Advertisement

ކޮމަންވެލްތު ގޭމްސް: ގަދަ 16 ބުރުގައި އަޖުފާނާއި ނިބާލަށް ނާކާމިޔާބު

6 އޮގަސްޓު 2022 - 06:14 1

ފިރިހެން ޑަބަލްސް މެޗެއްގެ ތެރެއިން އަޖުފާން (ކ) އާއި ނިބާލް.-- ފޮޓޯ: މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ


ކޮމަންވެލްތު ގޭމްސް: ގަދަ 16 ބުރުގައި އަޖުފާނާއި ނިބާލަށް ނާކާމިޔާބު

6 އޮގަސްޓު 2022 - 06:14 1

އިނގިރޭސިވިލާތުގެ ބާމިންހަމްގައި މިހާރު ކުރިއަށްދާ ކޮމަންވެލްތު ގޭމްސްގެ ބެޑްމިންޓަން އިވެންޓްގެ، ފިރިހެން ސިންގަލްސް އާއި ޑަބަލްސް ކެޓަގަރީގެ ގަދަ 16 ބުރުގައި ވާދަކުރި ގައުމީ ބެޑްމިންޓަން ޓީމުގެ މުހައްމަދު އަޖުފާން ރަޝީދު އާއި ނިބާލް އަހުމަދު ނާކާމިޔާބީއާ ކުރިމަތިލާން ޖެހިއްޖެ އެވެ.

ނިބާލް ވަނީ ފިރިހެން ސިންގަލްސް ފުރަތަމަ ބުރު (64 ކުޅުންތެރިން ވާދަކުރާ ބުރު) ގައި ފޯކްލޭންޑް އައިލެންޑްގެ ޑަގްލަސް ކްލާކް އާއި ދެ ވަނަ ބުރު (ގަދަ 32 ކުޅުންތެރިން ވާދަކުރާ ބުރު) ގައި ސިއެރަ ލިއޯންގެ އިބްރާހިމް އިޒާގޯ ކޮންޓޭ ބަލިކޮށްފަ އެވެ. އެކަމަކު، ގަދަ 16 ބުރުގައި އިއްޔެ ނިބާލް ކުޅެން ޖެހުނީ ޖެމެއިކާގެ ސެމިއުލް ރިކެޓްސްއާ އެވެ. އޭނާއާ ވާދަކޮށް ނިބާލް ބަލިވީ 21-09، 21-06 އިންނެވެ.

އަޖުފާން ގަދަ 16 އިން ފުރުސަތު ހޯދީ ދެ ވަނަ ބުރުގައި، ގާނާގެ އަހުމަދު އަބްދުލް ސަމަދު ބަލިކޮށްގެންނެވެ. އެކަމަކު، ގަދަ 16 ބުރުގައި ރޭ މެލޭޝިއާގެ ޒީ ޔޮން އެންޖީއާ ވާދަކޮށް އަޖުފާން ވަނީ ސީދާ ދެ ސެޓުން ބަލިވެފަ އެވެ. ޒީ ޔޮން ސެޓުތައް ގެންދިޔައީ، 21-07، 21-09 އިންނެވެ.

ފިރިހެން ޑަަބަލްސްގެ ގަދަ 16 ގައި އަޖުފާން އާއި ނިބާލްގެ ޕެއާ ރޭ ކުޅުނީ ސްރީ ލަންކާގެ ވަރުގަދަ ޕެއާއެއް ކަމަށްވާ ޑިއާޒް ސަޗިން އާއި ގޫނެތިލޭކާ ބުވަނޭކާގެ ޕެއާއާ އެެެވެ، މި މެޗުގެ ސެޓުތައް ޑިއާޒް އާއި ގޫނެތިލެކާގެ ޕެއާ އިން ގެންދިޔައީ 21-12، 21-08 އިންނެވެ.

މޮރިޝަސްއާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން މަލާކް ބޯޅަ ފޮނުވާލަނީ.--- ފޮޓޯ: މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ


ޓީޓީ އަންހެން ޑަބަލްސްގައި މޮރިޝަސް އަތުން ބަލި

ކޮމަންވެލްތު ގޭމްސްގެ އަންހެން ޑަބަލްސް އިވެންޓްގައި ވާދަކުރީ ރާއްޖޭގެ ދެ ވަނަ ޕެއާ އެވެ. އެއީ ފާތިމަތު ޖުމާނާ ނިމާލް އާއި މަލާކް ބިންތި މުއިއްޒުގެ ޕެއާ އެވެ.

ޖުމާނާ އާއި މަލާކްގެ ޕެއާ، ގަދަ 32 ޕެއާ އިންގެ ބުރުގައި އިއްޔެ ނުކުތީ މޮރިޝަސްގެ ހޮސެނާލީ އޮމެހާނީ އާއި ޖާލިމް ނަންދޭޝްވަރީގެ ޕެއާއާ ދެކޮޅަށެވެ. މި މެޗުގެ ސެޓުތައް ހޮސެނާލީ އާއި ނަންދޭޝްވަރީގެ ޕެއާ އިން ވަނީ 11-06، 11-07 އަދި 11-09 އިން ގެންގޮސް މޮޅުވެފަ އެވެ.

މި ފަހަރުގެ ކޮމަންވެލްތު ގޭމްސްގެ ޓީޓީ އަންހެން ޓީމު އިވެންޓްގައި ވެސް މޮރިޝަސް އިން ވަނީ ރާއްޖެ 3-2 އިން ބަލިކޮށްފަ އެވެ. ރާއްޖޭން 2019 ވަނަ އަހަރު އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގައި ޓޭބަލް ޓެނިހުގެ ޓީމު އިވެންޓުން ރަން މެޑަލް ގެނައީ، މޮރިޝަސް ބަލިކޮށްފަ އެވެ.

އެކަމަކު، މި ފަހަރު މޮރިޝަސް އަތުން ޓީމު އިވެންޓްގައި ބަލިވުން، ޓީޓީގެ ނައިބު ރައީސް އިބްރާހިމް ޝިއުރީ ދެކިވަޑައިގެންނެވީ މިއީ އަންނަ އަހަރުގެ އައިއޯއައިޖީ އަށް ތައްޔާރުވާން ބަލާއިރު ލިބިގެންދިޔަ "ވޭކަޕް ކޯލެއް"ގެ ގޮތުގަ އެވެ.

ޓީޓީ ޓީމު ވަނީ ކޮމަންވެލްތު ގޭމްސްގެ މެޗުތައް ނިމުމާ އެކު އިއްޔެގެ ވަގުތެއްގައި ވަނީ އިނގިރޭސިވިލާތުން ތުރުކީގެ ކޮންޏާ އަށް ދަތުރުކޮށްފަ އެވެ. އެއީ ކޮންޏާގައި މި މަހު 09 އިން 18 އަށް ކުރިއަށްދާ އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައި ވާދަކުރާށެވެ.