28 އޮގަސްޓު 2023 - 23:42 0
އިސްމާއީލް އަޒްމީން
އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގެ ޓޭބަލް ޓެނިހުގެ މިކްސް ޑަބަލްސް އިވެންޓުން ރަފާ އާއި މުންސިފް ވަނީ ރަން މެޑަލް ހޯދާފައި.--- ފޮޓޯ: އިސްމާއިލް ތޯރިގު/ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ
28 އޮގަސްޓު 2023 - 23:42 0
މަޑަގަސްކަރައިގައި މިހާރު ކުރިޔަށްދާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގެ ޓޭބަލް ޓެނިހުގެ މިކްސް ޑަބަލްސް އިވެންޓުން ރާއްޖޭގެ އައިޝަތު ރަފާ ނާޒިމް އާއި މޫސާ މުންސިފް މުހައްމަދުގެ ޕެއާ ރަން މެޑަލް ހޯދައިފި އެވެ.
އައިއޯއައިޖީގައި މި އަހަރު ވެސް އެންމެ ވިދުން ގަދަކޮށް ފެންނަ ޓޭބަލް ޓެނިހުން ވަނީ މިއަދު ހޯދި ރަން މެޑައްޔާ އެކު މިހާތަނަށް ހަތަރު މެޑަލް ހޯދައިފަ އެވެ. އެއީ އަންހެން ޓީމް އިވެންޓުން ރަން މެޑަލް، ފިރިހެން ޓީމް އިވެންޓުން ރިހި މެޑަލް، މިކްސް ޑަބަލްސްގެ ރަން މެޑައްޔާއި، ފާތިމަތު ދީމާ އަލީ އާއި މުހައްމަދު ޝައްފާން އިސްމާއިލްގެ ޕެއާ އިން ހޯދި މިކްސް ޑަބަލްސް ބްރޯންޒް މެޑައްޔެވެ.
މުންސިފް އާއި ރަފާ ނާޒިމްގެ ޕެއާއިން މިކްސް ޑަބަލްސްގެ ރަން ވަނަ ހޯދީ ފައިނަލުގައި މަޑަގަސްކަރައިގެ ނަތިވެލް ޖޮނަތަން އާއި ހެރީނާ ކްރިސްޓިންގެ ޕެއާ 3-1 އިން ބަލިކޮށްގެންނެވެ. ފައިނަލުގެ ފުރަތަމަ ސެޓުން 9-11 އިން މުންސިފް އާއި ރަފާ ބަލިވި ނަމަވެސް ޖެހިގެން އައި ތިން ސެޓުގައި އިތުބާރާއިއެކު ކުޅެ ފަހަތުން އަރާ މެޗު ކާމިޔާބުކޮށް ރާއްޖޭގެ ޕެއާއިން ރަން މެޑަލް ހޯދި އެވެ. ދެ ކުޅުންތެރިން ޖެހިގެން އައި ތިން ސެޓު ހޯދީ 11-8، 11-7 އަދި 11-5 އިންނެވެ.
މުންސިފް އާއި ރަފާ މެޗަކުން ޕޮއިންޓެއް ހޯދުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އިސްމާއިލް ތޯރިގު/ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ
މިއީ އައިއޯއައިޖީގައި ރަފާ ހޯދި ހަތަރު ވަނަ ރަން މެޑައްޔެވެ. އޭނާ ވަނީ 2019 ގެ އަންހެން ޓީމް އިވެންޓާއި އަންހެން ޑަބަލްސް ރަން މެޑަލް ހޯދާފަ އެވެ. އަދި އިއްޔެ އަންހެން ޓީމް އިވެންޓުން މި ފަހަރު ވެސް ރަން މެޑަލް ހޯދި އެވެ. އަނެއްކޮޅުން މިއީ ރާއްޖޭގެ އެންމެ ކާމިޔާބު ފިރިހެން ކުޅުންތެރިޔާ މޫސާ މުންސިފް އަށް ކާމިޔާބުކުރެވުނު ފުރަތަމަ ރަން މެޑައްޔެވެ. ކެރިއަރުގެ ފަހުކޮޅާ ކުރިމަތިލައިގެންހުރި މުންސިފް ވަނީ އިއްޔެ ފިރިހެން ޓީމާއިއެކު ރިހި މެޑަލް މިއަހަރު ހޯދާފަ އެވެ.
މިކްސް ޑަބަލްސް އިވެންޓުގައި ރާއްޖޭގެ ދީމާ އާއި ޝައްފާން ވަނީ ލޯ (ބްރޯންޒް) މެޑަލް ހޯދާފަ އެވެ. ދެ ކުޅުންތެރިން ވަނީ ތިންވަނަ ހޮވަން ކުޅުނު މެޗުގައި ފަސޭހަކަމާއިއެކު މަޑަގަސްކަރައިގެ މަހީފާ ލޫސިއާނޯ އާއި އޮލިވިއާ ސަންޓަޓްރިއައިނާގެ ޕެއާ ބަލިކޮށްފަ އެވެ. މި މެޗުގެ ސެޓުތައް ރާއްޖޭގެ ޕެއާއިން ގެންދިޔައީ 11-5، 11-8 އަދި 11-7 އިންނެވެ.
މިކްސް ޑަބަލްސް އިވެންޓުން ލޯ މެޑަލް ހޯދި ދީމާ އާއި ޝައްފާން މެޑަލް ދައްކާލަނީ.--- ފޮޓޯ: އިސްމާއިލް ތޯރިގު/ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ
ދީމާ އާއި ޝައްފާން ސެމީ ފައިނަލުގައި ބަލިވީ ރާއްޖޭގެ ރަފާ އާއި މުންސިފް އަތުންނެވެ. މި މެޗުން ރަފާ އާއި މުންސިފް މޮޅުވީ ފޯރިގަދަ އަދި ވާދަވެރި ކުޅުމަކަށްފަހު 3-2 ސެޓުންނެވެ. ފުރަތަމަ ސެޓު 12-10 އިން ރަފާ އާއި މުންސިފް ހޯދި ނަމަވެސް ޖެހިގެން އައި ދެ ސެޓު ދިމާ އާއި ޝައްފާން ވަނީ 10-12 އަދި 4-11 އިން ހޯދާފަ އެވެ. ފަހު ދެ ސެޓު ރަފާ އާއި މުންސިފް ހޯދީ 11-6 އަދި 11-3 އިންނެވެ.
މިކްސް ޑަބަލްސް އިވެންޓުގައި ވާދަކުރި ރާއްޖޭގެ އެހެން ޕެއާތަކަށް ބަލާއިރު، ފާތިމަތު ޖުމާނާ ނިމާލް އާއި މުހައްމަދު ޒީސްތު ނަސީމްގެ ޕެއާ ކެޓީ ގަދަ 16 އިންނެވެ. ލައިސާ ފަތުހުﷲ އިސްމާއިލް އާއި އަޚްޔާރު މުހައްމަދު ހާލިދުގެ ޕެއާވެސް ކެޓީ ގަދަ 16 އިންނެވެ.
އިންޑިއަން އޯޝަން އައިލެންޑް ގޭމްސް 2023 ގެ ޓޭބަލް ޓެނިސް އިވެންޓުގައި މާދަމާ ކުރިއަށްދާނީ ފިރިހެން ޑަބަލްސް އަދި އަންހެން ޑަބަލްސް މެޗުތަކެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment