6 އޮގަސްޓު 2022 - 14:08 0
މި ފަހަރުގެ ކޮމަންވެލްތު ގޭމްސްގެ ތެރެއިން ހުސެން.-- ފޮޓޯ: މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ
6 އޮގަސްޓު 2022 - 14:08 0
އިނގިރޭސިވިލާތުގެ ބާމިންހަމްގައި މިހާރު ކުރިއަށްދާ ކޮމަންވެލްތު ގޭމްސް އިން ފުރުސަތު ލިބިގެންދިޔަ ހަމައެކަނި ދިވެހިި ޓެކްނިކަލް އޮފިޝަލް/ ރެފްރީގެ ޝަރަފް، ރާއްޖޭގެ އިންޓަނޭޝަނަލް ބީޗްވޮލީބޯޅަ ރެފްރީ، ހުސެއިން މުހައްމަދު (ވޮލީ ހުސެން) އަށް ލިބިއްޖެ އެވެ.
ފެޑެރޭޝަން އިންޓަނޭޝަނަލް ވޮލީބޯލް (އެފްއައިވީބީ) އާއި ބާމިންހަމް ކޮމަންވެލްތު ގޭމްސްގެ ފަރާތުން ހުސެން އަށް ލިބިގެންދިިޔަ މި ފުރުސަތާ އެކު އޭނާ ވަނީ މި ފަހަރުގެ ކޮމަންވެލްތު ގޭމްސްގައި މިހާތަނަށް ޖުމްލަ ނުވަ މެޗެއްގައި އޮފިޝަލްކަން ކޮށްފަ އެވެ. އޭގެ ތެރޭގައި ފުރަތަމަ ރެފްރީގެ ގޮތުގަޔާއި ދެ ވަނަ ރެފްރީގެ ގޮތުގެ އިތުރުން ރިޒާވް ރެފްރީއެއްގެ ގޮތުގައި ހަރަކާތްތެރިވި މެޗުތައް ހިމެނެ އެވެ. މީގެ ތެރޭގައި ކުއާޓާ ފައިނަލް މެޗުތައް ވެސް ހިމެނެ އެވެ.
ހުސެން ހުރީ މުބާރާތުގެ ސެމީ ފައިނަލުގައި ރެފްރީކަން ކުރަން ލިބޭނެ ކަމުގެ އުންމީދުގަ އެވެ.
މި ފަހަރުގެ ކޮމަންވެލްތު ގޭމްސްގެ މެޗެއްގެ ތެރެއިން ހުސެން.-- ފޮޓޯ: މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ
ކޮމަންވެލްތު ގޭމްސް އަށް އައުމުގެ ކުރިން އެންމެ ފަހުން ހުސެން ރެފްރީކަން ކުރި ބައިނަލްއަގުވާމީ ބީޗްވޮލީބޯޅަ މުބާރާތަކީ މިދިޔަ މެއި މަހު ތައިލެންޑްގައި ބޭއްވި އޭވީސީ 19 އަހަރުން ދަށުގެ ބީޗްވޮލީބޯޅަ މުބާރާތުގަ އެވެ.
ސްޕޯޓްސް ކޯޕަރޭޝަންގެ ޗެއާމަންކަން ކުރައްވަމުން އަންނަ ހުސެން ވަނީ މީގެ ކުރިން ވެސް ވޮލީބޯޅައިގެ ދުނިޔޭގެ ފެޑެރޭޝަން (އެފްއައިވީބީ) އާއި އޭޝިއާގެ ޖަމިއްޔާ، އޭޝިއަން ވޮލީބޯލް ފެޑެރޭޝަން (އޭވީސީ)ގެ އިވެންޓްތަކުގެ އިތުރުން ބައިނަލްއަގުވާމީ ކުޅިވަރު ގޭމްސްތަކުގައި ވެސް ބީޗްވޮލީބޯޅަ އިވެންޓްގައި ރެފްރީކަން ކޮށްފަ އެވެ. އެ މުބާރާތްތަކުގެ ބޮޑެތި މެޗުތަކުން ވެސް ހުސެން އަށް ވަނީ ފުރުސަތު ދީފަ އެވެ.
ނޭޕާލްގެ ކަތުމަންޑޫ އާއި ޕޮކާރާގައި 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހު ކުރިއަށްދިޔަ ސައުތު އޭޝިއަން ގޭމްސްގެ ބީޗްވޮލީބޯޅަ އިވެންޓްގެ ރެފްރީންނާ ގުޅޭ އެންމެ އިސް ފަރާތެއްގެ ގޮތުގައި ހަރަކާތްތެރިވީ ހުސެން އެވެ. އަދި މި އަހަރު، ފެބްރުއަރީ މަހުގައި ސްރީ ލަންކާގައި ބޭއްވި ސެންޓްރަލް އޭޝިއަން ބީޗްވޮލީބޯޅަ މުބާރާތުގައި އިސް ރެފްރީގެ ޒިންމާ އަދާކުރީ ވެސް ހުސެން އެވެ.
ވޮލީބޯޅަ އެސޯސިއޭޝަނުގެ ޖެނެރަލް ސެކްރެޓަރީގެ ޒިންމާ ވެސް ފުރާފައިވާ ހުސެން ރެފްރީކަން ކޮށްފައިވާ ފާހަގަކޮށްލެވޭ އެހެން ބޮޑެތި މުބާރާތްތަކަށް ބަލާއިރު، އޭޝިއަން ގޭމްސް އާއި އޭޝިއަން ބީޗް ގޭމްސް، އެފްއައިވީބީ ވޯލްޑް ޓުއާ، ޖޫނިއާ ލެވެލްގެ އެފްއައިވީބީ ވޯލްޑް ޗެމްޕިއަންޝިޕް ހިމެނެ އެވެ.
ނުވަދިހައިގެ އަހަރުތަކުގެ ތެރޭގައި ރާއްޖޭގެ އެކި ލެވަލްގައި ވޮލީބޯޅަ ކުޅުއްވުމުގެ އިތުރުން ރެފްރީކަން ވެސް ކުރެއްވި ހުސެން އެންމެ ފުރަތަމަ ކުރިއަށްދިޔައީ ވޮލީބޯޅައިގެ އިންޑޯ ރެފްރީއެއްގެ ގޮތުގަ އެވެ. އެކަމަކު، ކުޅުމުގެ ކެރިއަރާއި ރެފްރީއެއްގެ ގޮތުގައި ކުރިއަށްދާން ދަތިތަކެއް ހުރުމުން ފަހުން ހުސެން ހުސްވީ ސީދާ ރެފްރީ ކަމަށެވެ.
ބައިނަލްއަގުވާމީ ގޮތުންނާއި އެ ނޫން ވެސް އެހެން ފުރުސަތުތަކަށް ބަލާއިރު އިންޑޯ ރެފްރީ އަކަށް ވުރެން ބީޗް ވޮލީބޯޅަ ރެފްރީ އަކަށް ކުރިއަށްދާން ލިބޭ ފުރުސަތު ގިނަވުމުން ހުސެެން ހާއްސަވީ ބީޗް ވޮލީ ރެފްރީ ކަމަށެވެ. އެ ގޮތުން، 2012 ވަނަ އަހަރު ބެންކޮކުގައި ބީޗް ރެފްރީ ކޯސް ހެއްދެވުމަށް ފަހު ތިން އަހަރު ހޭދަކުރީ އެކްރެޑިޓް މެޗުތައް ހަމަކުރުމަށެވެ. އޭގެ ފަހުން ބީޗްވޮލީބޯޅައިގެ ބައިނަލްއަގުވާމީ ގިނަ ފުރުސަތުތަކެއް އޭނާ އަށް އަންނަނީ ފަހިވަމުންނެވެ.
Comment