Advertisement

ސަރުކާރުގެ ސިޔާސަތާ ފުށުއަރާތީ ސްޓެލްކޯގެ އާ ފްލެޓު މަޝްރޫއު ހުއްޓުވައިފި

1 އޮގަސްޓު 2022 - 13:18 1

އައިޝަތު ނުޒުހާ

އައިޝަތު ނުޒުހާ

މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް-- ފޮޓޯ: އަދަދު ފައިލް


ސަރުކާރުގެ ސިޔާސަތާ ފުށުއަރާތީ ސްޓެލްކޯގެ އާ ފްލެޓު މަޝްރޫއު ހުއްޓުވައިފި

1 އޮގަސްޓު 2022 - 13:18 1

ސަރުކާރު ހިއްސާވާ ކުންފުނިތައް އިމާރާތް ކުރުމުގެ ދާއިރާއަށް ވަނުމަކީ ސަރުކާރުގެ ސިޔާސަތު ކަމަށް ނުވާތީ ސްޓެލްކޯއިން ފަށަން ނިންމި އާ ފްލެޓު މަޝްރޫއު ސަރުކާރުން ހުއްޓުވައިފި އެވެ.

ސްޓެލްކޯގެ ފްލެޓު މަޝްރޫއު ހުއްޓުވާފައިވާ ކަން ފިނޭންސް މިނިސްޓްރީގެ އޮފިޝަލަކު މި ނޫހަށް ވަނީ ކަށަވަރު ކޮށްދެއްވާފަ އެވެ.

"އެސްއޯއީތަކުން ސޯޝަލް ހައުސިން ޕްރޮޖެކްޓުތައް ހިންގުމަކީ ހަގީގަތުގައި ސަރުކާރުގެ ސިޔާސަތަކަށް ނުވާތީ، ޕޮލިސީ ލެވެލުން ނިންމާފައިވާ ނިންމުމެއް އެއީ،" އޮފިޝަލް ވިދާޅުވި އެވެ.

ސަރުކާރުން ކުންފުނީގެ ހައުސިން މަޝްރޫއު ހުއްޓުވާފައިވާއިރު، ސްޓެލްކޯއިން މިފަހުން ވެސް ވަނީ ވިލިމާލޭގައި ބޯހިޔާވަހިކަމުގެ މަޝްރޫއެއް ކުރިއަށް ގެންދަން ނިންމާފައިވާކަން އިއުލާނުކޮށްފަ އެވެ.

އެހެންނަމަވެސް، މި ނިންމުމާ ގުޅިގެން ސްޓެލްކޯގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ.

ސަރުކާރު ހިއްސާވާ ކުންފުނިތައް އިމާރާތް ކުރުމުގެ ދާއިރާއަށް ވަނުމާ ދެކޮޅު ކަން މީގެ ކުރިން ހައުސިން އަދި ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވަނީ ހާމަކުރައްވާފަ އެވެ.

މަޖިލީހަށް ހާޒިރުކޮށް މެންބަރަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އަސްލަމް ވިދާޅުވީ ވިޔަފާރި ފުޅާކުރުމުގެ ނަމުގައި ކަމާ ނުގުޅޭ އެހެން ދާއިރާތަކަށް ސަރުކާރުގެ ކުންފުނިތަކުން ވަނުމަކީ އެ ކުންފުނިތަކުގެ މައިގަނޑު މަސައްކަތާމެދު ފޯކަސް ގެއްލި، އެކަމުގެ ސަބަބުން ނުރަނގަޅު ނަތީޖާތަކެއް ނުކުމެދާނެ ކަމެއް ކަމަށެވެ.

"ކޮންޓްރެކްޓަރުންގެ ގޮތުގައި ރަޖިސްޓްރީވާން އެބަހުރޭ ލާފަ. އެއީ ގާނޫނީ ގޮތުން މަނާ ކަމެއް ނޫން އެކަން ކުރުމަކީ. އެކަމަކު އަޅުގަނޑު ދެކޭ ގޮތުގައި އެމީހުން ވަދެގެން ނުވާނެ އޭގެ ތެރެއަށް،" އަސްލަމް ވިދާޅުވެފައިވެ އެވެ.

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ޕްރޮޖެކްޓްތައް ހިންގުމަށް 2019 ވަނަ އަހަރު ވަނީ ފަހި ދިރިއުޅުން ކޯޕަރޭޝަން ނަމުގައި ކުންފުންޏެއް އުފައްދާފަ އެވެ. މި ކުންފުންޏަކީ ހެޔޮ އަގެއްގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް މަޝްރޫތައް ހިންގުމަށް އުފައްދާފައިވާ ކުންފުންޏެކެވެ.