Advertisement

ތާރުތައް ނަގައި މާފަރު ސަލާމަތްކޮށްފި

6 އޮގަސްޓު 2022 - 15:15 0

މުހައްމަދު ނަސީމް

މުހައްމަދު ނަސީމް

ނ. މާފަރު އެއާޕޯޓް ހެދުމަށް ފަހު ދޫކޮށްލާފައި ހުރި ތާރުފީފާތައް އެމްޓީސީސީން ނަގަނީ.


ތާރުތައް ނަގައި މާފަރު ސަލާމަތްކޮށްފި

6 އޮގަސްޓު 2022 - 15:15 0

ނ. މާފަރު އިންޓަނޭޝަނަލް އެއާޕޯޓް އެޅުމަށް ފަހު ހަލާކުވާން ދޫކޮށްލާފައިވާ ތާރުފީފާތަކުން އެ ރަށުގެ ތިމާވެށްޓަށް ލިބެމުން ދިޔަ ގެއްލުންތައް ހުއްޓުވައި، އެ ފީފާތައް ނަގައިފި އެވެ.

މާފަރު ކައުންސިލްގެ ރައީސް މުހައްމަދު އަދުނާން "އަދަދު"އަށް މިއަދު ވިދާޅުވީ ތާރުފީފާތައް ނަގަން އެމްޓީސީސީން ކުރި މަސައްކަތް މިހާރު ގާތްގަނޑަކަށް ނިމިފައިވާ ކަމަށާއި ބިން މައްޗަށް އެޅިފައިވާ ތާރުތައް ވެސް ވެލިގަނޑާ އެކު ނަގާފައިވާ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި ތާރުތައް އެޅިފައިވާ ސަރަހައްދު މިހާރު ވަނީ މުޅިން ސާފުކޮށްފަ އެވެ.

"ވެލިގަނޑާ އެކީ ކަހައިގެން ނެގީ. ދެން އަޅުގަނޑުމެން ދެއްކި ތަނަކުން ވެލި ނަގައި، ތާރުތައް ނެގި ތަނަށް ވަނީ ވެލި ވެސް އަޅާފައި،" އަދުދާނު ވިދާޅުވި އެވެ.

މާފަރު އެއާޕޯޓް އެޅުމަށް ފަހު ބާކީވީ ތާރު ފީފާތައް، އެ މަަސައްކަތްކުރި ކުންފުނިން ނުނަގާ ދިޔައީ ތާރު ފީފާތައް އެރަށު ކައުންސިލަށް ހަދިޔާކޮށްފަ އެވެ. އޭރުގައި ރަނގަޅު ހާލަތުގައި ހުރި އެ ފީފާތައް އެހެން ނަމަވެސް ފަހުން އޮތީ ހަލާކުވެ ބިމަށް ފެތުރިފަ އެވެ. ފީފާތައް ނަގަން ރަށު ކައުންސިލުން އެކިފަހަރު މަތިން މަސައްކަތް ކުރި ނަމަވެސް ކާމިޔާބު ނުވެ އޮއްވައި، އެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެރަށަށް ކުރެއްވި ދަތުރުފުޅަކަށް ފަހުގަ އެވެ.

އެ ފަހަރު ރައީސް މާފަރު ރައްޔިތުންނާ ބައްދަލުކުރެއްވުމުން ބައެއް ރައްޔިތުން ފާޅުކުރި ކަންބޮޑު ވުމަކީ ތާރުފީފާތައް ބިމަށް ފެތުރޭތީ ތިމާވެއްޓަށް ގެއްލުންވާ ކަމުގެ ކަންބޮޑުވުމެވެ.

މާފަރު އިންޓަނޭޝަނަލް އެއާޕޯޓް ނިންމުމަށް ފަހު، ކޮންޓްރެކްޓަރު އެ ރަށަށް ދޫކޮށްފައި ދިޔަ ތާރު ފީފާތަކުގެ އަދަދު 900 އަށް ވުރެ ގިނަ އެވެ.