3 އޮގަސްޓު 2022 - 03:47 0
އިންޑިއާ އާއި ރާއްޖެ ކުޅުނު މެޗުގެ ތެރެއިން.--- ފޮޓޯ: ސައުތު އޭޝިއަން ފުޓްބޯލް ފެޑެރޭޝަން
3 އޮގަސްޓު 2022 - 03:47 0
ވިހި އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގައި މިރޭ އިންޑިއާ އިން ފަހު ވަގުތު 1-0 އިން ރާއްޖެ ބަލިކޮށް މުބާރާތުގެ ފައިނަލުން ޖާގަ ހޯދައިފި އެވެ.
ފަސް ގައުމުގެ މެދުގައި ކުޅޭ 20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގެ ފައިނަލުގައި އިންޑިއާ އިން އަންނަ ހުކުރު ދުވަހު ކުޅޭނީ ބަންގްލަދޭޝްއާ އެވެ. ލީގު ބުރުގައި ބަންގްލަދޭޝް އިން ވަނީ އިންޑިއާ 2-1 އިން ބަލިވެފަ އެވެ. ބަންގްލަދޭޝް ފައިނަލަށް ދިޔައީ މެޗަކުން ބަލިނުވެ އެވެ. އެންމެ ފަހުގެ ޗެމްޕިއަން ނޭޕާލާ ދެކޮޅަށް މިރޭ ކުޅުނު މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ.
އިންޑިއާގެ ބުބަނޭޝްވަރުގެ ކަލިންގާ ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗުގައި ރާއްޖޭގެ ގޯލު ބެލެހެއްޓީ ޔޫސުފް މީސަމް އަބްދުﷲ އެވެ. ފުރަތަމަ ތިން މެޗުގައި ރާއްޖޭގެ ގޯލުގައި ކުޅުނީ ޝައިހާން އަލީ އެވެ. މިރޭގެ މެޗުގައި މީސަމް ރާއްޖޭގެ ގޯލު ބެލެހެއްޓިއިރު، މުޅި މެޗުގައި ކަހަލަ ގޮތަކަށް ރާއްޖޭން ބޮޑަށް ކުޅުނީ ޑިފެންސިވްކޮށް ފަހަތް އޮގަނައިޒްކޮށްގެންނެވެ. ކައުންޓަ އެޓޭކުގައި އިންޑިއާ ފަހަތަށް ޕްރެޝަރުކުރަން ރާއްޖޭން މަސައްކަތް ކުރި ނަމަވެސް އިންޑިއާ އިން އެ ފުރުސަތެއް ނުދިނެވެ.
އިންޑިއާއާ ދެކޮޅަށް މިރޭގެ މެޗުގައި ރާއްޖޭން ނެރުނު ފުރަތަމަ އެގާރަ ކުޅުންތެރިން.--- ފޮޓޯ: ސާފް
މިރޭގެ މެޗުގައި އިންޑިއާ އިން ގޯލު ޖެހީ 90 ވަނަ މިނިޓްގަ އެވެ. އިންޑިއާ ކުޅުންތެރިއަކު އޭރިއާބޭރުން ޖެހި ބޯޅައެއް ރާއްޖޭގެ ކެޕްޓަން ހުމެއިދު ހުސައިން ބްލޮކްކުރަން ޖައްސާލި ބޯޅަ އޭރިއާތެެރެއިން ލިބުނީ އިންޑިއާގެ ގުރްކިރާތު ސިންގް އަށެވެ. އޭނާ އެއް ފަހަރުން ޖެހި ބާރު ބޯޅަ ގޯލުގެ މަތީ ދާގަނޑަށް އަމާޒުވިއިރު، ރާއްޖޭގެ ކީޕަރު މީސަމް އަށް ވެސް އެ ބޯޅަ ހުއްޓުވަން ކުރެވޭނެ މާ ބޮޑު ކަމެއް ނެތެވެ.
އަހުމަދު ޝާކިރު (ޝާކިއްޓެ)ގެ ކޯޗުމަުގައި މި ފަހަރުގެ 20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕް ރާއްޖޭން ނިންމާލީ ޕޮއިންޓަކާ އެކު ލީގު ބުރުގެ ހަތަރު ވަނައިގަ އެވެ. އެއް ވަނަ ދިޔަ ބަންގްލަދޭޝަށް 10 ޕޮއިންޓް ލިބުނުއިރު، އިންޑިއާ ދެ ވަނަ ހޯދީ ނުވަ ޕޮއިންޓާ އެކު އެވެ. ތިން ވަނަ އަށް ދިޔަ ނޭޕާލަށް ހަތް ޕޮއިންޓް ލިބުނުއިރު، ހަތަރެއްގައި ނިންމި ރާއްޖެ އާއި ފުލަށް ދިޔަ ލަންކާ އަށް ލިބުނީ އެއް ޕޮއިންޓެވެ.
ރާއްޖެ އަށް 20 އަހަރުން ދަށުގެ މުބާރާތުގައި މި ފަހަރު ދިމާވި އެންމެ ބޮޑު މައްސަލަ އަކީ ފުރަތަމަ ދެ މެޗުގެ ނަތީޖާ ގޯސްވުމެވެ. އެ ގޮތުން ފުރަތަމަ މެޗުުގައި ނޭޕާލް އަތުން 4-0 އިން ބަލިވިއިރު، ދެ ވަނަ މެޗުގައި ބަންގްލަދޭޝް އިން ވަނީ ފުރަތަމަ ހާފުގައި ޖެހި ހަތަރު ގޯލާ އެކު 4-1 އިން ރާއްޖެ އަތުން މޮޅުވެފަ އެވެ. ތިން ވަނަ މެޗުގައި ލަންކާ އަތުން ރާއްޖެ މޮޅުވާން ދަނިކޮށް ފަހު ވަގުތު، ލަންކާ އިން ވަނީ 1-1 އިން އެއްވަރުކޮށްފަ އެވެ. އަދި ލަންކާ މެޗެކޭ އެއްގޮތަށް މިރޭ ވެސް ފަހު ވަގުތު އިންޑިއާ އިން ގޯލު ޖެހުމުން ރާއްޖެ އަށް މި މެޗުން ވެސް ޕޮއިންޓެއް ގެއްލުނީ އެވެ.
Comment