Advertisement

ގްރޫޕްގެ ފަހު މެޗުން ބީޗްވޮލީ ޓީމު ދެކުނު އެފްރިކާ އަތުން ބަލި

4 އޮގަސްޓު 2022 - 11:27 0

ދެކުނު އެފްރިކާ އާއި ރާއްޖޭގެ ބީޗްވޮލީ ޓީމު ކޮަމަންވެލްތު ގޭމްސްގައި ކުޅުނު މެޗުގެ ތެރެއިން.-- ފޮޓޯ: މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ


ގްރޫޕްގެ ފަހު މެޗުން ބީޗްވޮލީ ޓީމު ދެކުނު އެފްރިކާ އަތުން ބަލި

4 އޮގަސްޓު 2022 - 11:27 0

އިނގިރޭސިވިލާތުގެ ބާމިންހަމްގައި މިހާރު ކުރިއަށްދާ ކޮމަންވެލްތު ގޭމްސްގެ ބީޗްވޮލީބޯޅަ އިވެންޓްގައި ވާދަކުރާ ރާއްޖޭގެ ގައުމީ ބީޗްވޮލީބޯޅަ ޕެއާ، އިސްމާއިލް ސާޖިދު (ކުޑަކާއްޓެ) އާއި އާދަމް ނަސީމް (އެޑަމް)ގެ ޕެއާ، ގްރޫޕް ސްޓޭޖު ފަހު މެޗުން ބަލިވެ މުބާރާތުން ކަޓައިފި އެވެ.

ރޭ ބާމިންހަމްގެ ސްމިތުފީލްޑް ބީޗްވޮލީބޯޅަ ކޯޓުގައި ކުޅުނު މެޗުގައި ކުޑަކާއްޓެ އާއި އެޑަމްގެ ޕެއާ ބަލިވީ 2-1 ސެޓުންނެވެ. ދެކުނު އެފްރިކާގެ ލިއޯ ވިލިއަމްސް އާއި ގްރާންޓް ގޯލްޑްޝްމިޑްގެ ޕެއާ އިން ފުރަތަމަ ސެޓު، 21-16 އިން ގެންދިޔަ ނަމަވެސް، ކުޑަކާއްޓެ އާއި އެޑަމްގެ ޕެއާ އިން ވަނީ ދެ ވަނަ ސެޓު 14-21 އިން ގެންގޮސް އެއްވަރުކޮށްފަ އެވެ. އެކަމަކު، ނަތީޖާ ނެރެން ކުޅުނު ތިން ވަނަ ސެޓުގައި، ގޯލްޑްޝްމިޑް އާއި ވިލިއަމްސްގެ ޕެއާ މޮޅުވީ 15-11 އިންނެވެ.

ދެކުނު އެފްރިކާ އަތުން ރޭ މޮޅުވެގެން، ރާއްޖެ އަށް ކުއާޓާ ފައިނަލަށް ދެވެން އޮތެވެ. އެކަަމަކު، ބަލިވުމުން ފުރަތަމަ ފަހަރަށް ކޮމަންވެލްތު ގޭމްސްގައި ކުރި ދަތުރު ބީޗްވޮލީ އަށް ނިމުނީ އެވެ.

ބީޗްވޮލީ ޓީމުގެ ކުޑަކާއްޓެ އާއި އެޑަމްގެ ޕެއާ.-- ފޮޓޯ: މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ


ބީޗްވޮލީ ޓީމުން ފުރަތަމަ ދެ މެޗުގައި ބަލިވީ އެންމެ ފަހުގެ ޗެމްޕިއަން އޮސްޓްރޭލިއާ އަތުންނާއި ރުވާންޑާ އަތުންނެވެ. އެ ގޮތުން އޮސްޓްރޭލިއާގެ ކްރިސް މެކްހިއު އާއި ޕޯލް ބާނެޓްގެ ޕެއާ އިން ކުޑަކާއްޓެ އާއި އެޑަމްގެ ޕެއާ އަތުން މޮޅުވިއިރު، ސެޓުތައް ގެންދިޔައީ 21-13، 21-17 އިންނެވެ. ދެ ވަނަ މެޗުގައި ރުވާންޑާގެ ވެނޫސްޓޭ ގަޓްސިންޒީ އާއި އޮލިވާ އެންޓަގެންގްވާގެ ޕެއާ އަތުން ކުޑަކާއްޓެ އާއި އެޑަމްގެ ޕެއާ ބަލިވީ 2-1 ސެޓުންނެވެ. ސެޓުތައް ދިޔައީ، 21-16، 21-14 އަދި 16-14 އިންނެވެ.

ގައުމީ ބީޗްވޮލީބޯޅަ ޓީމުގެ ކޯޗު ވިނީޝިއުސް މާޓިން ޖިއޯނީ ބުނީ އޮސްޓްރޭލިއާއާ ދެކޮޅަށް ރަނގަޅު ކުޅުމެއް ދެއްކުނު ކަމަށާއި ރުވާންޑާ އާއި ދެކުނު އެފްރިކާ މެޗަކީ ކުޑަކާއްޓެ އާއި އެޑަމްގެ ޕެއާގެ އެންމެ ރަނގަޅު ކުޅުން ދައްކައިގެން މޮޅުވެވޭނެ މެޗުތަކެއް ކަމަށެވެ.

މި ފަހަރުގެ ކޮމަންވެލްތު ގޭމްސްގައި ކުޅެލަން މި ލިބުނު ރަނގަޅު މެޗުތަކުގެ އަލީގައި ކުރިއަށް އޮތްތަނުގައި ޓީމު ރަނގަޅުކުރެވޭނެ ކަމަށް ވިނީޝިއުސް ގަބޫލުކުރެ އެވެ.