Advertisement

އިޒްރޭލުން ގާޒާއަށް ހަމަލާދީ އަށް މީހުން މަރާލައިފި

6 އޮގަސްޓު 2022 - 05:49 1

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

މަރުވި މީހުންގެ އާއިލާތަކިން ހިތާމަ ފާޅު ކުރަނީ. -- ފޮޓޯ: ރޮއިޓާޒް


އިޒްރޭލުން ގާޒާއަށް ހަމަލާދީ އަށް މީހުން މަރާލައިފި

6 އޮގަސްޓު 2022 - 05:49 1

ޕަލަސްތީނިއަން އިސްލާމިކް ޖިހާދް (ޕީއައިޖޭ) ގެ އިންޒާރުތަކަށް ރައްދު ދިނުމުގެ ގޮތުން އިޒްރޭލުން ހުކުރު ދުވަހު ގާޒާއަށް ހަމަލާދީ އަށް މީހުން މަރާލައިފި އެވެ.

ގާޒާގެ ހެލްތު މިނިސްޓްރީން ބުނީ މަރުވި މީހުންގެ ތެރޭގައި ކުޑަކުއްޖަކާއި ޕީއައިޖޭގެ ކޮމާންޑަރެއް ހިމެނޭ ކަމަށެވެ.

ޕީއައިޖޭއިން އިޒްރޭލަށް ބޮމުގެ ހަމަލާ ދޭނެ ކަމަށް އިންޒާރު ދިނީ އެ ގްރޫޕުގެ އިސް މެމްބަރަކު ހުޅަނގު އައްސޭރިން ހައްޔަރު ކުރުމުންނެވެ.

އިޒްރޭލުގެ ބޮޑު ވަޒީރު ޔެއާ ލަޕީދް ވިދާޅުވީ "ޓެރަރިސްޓް ގްރޫޕްތަކުން އެޖެންޑާ ކަނޑައަޅަން ފުރުސަތު ނުދޭނެ" ކަމަށެވެ.

"އިޒްރޭލަށް ގެއްލުމެއް ދޭން ތެދުވާ ކޮންމެ މީހަަކަށް ވެސް އެނގެންވީ އަޅުގަނޑުމެން ރަައްދު ދޭނެކަން. އަަޅުގަނޑުމެންގެ ސަލާމަތީ ފައުޖުތަކުން އިސްލާމިކް ޖިހާދް ޓެރަރިސްޓުންނާ ދެކޮޅަށް މަސައްކަތްކޮށް، އިޒްރޭލް ރައްޔިތުންނަށް އޮތް ނުރައްކާ ނިމުމަކަށް ގެންނާނެ،" އޭނާ ވިދާޅުވި އެވެ.

އިޒްރޭލް ޑިފެންސް ފޯސަސް (އައިޑީއެފް) އިން ބުނީ ގާޒާގަައި ހަމަލާދެމުން ދަނީ ޕީއައިޖޭއާ ގުޅުން ހުރި ޓާގެޓުތަކަށް ކަމަށެވެ. އޭގެ ތެރޭގައި ގާޒާ ސިޓީގައި ހުންނަ އުސް އިމާރާތެއް ކަމަަށްވާ ޕަލަސްތީން ޓަވަރު ހިމެނެ އެވެ.

ގާޒާގެ ސިއްހީ ކަންކަަމާ ގުޅޭ އޮފިޝަަލުން ބުނީ ހަމަލާތަކުގައި މިހާތަނަށް މަރުވީ ޕީއަައިޖޭގެ ހަތަރު މެމްބަރުން ކަމަށެވެ. އޭގެ ތެރެއިން އެކަކަކީ ކޮމާންޑަރު ތައިސީރް ޖަބަރީ އެވެ. އޭގެ އިތުރުން ފަސް އަހަރުގެ އަންހެން ކުއްޖަކު ވެސް މަރުވެފައިވެ އެވެ.

އިޒްރޭލުގެ އަސްކަރީ ތަރުޖަމާނަކު ބުނީ އައިޑީއެފްއިން ލަފާކުރާ ގޮތުގައި "15 ހަނގުރާމަވެރިން މަރާލެވިއްޖެ" އެވެ.

އިޒްރޭލުގެ އިންޓީރިއާ މިނިސްޓަރު އަަޔެލެތު ޝާކިދް ޗެނަލް 12 ނޫހަށް ވިދާޅުވީ ހަމަލާތައް ދިގުދެމިގެން ދިޔުން އެކަށީގެންވާ ކަމަށެވެ.

އިރާނުގެ ވެރިރަށް ތެހްރާނަށް ވަޑައިގެން އުޅުއްވާ ޕީއައިޖޭގެ ސެކެޓްރީ ޖެނެރަލް ޒިޔާދް އަލް ނަހަލާ ވިދާޅުވީ އިޒްރޭލުގެ ހަމަލާތަކާ ދެކޮޅަށް ވަރުގަދަ ރައްދެއް ދޭނެ ކަމަށެވެ.

ޕީއައިޖޭގެ އިސްވެރިޔެއް ކަމުގައިވާ ބާސިމް ސާދީ ހުޅަނގު އައްސޭރީގައި ހުއްޓައި އިޒްރޭލް ފުލުހުން އޭނާ ހައްޔަަރު ކުރީ މިދިޔަ ހޯމަ ދުވަހުގަ އެވެ.

އިރާނުގެ އެއްބާރުލުމާ އެކު ހިންގ ޕީއަައިޖޭގެ މައި އޮފީސް ހުންނަނީ ސީރިއާގެ ޑިމިޝްކުގަ އެވެ. އެއީ ގާޒާގެ އެންމެ ވަރުގަދަ އެއް ހަތިޔާރު އެޅި ގްރޫޕެވެ.

އިޒްރޭލާއި ޕީއައިޖޭއާ ދެމެދު ނޮވެމްބަރު 2019 ގައި ފަސް ދުވަހުގެ ހަނގުރާމައެއް ކުރި އެވެ. އެ ފަހަރު ހަމަލާތައް ފެށީ އިޒްރޭލުން ޕީއައިޖޭގެ އިސްވެރިޔަކު މަރާލުމުންނެވެ.

އޭރު ކުރި ހަނގުރާމައިގައި ފަލަސްތީނުގެ 34 މީހުން މަރުވެ، 111 މީހުންނަށް އަނިޔާވި އެވެ. އަދި އިޒްރޭލުގެ 63 މީހުންނަށް ވެސް އަނިޔާވި އެވެ.