުއާޓާ އަށް

8 އޮގަސްޓު 2022 - 00:17 0

ތުރުކީގެ ކޮންޏާގައި މިހާރު ކުރިއަށްދާ އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައި ޓޭބަލް ޓެނިހުގެ ސިންގަލްސް އިވެންޓްްގެ އަންހެން ކެޓަގަރީގައި ރާއްޖޭގެ އައިޝަތު ރަފާ ނާޒިމް ކުއާޓާ ފައިނަލަށް ދަތުރުކުރިއިރު، ފިރިހެން ކެޓަގަރީގައި ޝައްފާން އިސްމާއިލް ވަނީ ގަދަ 16 ބުރުގައި ވާދަކޮށްފި އެވެ.

ކޮމަންވެލްތު ގޭމްސް އަންހެން ސިންގަލްސް ދެ ވަނަ ބުރު (ގަދަ 32 ކުޅުންތެރިންގެ ބުރު)ގައި ވާދަކުރި ރަފާ ވަނީ މިއަދު ސޮލިޑާރިޓީ ގޭމްސްގެ އަންހެން ސިންގަލްސްގައި ފުރަތަަމަ ކުޅުނު މެޗުން އުޒްބެކިސްތާންގެ ރޮޒެލީނާ ހަދީޖޭވާ އަތުން 3-0 ސެޓުން މޮޅުވެފަ އެވެ. ރަފާ، ސެޓުތައް ގެންދިޔައީ 11-04، 13-11 އަދި 11-03 އިންނެވެ.

އަންހެން ސިންގަލްސްގައި ރާއްޖޭގެ ދީމާ ކުޅުނު މެޗެއްގެ ތެރެއިން ބޯޅަ ފޮނުވާލަނީ.--- ފޮޓޯ: މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ


ގަދަ 16 ކުޅުންތެރިންގެ ބުރުގައި ރަފާ ނުކުތީ ޖުބޫޓީގެ އޮމާރް ނާސިމާއާ ދެކޮޅަށެވެ. އޭނާ އަތުން ރަފާ މޮޅުވީ ސީދާ ތިން ސެޓުންނެވެ. ސެޓުތައް ގެންދިޔައީ 11-02، 11-03 އަދި 11-02 އިންނެވެ. ކުއާޓާ ފައިނަލުގައި ރަފާ މާދަމާ ކުޅޭނީ ކެމަރޫންގެ ސާރާ ގަބްރިއެލޭއާ އެވެ.

އަންހެން ސިންގަލްސްގައި ރާއްޖޭގެ ފާތިމަތު ދީމާ އަލީ ކުޅުނު މެޗުން ވަނީ އުޒްބެކިސްތާންގެ ކުޅުންތެރިއަކު އަތުން 3-1 ސެޓުން ބަލިވެފަ އެވެ. ދީމާ ވަނީ 11-08 އިން ފުރަތަމަ ސެޓު ގެންގޮސްފަ އެވެ. އެކަމަކު، ދެން ކުޅުނު ތިން ސެޓު ގެންގޮސް، އުޒްބެކިސްތާން ކުޅުންތެރިޔާ މެޗުން މޮޅުވީ އެވެ. އޭނާ ސެޓުތައް ގެންދިޔައީ 11-07، 11-03 އަދި 11-09 އިންނެވެ.

ކޮމަންވެލްތު ގޭމްސްގައި މިއަދު ޝައްފާން ކުޅުނު މެޗެއްގެ ތެރެއިން.--- ފޮޓޯ: މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ


ޝައްފާން ކޮލިފައިން ރައުންޑުގައި ކުޅުނީ ޓޯގޯގެ އަޓާރޫ އަސޫއާ ދެކޮޅަށެވެ. އޭނާ އަތުން 3-0 ސެޓުން މޮޅުވެ، ޝައްފާން ވަނީ ގަދަ 32 ކުޅުންތެރިން ވާދަކުރި ބުރުގައި އަޒަރުބައިޖާންގެ އާދިލް އަހުމަދުޒާދާ އަތުން 11-09، 11-03 އަދި 11-09 އިން މޮޅުވެފަ އެވެ.

އެކަމަކު، ގަދަ 16 ބުރުގައި އީރާންގެ ސައްޔިދު އާމިރުހުސެއިން ހޯދާއީ އަތުން ޝައްފާން ވަނީ 11-09، 11-06 އަދި 11-07 އިން ބަލިވެފަ އެވެ.

ކޮމަންވެލްތު ގޭމްސް ނިންމާފައި އައި، މޫސާ މުންސިފް ވަނީ ފިރިހެން ސިންގަލްސް އިވެންޓްގައި ސައުދީ އަރަބިއްޔާގެ އަބްދުލް އަޒީޒް ބޫ ޝުލައިބީ އަތުން 3-0 އިން ބަލިވެފަ އެވެ.