3 އޮގަސްޓު 2022 - 19:17 0
އަމަން ހަލީމް
ކުޑަހުވަދޫ ރައްޔިިތުން މިއަދު ހަވީރު ފެށި އިހުތިޖާޖުގެ ތެރެއިން: މި މައްސަލަ ފެށުނީ އެ ރަށުގައި ހާޓްއެޓޭކެއް ޖެހުނު މީހަކު އެމަޖެންސީގައި މާލެ ނުގެންގޮސްދެވިގެން. -- ފޮޓޯ: ޔުނައިޓެޑް ކުޑަހުވަދޫ ފޭސްބުކް ޕޭޖް
3 އޮގަސްޓު 2022 - 19:17 0
ހާޓް އެޓޭކެއް ޖެހުނު މީހަކު އިމަޖެންސީގައި މާލޭ ގެންގޮސްދޭން ފްލައިޓެއް ހަމަނުޖެހުމުން ދ. ކުޑަހުވަދޫގައި އުފެދުނު މައްސަލައާ ގުޅިގެން މަންޓާ އެއާއާ ދެކޮޅަށް ކުޑަހުވަދޫ ރައްޔިތުން އަނެއްކާ ވެސް އިހުތިޖާޖު ކުރަން ފަށައިފި އެވެ.
މި މައްސަލައިގައި ހޯމަ ދުވަހުގެ ރެއިން ފެށިގެން ކުޑަހުވަދޫ ރައްޔިތުން ދަނީ މަންޓާ އެއާ އާއި ދާލު އެއާޕޯޓުގެ އިސްބޭފުޅުންނާ ދެކޮޅަށް އަޑުއުފުލަމުންނެވެ.
އެ ރޭ އެއާޕޯޓުގެ ބޭރުގައި މީހުންނަށް ނުނިކުމެވޭނެހެން ޓިނުޖަހާ ބަންދުކުރުމާ ގުޅިގެން، އެއާޕޯޓުގެ އޮޕަރޭޝަންތައް ހުއްޓާލާ ހިސާބަށް ކަންތައްތައް ދިޔަ އެވެ. އަދި އެ ސަރަހައްދުގައި އެއްވެ ތިބި މީހުން ހުއްޓުވަން ދިޔަ ފުލުހުންނާ އާންމުންނާ ދެމެދު ކުރިމަތިލުންތަކެއް ހިނގާ އެކަކު ހައްޔަރު ވެސް ކުރި އެވެ.
އެފަހުން އިހުތިޖާޖު މެދުކަނޑާލުމަށްފަހު، މިއަދު ހަވީރު އެ ރަށު ރައްޔިތުން ވަނީ އެއާޕޯޓު ސަރަހައްދުގައި އަނެއްކާ އަޑުއުފުލަން ފަށާފަ އެވެ. ސޯޝަލް މީޑިއާގައި ލައިވްކުރި ވީޑިއޯއަކުން ފެންނަ ގޮތުގައި ބެނާތަކާއި ބޯޑުތައް ހިފައިގެން ތިބި ގިނަ އަދަދެއްގެ ބަޔަކު އެ ސަރަހައްދަށް ވަނީ ޖަމާވެފަ އެވެ.
އެތަނަށް ޖަމާވެ ތިބި މީހުން ހިފައިގެން ތިބި ބޯޑުތަކުގައި ދިވެހިންނާއި އިނގިރޭސިން މަންޓާ އާއި ދެކޮޅު ޝުއޫރުތައް ލިޔެފައިވާއިރު، އެ މީހުންގެ ފުރާނަ މުހިންމު ކަމަށާއި ފައިދާއަށް ވުރެ އިސްކުރަންވީ މީހުން ކަމަށާއި އަދި މިއީ އަހަރަމެންގެ ބިން ކަމަށް ދޭހަވާ އިބާރާތްތައް ވެސް ލިޔެފައި ހުއްޓެވެ. ބައެއް މީހުން ވަނީ މަންޓާ ބޭރުކުރާށާއި މަންޓާ އެއާގެ ސީއީއޯ މުހައްމަދު ހަލީލް ޖަވާބުދާރީ ކުރާށާއި ހައްޔަރުކުރަން ވެސް ގޮވާލާފަ އެވެ.
އެ މުޒާހަރާގެ ބައިވެރިންގެ ތެރެއިން އަޑުގަދަކުރާ ބޭނުންކޮށްގެން ވާހަކަ ދެއްކި އެކަކު ބުނި ގޮތުގައި އެ މީހުން ބޭނުންވަނީ ހަލީލްއާ ބައްދަލުކުރާށެވެ. އަދި އިހުތިޖާޖު ކުރުން ހުއްޓާލާނީ އެކަން ކުރެވުމުން ކަމަށް އެ މީހާ ބުންޏެވެ.
ކުޑަހުވަދޫ ރައްޔިތުންގެ ހިތްހަމަނުޖެހުން ހުރި ނަމަވެސް މަންޓާ އެއާ އިން ވަނީ ހުރިހާ ތުހުމަތަކުން ބަރީއަވެފަ އެވެ. އެގޮތުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހަލީލު ވިދާޅުވީ، އެ މީހާގެ ބަލި ހާލަތު އެއާޕޯޓުގެ މުވައްޒަފުންނަށް އެނގުނީ ވެސް ފަހުން ކަމަށާއި، އެނގުމާއެކު އުފުލައިދޭން މަސައްކަތް ކުރި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މިކަން ހިނގައިދިޔަ ގޮތާ މެދު ކަންބޮޑުވުން ފާޅުކުރަމުން ހަލީލް ތުހުމަތުކުރެއްވީ މިއީ ސިޔާސީ މަގުސަދެއްގައި ބަޔަކު ކުރި ކަމެއް ތުހުމަތުކުރައްވާފަ އެވެ. އަދި މިދެވެނީ ވަރަށް ނުބައި މެސެޖެއް ކަމަށް ވިދާޅުވެ، އެފަދަ ކަންކަން ހުއްޓުވަން އޭނާ ސަރުކާރަށް ގޮވާލެއްވި އެވެ.
މި މައްސަލަގަނޑުގެ ތެރޭގައި އެއާޕޯޓަށް ފުރަން އައިސް ތިބި 12 ޓޫރިސްޓުން ނުފުރި އެތަނުގައި ތާށިވި އެވެ.
Comment