Advertisement

ވިލާގެ ޗުކުމޭކާގެ ޑީލް ނިންމައި ޗެލްސީން ކުކުރޭލާގެ ސޮއިހޯދުމާ ގާތަށް

5 އޮގަސްޓު 2022 - 02:24 0


ވިލާގެ ޗުކުމޭކާގެ ޑީލް ނިންމައި ޗެލްސީން ކުކުރޭލާގެ ސޮއިހޯދުމާ ގާތަށް

5 އޮގަސްޓު 2022 - 02:24 0

ލަންޑަން (އޮގަސްޓް 4) - އެސްޓަން ވިލާ އަށް ކުޅެމުންދިޔަ ޒުވާން މިޑްފީލްޑަރު ކާނީ ޗުކުމޭކާ ޗެލްސީ އަށް ސޮއިކުރިއިރު، ޗެލްސީން ބްރައިޓަން އަށް ކުޅެމުން އައި ސްޕެނިޝް ފުލްބެކް، މާކް ކުކުރޭލާގެ ޑީލް ނިންމުމާ ގާތަށް ޖެހިލައިފި އެވެ.

އިންގްލެންޑްގެ 19 އަހަރުން ދަށުގެ ޓީމުގެ ތަރިއެއް ކަމަށްވާ ޗުކުމޭކާ ޗެލްސީ އަށް ބަދަލުވީ 24 މިލިއަން ޑޮލަރުގެ ޓްރާންސްފާ ފީއެއްގައި ކަމަށް މީޑިއާ ރިޕޯޓްތަކުން ބުނެ އެވެ.

ވިލާ ދޫކޮށް ޗެލްސީ އަށް ޗުކުމޭކާ ބަދަލުވީ އޭނާގެ ކޮންޓުރެކްޓް އާކުރުމަށް ވިލާއާ އެކު އެއްބަސްވުމަކަށް ނާދެވުމުންނެވެ. ވިލާއާ އެކު އެނާ ހަދާފައިވާ ކޮންޓުރެކްޓް އަންނަ އަހަރު ހަމަވިޔަސް، ވިލާގެ ކޮންޓުރެކްޓް އާކުރުމަށް ޗުކުމޭކާ ދެކޮޅު ހެދި އެވެ. އެހެންވެ، ވިލާގެ ޕްރީ ސީޒަން ޓުއާ އަށް ގެންދިޔަ ސްކޮޑްގައި ޗުކުމޭކާ އަށް އެ ޓީމުގެ ކޯޗު ސްޓީވަން ޖެރާޑް ޖާގައެއް ނުދެ އެވެ.

އަންނަ އޮކްޓޯބަރު މަހު އުމުރުން 19 އަހަރު ފުރޭ ޗުކުމޭކާ ވިލާގެ ސީނިއާ ޓީމުން ޖާގަ ހޯދީ މިދިޔަ އަހަރުގެ މެއި މަހު އެވެ. މިދިޔަ ސީޒަންގައި އޭނާ ވަނީ ވިލާ އަށް 14 މެޗުގައި ކުޅެފަ އެވެ. އެކަމަކު، ޕްރިމިއާ ލީގުގެ މެޗެއްގައި ފުރަތަމަ 11ގައި ހިމެނުނީ ދެ ފަހަރެވެ.

އިނގިރޭސި ޒުވާން ޓީމުގެ މެޗެއްގެ ތެރެއިން ޗުކުމޭކާ (މ) ބޯޅަ ހިފައިގެން.


ޗުކުމޭކާ އަކީ ޗެލްސީއާ އެމެރިކާގެ މަހުޖަން ޓޮޑް ބޮއެލީ ހަވާލުވި ފަހުން، އެ ޓީމަށް ސޮއިކުރި ތިން ވަނަ ކުޅުންތެރިޔާ އެވެ. މީގެ ކުރިން ޗެލްސީން ވަނީ ރަހީމް ސްޓާލިން އާއި ކަލީދޫ ކުލިބާލީ އެ ޓީމަށް ގެނެސްފަ އެވެ. އަދި ޗެލްސީން ވަނީ އެ ޓީމުގެ ކެޕްޓަން ސެޒާ އަޒްޕިލިކުއޭޓާގެ ކޮންޓްރެކްޓް 2024 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް އާ ކޮށްފަ އެވެ.

ޗެލްސީން މިހާރު މަސައްކަތް ކުރަމުން އަންނަނީ ކުކުރޭލާގެ ޑީލް ވެސް އަވަހަށް ނިންމުމަށެވެ. ކުކުރޭލާ، 23، ގަންނަން މި ފަހަރު މެންޗެސްޓާ ސިޓީން ކުރި ތިން ބިޑް ވެސް ބްރައިޓަން އިން ވަނީ އަނބުރާ ފޮނުވާލައިފަ އެވެ. ސީޓީން އެންމެ ފަހުން، ކުކުރޭލާ އަށް ކުރީ ޖުމްލަ އެކުގައި 55 މިލިއަން ޑޮލަރުގެ ބިޑެކެވެ. ރިޕޯޓްތައް ބުނާގޮތުން ޗެލްސީން ކުކުރޭލާ ގަންނާނީ ފަސް އަހަރުގެ ކޮންޓްރެކްޓެއްގައި ޖުމްލަ އެކުގައި 60 މިލިއަން ޑޮލަރުގެ ޕެކޭޖެއްގެ ތެރެއިންނެވެ.

ބާސެލޯނާގެ މަޝްހޫރު ލަ މާސިއާ އެކެޑަމީން ޑިވެލޮޕްވި ކުކުރޭލާ، ބާސެލޯނާ ދޫކޮށްލުމަށް ފަހު 2020-2021 ވަނަ ސީޒަނުގައި ކުޅުނީ ސްޕެއިނުގެ ގެޓަފޭ އަށެވެ. އެ ޓީމުން ފާހަގަވެގެން މިދިޔަ އަހަރުގެ އޮގަސްޓް މަހު ބްރައިޓަން އިން ވަނީ 22 މިލިއަން ޑޮލަރު ދީފައި، ފަސް އަހަރުގެ ކޮންޓްރެކްޓެއްގެ ދަށުން ކުކުރޭލާގެ ސޮއި ހޯދައިފަ އެވެ. މިދިޔަ ސީޒަނުގައި ބްރައިޓަންގައި ކުކުރޭލާ ދެއްކި ކުޅުމުގެ ސަަބަބުން ސްޕެއިން ސީނިއާ ގައުމީ ޓީމުން ވެސް އޭނާ އަށް ފުރުސަތު ލިބުނެވެ.