Advertisement

ދިއްފުށީގައި ފުލުހުންނަށް ހަމާލާދިން ކަމަށް ބުނާ މީހާއަށް ދައުވާކުރަން ފޮނުވަނީ

2 އޮގަސްޓު 2022 - 15:17 0

ފާތިމަތު އަޖްފާން

ފާތިމަތު އަޖްފާން

ކ. ދިއްފުށި--


ދިއްފުށީގައި ފުލުހުންނަށް ހަމާލާދިން ކަމަށް ބުނާ މީހާއަށް ދައުވާކުރަން ފޮނުވަނީ

2 އޮގަސްޓު 2022 - 15:17 0

ކ. ދިއްފުށީގައި އާންމުންގެ ބަޔަކު އެއްވެގެން، މީހަކަށް ވަރަށް އަނިޔާ ކުރަމުންދަނިކޮށް އޭނާ ސަލާމަތް ކުރަން އުޅުނު ފުލުހުންނަށް ހަމަލާދިން ކަމަށް ތުހުމަތުކުރާ މީހާގެ މައްސަލަ ދައުވާކުރަން ޕީޖީއަށް ފޮނުވުމަށް މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުނެފި އެވެ.

ދިއްފުށީގައި ހަމަލާ ދިނީ އެ ރަށަށް ދަތުރު ގޮސް އުޅުނު މީހަކަށް، ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތު އެޅުވުމަށްފަހު އެވެ.

ފުލުހުންނާ މާރާމާރީ ހިންގި މައްސަލާގައި ހައްޔަރު ކޮށްފައި ވަނީ 22 އަހަރުގެ ދިވެހި ފިރެހެނެކެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ގެންދިއުމުން ފުރަތަމަ ޖެހީ 10 ދުވަހެވެ. ނަމަވެސް ފަހުން އެ މީހާ ވަނީ ދޫކޮށްލާފަ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު "އަދަދު"އަށް ވިދާޅުވީ ފުލުހުންނަށް ހަމަލާދިން މީހާގެ މައްސަލާގައި އޭނާ ދޫކޮށްލާފައިވީ ނަމަވެސް، އެ މައްސަލައިގެ ތަހުގީގު މަރުހަލާ ނިންމާ ދައުވާ ކޮށްދިނުމަށް އެދި ޕީޖީއަށް ފޮނުވުމަށް ކުރަން ޖެހޭ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމަށް ބުނެ ދިއްފުށީގައި މާރާމާރީ ހިންގި މީހާއަށް ވަނީ ވަރަށް ބޮޑެތި އަނިޔާތައް ވެފަ އެވެ. އެގޮތުން އޭނާގެ މޫނު މަތި ދުޅަވެފައި ވާއިރު އެނާގެ ވާތު ލޮލަށް ވެސް ވަނީ ގެއްލުން ވެފަ އެވެ.

ވީޑިއޯގައި އަނިޔާ ލިބުން މީހާ ބުނެފައި ވަނީ އޭނާއަށް އަނިޔާ ކުރީ ފުލުހުންގެ ކުރިމަތީގައި ކަމަށާއި އެކަން ހުއްޓުވަން ފުލުހުންވެސް މަސައްކަތް ނުކުރާ ކަމަށެވެ. އަދި އެ ތަނުގައި އެވަގުތު ހަރަކާތްތެރިވި ބައެއް ފުލުހުންވެސް އަނިޔާ ކުރި ކަމަށް އޭނާ ތުހުމަތު ކުރެ އެވެ.

ނަމަވެސް ފުލުހުން ބުނީ އެއްވެސް ފުލުހަކު އޭނާއަށް އަނިޔާ ނުކުރާ ކަމަށާއި، ފުލުހުން މަސައްކަތް ކުރީ އެކަން ހުއްޓުވަން ކަމަށެވެ.

އެމީހާ ވަނީ ލިބުނު އަނިޔާތަކަށް އެ ރަށު ހޮސްޕިޓަލުން ފަރުވާ ދިނުމަށް ދެކޮޅު ހެދި ކަމަށްވެސް ބުނެފަ އެވެ.

ނަމަވެސް އެ ރަށު ހޮސްޕިޓަލުންވެސް ވަނީ އެ މީހާގެ ތުހުމަތުތައް ދޮގުކޮށްފަ އެވެ.