31 ޖުލައި 2022 - 23:08 0
ރާއްޖެ އާއި ލަންކާ މިއަދު ކުޅުނު މެޗުގެ ތެރެއިން.--- ފޮޓޯ: ސާފް
31 ޖުލައި 2022 - 23:08 0
ވިހި އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގައި މިއަދު ކުޅުނު މެޗުން ފަހު ވަގުތު ސްރީ ލަންކާއާ 1-1 އިން އެއްވަރުވެ، ރާއްޖޭގެ ޒުވާން ޓީމަށް ބާކީ މެޗެއް އޮއްވައި ފައިނަލުގެ ފުރުސަތު ގެއްލިއްޖެ އެވެ.
ފަސް ގައުމު ވާދަކުރާ މި ފަހަރުގެ 20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕް ކުރިއަށްދަނީ އިންޑިއާގެ ބުބަނޭޝްވަރުގަ އެވެ. ލީގު ބުރުގެ އެއް ވަނައިގައި މި ވަގުތު އޮތީ ތިން މެޗުން ވެސް މޮޅުވި ބަންގްލަދޭޝް އެވެ. އެ ޓީމަށް ނުވަ ޕޮއިންޓް ލިބިފައިވާއިރު، ދެ ވަނައިގައި އޮތް އިންޑިއާ އާއި ތިން ވަނައިިގައި އޮތް ނޭޕާލަށް ވަނީ ތިން މެޗުން ހަ ޕޮއިންޓް ލިބިފަ އެވެ.
އިންޑިއާ އިން މިއަދު ވަނީ ނޭޕާލް 8-0 އިން ބަލިކޮށްފަ އެވެ. ހަތަރެއްގައި އޮތް ރާއްޖެ އާއި ފަސް ވަނައިގައި އޮތް ލަންކާ އަށް ވަނީ ޕޮއިންޓެއް ލިބިފަ އެވެ. ލަންކާގެ ހުރިހާ މެޗެއް ނިމުނުއިރު، ރާއްޖެ އަށް ދެން އޮތީ އަންގާރަ ދުވަހު އިންޑިއާއާ ކުޅޭ މެޗެވެ.
އިންޑިއާގެ ސުޕަ ލީގުގައި ކުޅޭ އޮޑިޝާ އެފްސީގެ ދަނޑު، ކަލިންގާ ސްޓޭޑިއަމްގައި މި ފަހަރުގެ 20 އަހަރުން ދަށުގެ މުބާރާތް ކުރިއަށްދާއިރު، ރާއްޖޭން މިއަދުގެ މެޗަށް ނުކުތީ ބަދަލުތަކެއް ގެނެސްގެންނެވެ. ރާއްޖޭގެ ޓީމަށް މި މެޗުގައި ލީޑުނަގައިިދިނީ 75 ވަނަ މިނިޓްގައި އައިހަމް ހަމްދޫން އެވެ. އޭރިއާތެރެއިން ލިބުނު ބޯޅައެއް އައިހަމް ވަނީ އެއް ފަހަރުން ޖަހައި ގޯލުގެ ކަނަށް ބޯޅަ އަމާޒުކޮށްލައިފަ އެވެ.
ރާއްޖެ މޮޅުވާނެ ކަމަށް ބަލައިގެން ތިއްބައި، ލަންކާ އިން އެއްވަރުކުރީ އިތުރު ވަގުތުގެ ތެރޭގަ އެވެ. އިތުރު ވަގުތުގެ ގޮތުގައި ދެއްކި ހަ މިނިޓްގެ ތެރެއިން ހަތަރު ވަނަ މިނިޓްގައި ލަންކާގެ ގޯލު ޖެހީ ތެސާން ތުޝްމިކާ އެވެ. ހިލޭ ޖެހުމަކުން ނެގި ބޯޅައެއް ގޯލަށް ފޮނުވާލަން ތެސާން އެރީ މުޅިން ހުސްކޮށެވެ. އޭނާ ވަނީ ރާއްޖޭގެ ކީޕަރު ޝައިހާން އަލީ އަތްކައިރިން ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިފަ އެވެ.
މި ފަހަރުގެ މުބާރާތުގައި ރާއްޖެ ކުޅުނު ފުރަތަމަ މެޗުން ނޭޕާލް އަތުން 4-0 އިން ބަލިވިއިރު، ދެ ވަނަ މެޗުގައި ބަންގްލަދޭޝް އިން ވަނީ 4-1 އިން ރާއްޖޭގެ މައްޗަށް ކުރިހޯދައިފަ އެވެ.
Comment