Advertisement

ކޮމަންވެލްތު ގޭމްސް: ނިބާލް، ފިރިހެން ސިންގަލްސްގެ ދެ ވަނަ ބުރަށް

4 އޮގަސްޓު 2022 - 04:33 0

މި ފަހަރުގެ ކޮމަންވެލްތު ގޭމްސްގެ މެޗެއްގެ ތެރެއިން ނިބާލް: އޭނާ ވަނީ ފިރިހެން ސިންގަލްސް ދެ ވަަނަ ބުރަށް ދަތުރުކޮށްފައި.-- ފޮޓޯ: މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ


ކޮމަންވެލްތު ގޭމްސް: ނިބާލް، ފިރިހެން ސިންގަލްސްގެ ދެ ވަނަ ބުރަށް

4 އޮގަސްޓު 2022 - 04:33 0

އިނގިރޭސިވިލާތުގައި މިހާރު ކުރިއަށްދާ ކޮމަންވެލްތު ގޭމްސްގެ ފިރިހެން ސިންގަލްސް ދެ ވަނަ ބުރުން ގައުމީ ބެޑްމިންޓަން ޓީމުގެ ނިބާލް އަހުމަދު ފުރުސަތު ހޯދައިފި އެވެ.

މެލޭޝިއާގައި ތަމްރީން ހަދަމުން އަންނަ، ނިބާލް ވަނީ އިއްޔެ ފިރިހެން ސިންގަލްސް ފުރަތަމަ ބުރު (64 ކުޅުންތެރިން ވާދަކުރާ ބުރު) ގައި ފޯކްލޭންޑް އައިލެންޑްގެ ޑަގްލަސް ކްލާކް ސީދާ ދެ ސެޓުން ބަލިކޮށްފަ އެވެ. ނިބާލް ސެޓުތައް ގެންދިޔައީ 21-10، 21-11 އިންނެވެ.

ފިރިހެން ސިންގަލްސްގެ ފުރަތަަަމަ ބުރުގައި ޒަޔާން ޒަކީ ވަނީ ޒަމްބިއާގެ ކަލޮމްބޯ މުލެންގާ އަތުން 16-21، 08-21 އިން ބަލިވެފަ އެވެ.

މިއަދު ކުޅޭ ފިރިހެން ސިންގަލްސް ދެ ވަނަ ބުރު (32 ކުޅުންތެރިންގެ ބުރު)ގެ މެޗުގައި ނިބާލް ނުކުންނާނީ ސިއެރަ ލިއޯންގެ އިބްރާހިމް އިޒާގޯ ކޮންޓޭއާ ދެކޮޅަށެވެ. ފިރިހެން ސިންގަލްސްގެ ދެ ވަނަ ބުރުގައި ރާއްޖޭގެ މުހައްމަދު އަޖުފާން ރަޝީދު ވެސް ވާދަކުރާނެ އެވެ. އަޖުފާން ކުޅޭ މެޗުގައި ބައްދަލުކުރާނީ ގާނާގެ އަހުމަދު އަބްދުލް ސަމަދުއާ އެވެ.

ރާއްޖޭގެ އަންހެން ޑަބަލްސް ޕެއާ އާއި މިކްސް ޑަބަލްސް ދެ ޕެއާ ވަނީ އިއްޔެ ކުޅުނު މެޗުތަކުން ބަލިވެ، އެ އިވެންޓްތަކުން ކަޓައިފަ އެވެ. އެ ގޮތުން ރާއްޖޭގެ އަންހެން ޑަބަލްސް ޕެއާ، އައިމިނަތު ނަބީހާ އާއި ފާތިމަތު ނަބާހާގެ ޕެއާ ބަލިވީ އޮސްްޓްރޭލިއާގެ އީއާ ކެޓްލީން އާއި ޔޫ އެންޖެލާގެ ޕެއާ އަތުން 13-21 އާއި 15-21 އިންނެވެ.

މިކްސް ޑަބަލްސްގައި ޒަޔާން އާއި ނަހާގެ ޕެއާ ބަލިވީ ސްކޮޓްލެންޑްގެ ގްރިމްލީ ކްރިސްޓޮފާ އާއި އޮޑޯނެލް އިލެނޯގެ ޕެއާ އަތުން 21-08، 21-09 އިންނެވެ. މިކްސް ޑަބަލްސްގައި ދެން ވާދަކުރި ރާއްޖޭގެ ޕެއާ، އަޖުފާން އާއި ނަބީހާގެ ޕެއާ ބަލިވީ ސިންގަޕީޫރުގެ އެންޑީ ޖުން ލިއާން އާއި ޖިން ޔޫޖިއާގެ ޕެއާ އަތުންނެވެ. އެ ޕެއާ އިން ސެޓުތައް ގެންދިޔައީ 21-03، 21-12 އިންނެވެ.

މުބާރާތުގައި މިއަދު އަންހެން ސިންގަލްސްގައި ރާއްޖޭގެ ނަބާހާ ބައްދަލުކުރާނީ އިންޑިއާގެ ތަރި، ޕީވީ ސިންދޫއާ އެެވެ. އަންހެން ސިންގަލްސްގައި ނަބީހާ ކުޅޭނީ ސިންގަޕޫރުގެ ހާން އިންސްޔިރާއާ ދެކޮޅަށެވެ.

ފިރިހެން ޑަބަލްސްގައި ޒަޔާން އާއި ރިޝްވާން ޝިޔާމްގެ ޕެއާ އިން ސްކޮޓްލެންޑްގެ ކްރިސްޓޮފާ ގްރިމްލީ އާއި މެތިއު ގްރިމްލީގެ ޕެއާއާ ބައްދަލުކުރާނެ އެވެ. އަދި އަޖުފާން އާއި ނިބާލްގެ ޕެއާ ނުކުންނާނީ ފޯކްލޭންޑް އައިލެންޑްގެ ޗާޓާ ބެން އާއި ޖޯޝުއާ ޑްވައިޓްއާ ދެކޮޅަށެވެ.