Advertisement

ގަޒުފުކުރުމުގެ ނުބައިކަން އެނގޭނަމަ...!

5 އޮގަސްޓު 2022 - 09:14 0

ރޫޙުލްއަމީން ޢަބްދުﷲ

ރޫޙުލްއަމީން ޢަބްދުﷲ


ގަޒުފުކުރުމުގެ ނުބައިކަން އެނގޭނަމަ...!

5 އޮގަސްޓު 2022 - 09:14 0

މިއީ، ނޫރު ސޫރަތުގެ ފުރަތަމަ އާޔަތުން ފަށައިގެން، އަށާވަނަ އާޔަތުގެ ނިޔަލަށް ވިސްނާފިކުރު ހިންގާލުމަށް ދެވޭ ދައުވަތެކެވެ. ސޫރަތް ފައްޓަވާފައިވަނީ، އެސޫރަތް ބާވާލެއްވުނީ، އެސޫރަތުގައި ބަޔާންވެ ކަނޑައެޅިފައިވާ ކަންކަން ތިޔަބައިމީހުން ހަނދުމަކުރުމަށްކަމުގައި ބަޔާންކުރައްވަމުންނެވެ. އެއަށްފަހު ޖެހިގެން އޮތް ދެއާޔަތުގައި ޒިނޭކުރާ އަންހެނާއާއި ޒިނޭކުރާ ފިރިހެނާގެ ހައްދާއި އުގޫބާތުގެ ތަފުސީލު ބަޔާންކުރައްވާފައި ވެއެވެ. ޝައްކެއް ނެތެވެ. ޒިނޭގެ ނުބައިކަމާއި އޭގެ އަދަބު ބަޔާންކުރައްވާފައިވުމުން، ޒިނޭ ހަރާންވެގެންވާކަމާއި، ޒިނޭގެ އަދަބަކީ ކޮބައިކަން ސާފެވެ. އަދި އެކަމުގައި ބަހުސެއް ނެތެވެ.

ނޫރު ސޫރަތުގެ 4 އަދި 5 ވަނަ އާޔަތުގައި މާތް ﷲ އަންގަވަނީ، "ޢިއްފަތްތެރި އަންހެނުންނަށް ގަޒްފުކުރާމީހުން (އެކަމުގެ މައްޗަށް) ހަތަރު ހެކިން ނުގެނައިނަމަ، ފަހެ، އެއުރެންގެ ގައިގައި އަށްޑިހަ އެތިފަހަރުން ހައްދުޖަހާށެވެ! އަދި ދުވަހަކުވެސް އެއުރެންގެ ހެކިބަހެއް ތިޔަބައިމީހުން ގަބޫލުނުކުރާށެވެ! އަދި އެއުރެންނީ، ހަމަ، ފާސިގުންނެވެ. އެއަށްފަހު ތައުބާވެ (އަމަލުތައް) އިސްލާހުކޮށްފި މީހުން މެނުވީ އެވެ. ފަހެ، ހަމަކަށަވަރުން، ﷲ އީ، ގިނަގިނައިން ފާފަފުއްސަވާ، އޯގާވަންތަ ރަސްކަލާނގެ އެވެ."

ތަފްސީރު އިލްމުވެރިން ވިދާޅުވާ ގޮތުގައި، އަންހެނުންނެކޭ އެއްފަދައިން ފިރިހެނުންނާމެދު ވެސް ޒިނޭގެ ތުހުމަތުކުރުމުގެ ހުކުމަކީ އެއް ހުކުމެއްކަމަށް މިއާޔަތުން ދަލީލު ލިބެ އެވެ. ބައެއް އިލްމުވެރިން ވިދާޅުވާ ގޮތުގައި މިއާޔަތް އޭގެ މިނަށްވުރެ ފުޅާ ނުކުރެވޭނެ އެވެ. އާޔަތުގައި އޮތީ އަންހެނުންނާމެދު ޒިނޭގެ ތުހުމަތުކުރުމުގެ ވާހަކަ އެވެ. ކޮންމެއަކަސް ޒިނޭއަކީ އަންހެނަކާއި ފިރިހެނަކުވެގެން ކުރާ ކަމެއްކަމަށްވީހިނދު، ފިރިހެނެއްގެ ބޮލުގައި އެފަދަ ތުހުމަތެއް އެޅުވޭ އެއްވެސް ފަހަރަކު އަންހެނެއްގެ ވާހަކަ އަތުވެއްޖެނަމަ މިއާޔަތުގެ ހުކުމުން ބޭރުނުވާނެ ކަމާމެދަކު ދެބަސްވެވޭނެ އެއްވެސް ޖާގައެއް ނެތެވެ.

އެފަދަ ތުހުމަތުތައް މީސްމީހުންގެ މައްޗަށް ކޮށް އުޅޭ މީހުން، ތައުބާވެއްޖެއުމަށްދާންދެން އެމީހުންގެ ހެކިބަސް ވެސް ގަބޫލުނުކުރުމަށް މާތް ﷲ އަންގަވައި، އެފަދަ މީހުންނަކީ ކަނޑައެޅިގެން ފާސިގުންކަމުގައި ބަޔާންކުރެއްވުމުން، ޒިނޭގެ ތުހުމަތުއަޅުވައި ވާހަކަދެއްކުމަކީ އާންމު އާދައިގެ ކަމެއް ނޫންކަން ދެނެގަތުމަށް ހުރަހެއް ނެތެވެ. އާދޭހެވެ. ހަލާކުކޮށްލަނިވި ހަތް ކަންތަކުގެ ތެރޭގައި ވެސް އިއްފަތްތެރި ކަނބަލުންނަށް ޒިނޭގެ ތުހުމަތުކުރުން މާތް ނަބިއްޔާގެ ހަދީސް ބަސްފުޅުގައި ހިމަނުއްވާފައި ވެއެވެ. އެލިސްޓުގައި އޮތީ، ﷲ އަށް ޝިރުކުރުމާއި، ސިހުރުހެދުމާއި، ހައްގަކާ ނުލައި މީހުން މެރުމާއި ރިބާކެއުމާއި، ޔަތީމުންގެ މުދާ ކެއުމާއި، ހަނގުރާމައިގެ މައިދާނުން ފިލަންދުވުމާއި، އިއްފަތްތެރި އަންހެނުންނާމެދު ޒިނޭގެ ތުހުމަތުކުރުމެވެ. ގަޒުފުކުރުން މިލިސްޓްގައި އައުމުން ކަމުގެ ބޮޑުކަމާއި ނުރައްކާތެރިކަން ވިސްނައިގަންނަން އުނދަގުލެއް ނޫނެވެ.

ޒިނޭކުރާ މީހާގެ ހުކުމްތަކަށްފަހު، އަދި މީހުންނާމެދު ޒިނޭގެ ތުހުމަތުކުރާ މީހުންގެ ޙުކުމްތަކަށްފަހު، އެފަދަ ތުހުމަތުތަކުގެ އަނިޔާލިބޭ ފަރާތްތަކަށް އޮތް ނަފްސާނީ އެހީތެރިކަން ނޫރު ސޫރަތުގެ 11 ވަނަ އާޔަތުގައި ބަޔާންކުރައްވަނީ އަންނަނިވި ފަދައިންނެވެ. "ހަމަކަށަވަރުން، ބޮޑުވެގެންވާ ދޮގުވާހަކައާއިގެން އައި މީހުންނަކީ، ތިޔަބައިމީހުންގެ ތެރެއިންވާ ބަޔަކު މީހުންނެވެ. އެއީ ތިޔަބައިމީހުންނަށްހުރި ދެރައެއްކަމުގައި ތިޔަބައިމީހުން ހީނުކުރާށެވެ! އަދި ކިއެއްތަ! އެއީ ތިޔަބައިމީހުންނަށްހުރި ހެވެކެވެ. އެއުރެންކުރެ ކޮންމެމީހަކަށްމެ، ފާފައިގެ ތެރެއިން އެމީހަކު ހޯދައިގަތްކަމެއް ވެއެވެ. އަދި އެއުރެންގެ ތެރެއިން އެކަމުގެ ބޮޑުބައި ލިބިގަތްމީހާ (ދަންނާށެވެ!) އޭނާއަށް ބޮޑުވެގެންވާ އަޒާބު ހުއްޓެވެ." އަނިޔާލިބޭ މީހުންނަށް މާތް ﷲ ހަނދުމަކޮށްދެއްވަނީ މިކަމަކީ އޭގެ ބޭރުފުށުން ތިމާއަށް ލިބުނު ދެރައެއްގެ ގޮތުގައި ފެނުނަސް އެކަމުގެ ނަތީޖާ އޮންނާނީ އެހެން ނޫންކަމަށާއި، އެކަމުގައި ފޮރުވިފައިވާ ހެވެއް އޮންނާނެކަމަށެވެ. މިޢީ ކަނޑައެޅިގެން ދޮގުނުވާނޭ ﷲ ގެ ވައުދުބަސްފުޅެވެ.

އާދޭހެވެ. މިއާޔަތްތައް ބާވާލެއްވުނީ އުންމުލްމުއުމިނީން ޢާއިޝާ ރަޟިޔަﷲ ޢަންހާއާމެދު ޒިނޭގެ ތުހުމަތު އުފައްދައި ރަށުތެރޭގައި މުނާފިގުންގެ ބަޔަކު ފެތުރި ދޮގު ހަބަރުތަކަކާ ގުޅިގެންނެވެ. ކީރިތި ގުރުއާނުގެ ގިނަ އާޔަތްތައް އޭގެ ޒާތުން ބާވާލެއްވުނު ސަބަބުތަކުގެ މައްޗަށް އެކަނި ހާއްސަވެގެންނުވާހިނދު، އަދި ނޫރު ސޫރަތުގެ ފުރަތަމަ އާޔަތުން ދަލީލުބޭ ގޮތުން މިއީ މުއުމިނުން ހަނދާންކުރުމަށް ކަނޑައެޅި ބަޔާންވެފައިވާ ހުކުމްތަކެކެވެ.

މީސްމީހުންނާމެދު ޒިނޭގެ ދޮގު ތުހުމަތުތައް ފެތުރިދާހިނދު އެހަބަރު އަޑުއިވޭ މީހުން އަމަލުކުރަންޖެހޭ ގޮތަކީ އެފަދަ ޕޯސްޓްތައް ޝެއަރކޮށް ފެތުރުން ނޫންކަން ނޫރު ސޫރަތުގެ 12 ވަނަ އާޔަތަށް ބެލުމުން އެނގެ އެވެ. "އެވާހަކަ އިވުނުހިނދު، މުއުމިން ފިރިހެނުންނާއި، މުއުމިން އަންހެނުން އެއުރެންގެ އަމިއްލަ ނަފުސުތަކާމެދުގައި ހެޔޮކޮށް ހީނުކުޅައީ ކީއްވެގެން ބާވަ އެވެ؟ އަދި މިއީ، ބަޔާންވެ ފާޅުވެގެންހުރި ބޮޑުދޮގެކޭ ނުބުނީ ކީއްވެގެން ބާވަ އެވެ." ތުހުމަތު ރައްދުވާ ފަރާތްތަކާމެދު ރަނގަޅަށް ވިސްނުން މިއާޔަތުގައި ސިފަކުރައްވަނީ އަމިއްލަ ނަފުސުތަކާމެދު ހެޔޮކޮށް ވިސްނުމާއި އެއްފަދަކުރައްވަމުންނެވެ. އެފަދަ ކޮންމެ ތުހުމަތެއްގައި އެންމެ ފުރަތަމައަށް ވެސް ބަލަންވާނީ އެއީ ދޮގެއްކަމުގެ ނަޒަރުންކަން މިއާޔަތުން ދަލީލު ލިބެ އެވެ.

އުފައްދަންޖެހޭ ސުވާލު 13 ވަނަ އާޔަތުގައި މިއޮތް ބަޔާންކުރައްވަނީ އެވެ. " އެކަމުގެ މައްޗަށް އެއުރެން ހަތަރުހެކިން ނުގެނައީ ކީއްވެގެން ހެއްޔެވެ؟ ފަހެ، އެއުރެން (އެކަން ދެނެހުރި) ހެކިން ނުގެނައިހިނދު، ފަހެ، ﷲ ގެ ހަޒުރަތުގައި އެއުރެންނީ ހަމަ ދޮގުހަދާ މީހުންނެވެ."

ކަމަކީ ބޮޑު ނުރައްކާތެރިކަމެއްކަން ޖެހިގެން ހުރި އާޔަތްތަކުގައި ބަޔާންކުރައްވާފައިވަނީ އަންނަނިވި ފަދައިންނެވެ. " ދުނިޔެއާއި، އާހިރަތުގައި ތިޔަބައިމީހުންގެ މައްޗަށް ﷲ ގެ ފަޟްލަވަންތަކަމާއި، އެކަލާނގެ ރަހުމަތްވަންތަކަން ނެތްނަމަ، ތިޔަބައިމީހުން ދައްކަމުން ގެންދިޔަ ވާހަކަތަކާމެދު، ބޮޑުވެގެންވާ އަޒާބެއް، ތިޔަބައިމީހުންގައި ބީހިއްޖައީސްކަން ކަށަވަރެވެ. ތިޔަބައިމީހުންގެ ދޫތަކުން އެ ވާހަކަތައް ލިބިގަންނަމުންދިޔަ ހިނދުގަ އެވެ. އަދި ތިޔަބައިމީހުންނަށް އެކަމާމެދު އެނގުމެއްނުވާ ކަންތަކުގެ ވާހަކަ، ތިޔަބައިމީހުންގެ އަނގަތަކުން ބުނަމު އެވެ. އަދި ﷲ ގެ ހަޒުރަތުގައި އެކަންތައް ބޮޑުކަމެއްކަމުގައިވާ ހާލު، އެއީ ކުޑަ ކަމެއްކަމުގައި ތިޔަބައިމީހުން ހީކުރަމު އެވެ. ތިޔަބައިމީހުންނަށް އެވާހަކަ އަޑުއިވުނުހިނދު (މިހެން) ތިޔަބައިމީހުން ނުބުނީ ކީއްވެގެން ހެއްޔެވެ؟ މިވާހަކަ ދެއްކުމަކީ ތިމަންމެން ކޮށްގެންވާނެ ކަމެއް ނޫނެވެ. އިބަރަސްކަލާނގެ ހުސްތާހިރުވަންތަކަމާ އެވެ! މިއީ ބޮޑުވެގެންވާ ބުހުތާން ދޮގެކެވެ. ތިޔަބައިމީހުންނީ މުއުމިނުން ކަމުގައިވާނަމަ، އެފަދަކަމަކަށް ދުވަހަކުވެސް އެނބުރި ނުދިއުމަށް ﷲ ތިޔަބައިމީހުންނަށް ވައުޒު އިއްވަވަ އެވެ. އަދި ﷲ ތިޔަބައިމީހުންނަށްޓަކައި އާޔަތްތައް ބަޔާންކޮށްދެއްވަ އެވެ. ﷲ އީ، މޮޅަށް ދެނެވޮޑިގެންވާ، ހަކީމްވަންތަ ރަސްކަލާނގެ އެވެ."