Advertisement

ކާރިސާ ދިގުލައިގެން ދާތީ ގައުމަށް އޮތް ނުރައްކާ ބޮޑު: ރަނިލް

3 އޮގަސްޓު 2022 - 14:59 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ސްރީލަންކާގެ ރައީސް ރަނިލް ވިކްރަމަސިންހަ. -- ފޮޓޯ: އޭއެފްޕީ


ކާރިސާ ދިގުލައިގެން ދާތީ ގައުމަށް އޮތް ނުރައްކާ ބޮޑު: ރަނިލް

3 އޮގަސްޓު 2022 - 14:59 0

ކޮލޮމްބޯ، ސްރީލަންކާ (އޯގަސްޓް 3) - ތެލުގެ ދަތިކަމާ އެކު ސްރީލަންކާގެ އިގްތިސާދީ ކާރިސާ ދިގުލައިގެން ދާތީ ގައުމަށް އޮތް ނުރައްކާ ވަރަށް ބޮޑު ކަމަށް ރައީސް ރަނިލް ވިކްރަމަސިންހަ ވިދާޅުވެއްޖެ އެވެ.

ހަ ފަހަރު ބޮޑު ވަޒީރުކަން ކުރައްވާފައިވާ އުމުރުން 73 އަހަރުގެ ރަނިލް ރައީސް ކަމަށް ވަަޑައިގެންނެވީ، ކުރިން އެ މަގާމުގައި ހުންނެވި ގޮތަބަޔާ ރާޖަޕަކްސަ ޖުލައި މަހު އިސްތިއުފާ ދެއްވުމުން، ޕާލިމެންޓުގެ ވޯޓުންނެވެ.

ޕާލިމެންޓުގެ އާ ދައުރު ފެށުމުގެ ގޮތުން ދެއްވި ބަޔާނުގައި ރަަނިލް ވިދާޅުވީ އިގްތިސާދީ ކާރިސާއާ ގުޅިގެން ސީރިއަސް ކާރިސާއެއް ވެސް ކުރިމަތިވެއްޖެ ކަމަށެވެ.

"މިއަދު އަޅުގަނޑުމެންނަށް ކުރިމަތިވެފައި މި ވަނީ ފަހުގެ ތާރީހެއްގައި މި ގައުމަށް ކުރިމަތި ނުވާ ފަދަ ހާލަތެއް. ގައުމު މި އޮތީ ބޮޑު ނުރައްކަލަކަށް ހުށަހެޅިފައި،" ރަނިލް ވިދާޅުވި އެވެ.

ރަނިލް ވިދާޅުވީ މި ކާރިސާއިން އަރައިގަނެވެން އޮތް ހަމައެކަނި މަގަކީ ހުރިހާ ރައްޔިތުން އެއް ބަަޔެއްގެ ގޮތުގައި ގޮންޖެހުންތަކާ ކުރިމަތިލުން ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) ގެ އެހީ ހޯދަން ކުރާ މަަޝްވަރާތަކުން ކުރިއެރުން ލިބެމުންދާ ކަމަށެވެ. ނަމަވެސް އެއްބަސްވުމަކާ ހަމައަށް ދެވޭނެ ޓައިމްލައިނެއް ނުދެއްވަ އެވެ.

ޕެޓްރޯލާއި ޑީސެލް އެތެރެ ކުރަން އިންޑިއާއިން ކްރެޑިޓް ލައިން ފޯރުކޮށްދީފަައި ވާތީ ޝުކުރު އަދާ ކުރެއްވުމަށް ފަހު ރަނިލް ވިދާޅުވީ އިމްޕޯޓަށް ފައިސާ ދައްކަން ލަންކާއަށް ބޭރު ފައިސާ ހޯދަން ޖެހޭ ކަމަށެވެ.

އޭގެ އިތުރުން ޖަޕާނުގެ ދެ އިންފްރާސްޓްރަކްޗާ އިންވެސްޓްމަންޓުން ގައުމަށް ތިން ބިލިއަން ޑޮލަރު ހޯދޭނެ ގޮތް ފަހިވެފައި ވަނިކޮށް، އެ މަޝްރޫއު ބަލައިނުގަތުމުން ކުރީގެ ރައީސް ގޮތަބަޔާއަށް ފާޑުވިދާޅުވި އެވެ.

ރަނިލް ވިދާޅުވީ ލައިޓް ރެއިލް ޓްރާންސިޓް (އެލްއާރްޓީ) އަދި ކޮލޮމްބޯ ބަނދަރުގައި ޑީޕް ސީ ޓާމިނަލް ހަދަން އޮތް މަޝްރޫއު ކެންސަލް ކުރުމުން ޖަޕާނާ އެކު އޮތް ގުޅުމަށް ވެސް އަސަަރު ކުރި ކަމަށެވެ.

އެހެން ނަމަވެސް، ރަނިލްގެ ބަޔާނުގައި ޗައިނާގެ ވާހަކަ ފާހަގަައެއް ނުކުރައްވަ އެވެ. ލަންކާާގެ ލޯނުތަކުގެ 10 ޕަސެންޓު ދައްކަން ޖެހެނީ ޗައިނާއަށް ކަަމަށް ވާ އިރު، ދަރަނި ރީސްޓްރަކްޗާ ކުރުމުގައި ޗައިނާާއިން އެއްބަސްވުމަކަށް އައުން މުހިއްމެވެ.